ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިންގެ ގަދަ ބާރު ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުގެ އުންމީދު ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑުން އާކޮށްފިއެވެ.
ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ކާމިޔާބު ކޮށްދިން ދެ ލަނޑާއި އެކު ސެވިއްޔާ އަތުން ރޭ ޑޯޓްމަންޑް މޮޅުވީ 2-3 ގެ ނަތީޖާއިންނެވެ.
ސެވިއްޔާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސެވިއްޔާ އިންނެވެ. މެޗުގެ ހަތްވަނަ މިނެޓްގައި ސެވިއްޔާ އަށް ލީޑް ނަގައިދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ފެނާންޑެސް ސައެޒް އެވެ. އެކަމަކު އޭގެ 12 މިނެޓް ފަހުން ހާލާންޑް ދިން ބޯޅައަކުން ޑޯޓްމަންޑްގެ މަހްމޫދު ދަހޫދު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އޭގެ އަށް މިނެޓް ފަހުން ދެން ފެނުނީ ޒުވާން ފޯވާޑް ހާލަންޑް ލަނޑެއް ޖަހައި ޑޯޓްމަންޑަށް ލީޑް ހޯދައިދިން ތަނެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހާލަންޑް އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 1-3 އަށް ބަދަލުކުރި އެވެ. ހާލަންޑްގެ މި ދެ ގޯލާ އެކު ޗެމްޕިއަންސް ލީގުގައި އޭނާ މިހާތަނަށް ކުޅުނު 13 މެޗުގައި ޖެހި ގޯލުގެ އަދަދު ވަނީ 18 އަށް އަށް އަރާފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ބޮރޫޝިއާ ޑޯޓްމަންޑް އޮތީ ދެލަނޑުގެ ލީޑަކާއި އެކު ކުރީގައެވެ.
ދެ ލަނޑުގެ ލީޑެއްގައި ޑޯޓްމަންޑުން ފުރަތަމަ ހާފު ނިންމާލި އިރު ދެވަނަ ހާފަށް ކުޅެން ނިކުމެ ސެވިއްޔާއިން ވަނީ މެޗުގެ ނަތީޖާ އަނބުރާލުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެޓީމަށް ވަނީ އެކަން ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ. އެހެން ނަމަވެސް ސެވިއްޔާ އިން ވަނީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި އޮއްވާ ލަނޑެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޮންގް އެވެ.
ސެވިއްޔާ އާއި ޑޯޓްމަންޑް ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ޑޯޓްމަންޑުގެ އަމިއްލަ ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް