ޒާރާއަށް ލޯހުޅުވާލެވުނީ މައިދައިތަ ދޮރުގައި ތަޅާ އަޑަށެވެ. ލޯ ހުޅުވާލެވުމާއެކު ފުންމައިގެން ތެދުވެވުނެވެ. ޒާރާއަށް ހައިރާންކަމެއް ލިބުނީ ހަށިގނޑުގައި އެއްވެސް ފޭރާމެއް ނެތުމުންނެވެ. އަވަސް އަވަހާ ރަޖާގަނޑު ގަޔާލާ ބޮނޑިކޮއްލެވުނެވެ. އެވަގުތު ޒާރާގެ ލޮލުގައި އަޅައިގަތީ އެނދުގެ ތިރީ ދޫލަމަތީގައި އޮތް އޭނާގެ ނިދާހެދުމާ ހަރުވާޅެވެ. ''ޒާރާ............... ދަރިފުޅާ................'' މައިދައިތަ ހުއްޓުމެއްނެތި ގޮވަމުން ދިޔައެވެ. އެހެންކަމުން އިތުރުކަމަކާ ވިސްނާލާނެ ފުރުސަތެއް ޒާރާއަކަށް ނުލިބުނެވެ. އަވަސް އަވަހާ ޓީޝާޓަކާ ހަރުވާޅެއް ލުމަށްފަހު ދޮރު ހުޅުވާލިއެވެ.
''ކިހިނެތްވެފަ ތިހިރީ............ ދަރިފުޅު ބަލީތަ............'' ޒާރާ ފެނުމާއެކު ސަރީފާއަށް ލިބުނު ސިހުން ވަކި ކުޑައެއް ނޫނެވެ. ހާވާލެވިފައިވާ ޒާރާގެ އިސްތަށިގަނޑާ، މޯޅިވެފައިވާ މޫނު ފެނުމުން ސަރީފާއަށް އެކަމާ ދޭތެރޭގައި ވިސްނާލެވުނެވެ. ޒާރާއަކީ އަބަދުވެސް ވަރަށް ސާފުތާހިރުކަމާ ރީތި ކަމަށް ލޯބިކުރާ ކުއްޖެކެވެ. ހެދުނު ހޭލައިގެން ފެންނުވަރާ ހުރުމަކީ ޒާރާ ކުރާކަމެއް ނޫންކަން ސަރީފާއަށް ރަނގަޅަށް އެނގެއެވެ. އެހެންނޫނަސް ޒާރާގެ އިސްތަށިގަޑު އެގޮތަށް ގުޅަކޮއްފަ އޮއްވާ ދުވަހަކުވެސް ސަރީފާއަށް ފެނިފައެއް ނުވެއެވެ. އެއީ ޒާރާ ނުހަނު ލޯބިން ގެންގުޅޭ އިސްތަށިގަޑެކެވެ. އުނަގަނޑުން ތިރިއަށް އޮތް ފަން އިސްތަށިގަޑު މިއަދު އެއޮތީ އެގޮތް މިގޮތްވެ ގޮއްޖެހިފައެވެ. މޫނުމައްޗާއެއްކޮއް އިސްތަށިތައް ވުހުރުވިފައެވެ. އެރީތި މޫނުމަތީގެ ތާޒާކަން ކެނޑި ކުލަމަރުވެފައެވެ. އަބަދުވެސް ތާޒާކޮއްފެންނަ ދެތުންފަތް ވަނީ ހިކި ކުރަކިވެފައެވެ.
''ދަރިފުޅު ބަލީތަ........... ތަޅުލާފަ ހުރީމަ މަންމަ ނުވަދެވިގެން މިގޮވީ........... މިހާއިރު ވާއިރު ޒިލީވެސް ހޭލާފާނެކަމަށް ހީކޮއް............އެހެންނޫނީ ދަރިފުޅު ތަޅެއްނުލަމެއްނު.......އެހެންވެ...........'' ސަރީފާ ވާހަކަ ކުރުކޮއްލަމުން ކޮޓަރިތެރެއަށް ބޯދިއްކޮއްލިއެވެ.
ޒާރާ އަށް ވިސްނާލަން މަޖުބޫރުވީ މައިދައިތަ އެބުނި އެއްޗަކާމެދުގައެވެ. ކޮޓަރި ތަޅުލީ ޒާރާއެއް ނޫނެވެ. ދެން ކާކު ހެއްޔެވެ. އިމްރާން ދިޔަފަހުން މައިދައިތަ ކޮންމެ ގަޑިއެއްގައިވެސް ވަދެދާނެތީ ޒާރާ ބަހައްޓަނީ ކޮޓަރި ތަޅު ނުލައެވެ. ގެޔަށް ވަދެވެން ހުންނަ ހުރިހާ ދޮރެއް ތަޅުލާފައި ހުންނާތީއާވެސް އެކުގައެވެ.
ޒާރާގެ މެޔަށް ހޫނުވެގެން ދިޔައީ އޭނާއަށް ހޭލެވުނު އޮތްގޮތް ހަނދާން ވުމުންނެވެ.
''އާދިލް...............'' ޒާރާގެ ދެތުންފަތް ހަރަކާތް ކުރި ނަމަވެސް އެއްވެސް އަޑެއް އެ އަނގައިން ބޭރެއް ނުވެއެވެ. ހިތާހިތުން އާދިލްގެ ނަން ކިޔާލެވުމާއެކު ހުރިތަނަށް ޒާރާ ގަނޑުވި ކަހަލައެވެ.
''މާމަގެ ފުއްގަނޑު އަދިވެސް ނިދަނީތަ..........'' ކޮޓަރި ތެރޭގައި ދިއްލާފައިވާ ނިދާބޮކީގެ ފަނޑުއަލިކަމުގެ ތެރެއިން ނިދާފައި އޮތް ޒިލީއަށް ބަލާލަމުން ސަރީފާ ބުންޏެވެ. އެވަގުތު ޒިލީ ކުކުރާލިއެވެ. ލޯ ހުޅުވާލުމާއެކު ރޯން ފެށިއެވެ. ސަރީފާ އަވަސް އަވހަށް ކޮޓަރީގެ ބޮކިތައް ދިއްލާލިއެވެ. ޒިލީ އެ ރޮނީ އަނދިރިވުމުން އެކަމާ ބިރުންކަމުގައި ސަރީފާއަށް ހީކުރެވުނީކަން ނޭނގެއެވެ.
ބޮކިތައް ދިއްލާލުމާއެކު މުޅި ކޮޓަރިތެރެ އުޖާލާވެގެން ދިޔައެވެ. އެވަގުތު ސަރީފާގެ ސަމާލުކަމަށް އައީ ޒާރާގެ ނިދާއެދެވެ. އެއްވެސް ތަރުތީބުކަމެއް ނެތި ހާވާލެވިފައިވާ ބާލީސްތަކެވެ. ރޫޖެހި ބޮނޑިވެފައިވާ ބެޑްޝީޓެވެ. އެއްކަނެއްގައި ގުޅަޔަކަށް އޮތް ރަޖާގަނޑެވެ. އެންމެފަހުން ސަރީގެ ލޮލުގައި އަޅައިގަތީ އެނދުގެ ތިރިން ދޫލަމަތީގައި ގުޅަވެފައިވާ ޒާރާގެ ނިދާހެދުމެވެ.
ސަރީފާއަށް ބަލާލެވުނީ ތަންކޮޅެއް ދުރުގައި ބުދެއްހެން ހުރި ޒާރާއަށެވެ. ހައިރާން ކަމާއެކުގައެވެ. ހިތުގައި ސުވާލުތަކެއް އުފެދުނުނަމަވެސް ސަރީފާއަކީ ކަންކަމުގައި ކެތްތެރިކަން އިސްކުރާ، ވިސްނުންތެރިކަމާއެކު ކަންތައްތައް ކުރާ އަންހެނެކެވެ. އެހެންކަމުން މިފަހަރުވެސް ސަރީފާބެލީ ޒާރާގެ އިހްސާސްތައް ދެނެގަނެވޭތޯ އެވެ. އޭނާގެ ހިތުގައި ފުނިޖެހުނު ސުވާލުތައް އެއްފަރާތް ކޮއްލިއެވެ. ވަގުތާ ހާލަތުގެ ގޮތުންނެވެ.
''އާދޭ މާމަގެ ޕުޑިންކޮޅު............ އަވަހަށް އާދޭ ދޫނީ.......... '' ރޮމުން ދިޔަ ޒިލީ އުރާލަމުން ސަރީފާ ޒިލީގެ މޫނުގައި ބޮސްދިނެވެ. ކޮޓަރިތެރެއިން ފެނުނު އެއްވެސް ކަމެއް ސަރީފާއަށް ނުފެންނަ ކަހަލައެވެ. ޒިލީ ގޮވައިގެން ގޮސް ފެންވަރާބަޔަށް ވަދެ ހޫނު ތާފަނާ ފެނުން ޒިލީ ފެންވަރުވާ ރީތިކޮއްލީ ނުހަނު ލޯތްބާ އޯގާތެރިކަމާ އެކުގައެވެ.
''ދަރިފުޅުވެސް ފެންވަރާ ރީތިވެލާ............ މަންމަ އެބަ އަންނަން ޒިލީއަށް ކާން ދީގެން...............'' ސަރީފާ ބޭނުންވީ ޒާރާގެ އަމިއްލަ ސިފައާމެދު ވިސްނާލުމަށް އޭނާއަށް ފުރުސަތު ދޭށެވެ. އެހެންނަމަވެސް ދޮރުން ނިކުންނަން ހިނގައިގަތް ތަނުން ސަރީފާގެ ފޯނު ރިންގުވިއެވެ.
އެވަގުތު އިމްރާން ބުނި ބުނުން މަތިން ސަރީފާ ހަނދާންވިއެވެ. އަދި އެނބުރި ޒާރާއާ ދިމާއަށް ބަލާލަމުން ފޯނު ދިއްކޮއްލިއެވެ.
''އިމްރާން އެއުޅެނީ ދަރިފުޅުގެ ހަބަރެއް ނުވެގެން............މިހާރު ކުރިންވެސް ގުޅައިފި........މަންމަ ހަނދާންނެތިފަ މިހުރީ ބުނަން...........'' ފޯނު ދިއްކޮއްލަމުން ސަރީފާ ބުނެލިއެވެ. މިހާރަކަށް އައިސް އިމްރާނުގެ ކޯލުތަކަށް ޒާރާ ފަރުވާ ކުޑަކުރާކަން ސަރީފާއަށް ފާހަގަ ކުރެވެއެވެ. ސަބަބެއް އޭނާއަކަށް ހަމަވިސްނާ ވިސްނާވެސް ނޭނގުނެވެ. މިފަހަކަށް އައިސް ގިނަފަހަރަށް ޒާރާއަށް އިމްރާނާ ވާހަކަދެއްކެނީ ސަރީފާ މެދުވެރިކޮށެވެ. އެއީ އެކަން ވާން ޖެހޭނެ ގޮތް ކަމަކަށް ސަރީފާއަކަށް ގަބޫލެއް ނުކުރެވެއެވެ.
ޒާރާ ފޯނުގައި ހިފުމުން ސަރީފާ ޒިލީ ގޮވައިގެން ކޮޓަރިން ނިކުތުމަށްފަހު ދޮރު ލައްޕާލިއެވެ. ޒާރާ ފޯނަށް ބަލަން ހުއްޓާ ފޯނު ކެނޑުނެވެ.
އޭނާގެ ސިކުނޑި ވަނީ ގަނޑުވެފައެވެ. އާދިލްގެ އުނދަގޫ ފޯރި ރެއަށްފަހު އޭނާގެ އެއްވެސް ހަބަރެއް ނުވުމުން ޒާރާވެސް ގަސްދުކުރީ އިމްރާން އަންނަންދެން އެއްވެސް ވާހަކައެއް ނުދައްކާ މަޑުކުރުމަށެވެ. އިމްރާން އައުމަށްފަހު ހުރިހާ ވާހަކައެއް ކިޔާދޭން ޒާރާ ވަނީ ނިންމާފައެވެ. ފަހަރެއްގައިވެސް ޒާރާއަށް ބުނެވޭ އެއްޗަކުން އިމްރާނަށް ނޭދެވޭ އަސަރެއް ކުރަން ޒާރާ ބޭނުން ނުވާތީއެވެ. އެ ވާހަކަތައް މިދުވަސްވަރު ކިޔައިދިނުމުން އިމްރާން ފިކުރު ބޮޑުވާނެވަރު ޒާރާއަށް އަންދާޒާ ކުރެވޭތީއެވެ. ޒާރާ ދެކެ އިމްރާން ލޯބިވާ މިންވަރާމެދު ޒާރާގެ ހިތުގައި ކުޑަވެސް ޝައްކުކަމެއް ނެތެވެ. އެހެންކަމުން އެފަދަ ބޮޑު ވާހަކައެއް އިމްރާނަށް ކިޔައިދޭން ޖެހޭނީ ވަރަށް ހަމަޖެހިފައި ހުންނަ ވަގުތެއްގައެވެ. އިމްރާނާ ނުހަނު ގާތުގައި ހުރެގެންނެވެ.
ދެވަނަ ފަހަރަށްވެސް އިމްރާން ގުޅިއެވެ. ޒާރާ ހިތްވަރު ކޮއްފައި ކަންފަތުގައި ފޯނު ޖައްސާލިއެވެ.
''ހަލޯ.......... މަންމާ........... ކޮބާ ޒާރާ............. ލަސްވެގެން މިގުޅަނީ............... މަންމަ އެބަޔަށް ގޮސްފަ އެބަގުޅަމޭ ބުނިތާ މިހާރު ގަޑިއެއްގެ އިރުވަނީ............'' އިމްރާނުގެ އަޑު ޒާރާގެ ކަންފަތުގައި ޖެހުމާއެކު ނޭނގޭ އިހްސާސްތަކަކުން މީހާ ފިނިވިއެވެ. ޒާރާއާ ވާހަކަދައްކާލަން އިމްރާން ބޭނުންވެފައިހުރިވަރު ޒާރާއަށް ރަނގަޅަށް އިހްސާސް ކުރެވުނެވެ. އަމިއްލަ ފިރިމީހާއާ ދޭތެރޭ ފަރުވާކުޑަކުރެވޭ ކަމުގެ އިހްސާސް ފުރަތަމަ ފަހަރަށް ޒާރާއަށް ކުރެވުނެވެ.
ޒާރާ އަށް އެތައް ފަހަރަކު އިމްރާން ގުޅާއިރު ގިނަފަހަރަށް ކޯލަށް ޖަވާބު ނުދެވި، ކޯލްބެކް ވެސް ނުކުރެވޭކަން ޒާރާ އަށް ގަބޫލު ކުރެވުނެވެ.
''ހަލޯ........... ކަމެއް ގޯސްވީތަ މަންމާ............. ވާހަކަ ދައްކަބަލަ................'' އިމްރާނުގެ އަޑުގައިވަނީ ނުތަނަވަސްކަމެވެ. އެ ނުތަނަވަސްކަމާ ހާސްކަން ޒާރާގެ ހިތަށް ތަދުކޮއްފިއެވެ. އެ ނުތަނަވަސް ކަމުގެ ފަހަތުގައި ވަނީ ޚުދު ޒާރާކަމުގައި އޭނާއަށް ގަބޫލު ކުރެވޭތީއެވެ.
''ހަލޯ...............'' ކިތަންމެ ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިޔަސް ޒާރާގެ އަޑުގައި ތުރުތުރެއް އެކުލެވިފައިވެއެވެ.
''ޒާރާ........... ކިހާއިރެއް ތި ލޯބިލޯބި އަޑު އަހާލާހިތުން ގުޅާތާ........... ފޯނު ނިވިފަދޯ........ އެހެންވެ މަންމައަށްވެސް އެވަރަށް މިގުޅަނީ............. ކިހިނެތްތަ މަގޭ ލޯބިލޯބި ވައިފް.................'' އިމްރާން ނިކަން ލޯބިން ވާހަކަދެއްކިއެވެ. އެ އަޑުގައި ކުރިން ހުރި އެއްވެސް ހާސްކަމެއް މިހާރަކު ނެތެވެ.
އިމްރާނަކީ ކިހާ ރަނގަޅު ފިރިއެއް ހެއްޔެވެ. އާނއެކެވެ. އެހެން މީހަކުނަމަ މިވަގުތުވެސް އެތައް ޝަކުވާއެއް ކުރީހެވެ. ފޯނަށް ނުގުޅޭތީ ޒާރާގެ އަޑުއަހަން، ޒާރާއާ ލޯބިން ވާހަކަދައްކަން އިމްރާން އެ ގުޅަނީ އަގުބޮޑު ކޯލުތަކެކެވެ. ރެއާ ދުވާލު އެތައް ފަހަރަކުއެވެ. ކިތަންމެ އިރަކު ވާހަކަދެއްކިޔަސް ދުވަހަކުވެސް އިސްވެ ފޯނު ބާއްވަން އިމްރާން ނުބުނެއެވެ. އެހާވެސް ޒާރާއާ ވާހަކަ ދައްކަން އޭނާ ބޭނުމެވެ.
''ޒާރާ.............ކޮބާ ޒިލީ........... ވީޑިއޯ ކޯލެއް ކޮއްލަންތަ........... ބޭނުން މަގޭ ލޯބިލޯބި އަންހެނުން ދެކިލަން......... ޒިލީ ވެސް ބައްޕަ ދެކިލަން ކިހާ ބޭނުންވާނެ.......... ގުޅާބަލަ....... ޒިލީ ދެކިލާހިތްވަނީ............ މަގޭ ލޯބިކޮޅު ނުފެންނަތާ މިހާރު ދެދުވަސް............. ކިހިނެތް މިހެން ކެތްކުރާނީ............. '' އިމްރާން ވާހަކަދައްކަމުން ދިޔައެވެ.
''ޒިލީ ވީ މަންމަ ބައިގަ.......... ފެންވަރައިގެން ގުޅާނަން............'' އެހާ ލޯބިން އިމްރާން ވާހަކަދެއްކީމަވެސް ޒާރާއަށް ދެވުނީ ނިކަން އާދައިގެ ކުރު ޖަވާބެކެވެ. އެއްވެސް ރޫހެއް، ދިރުމެއްނެތްފަދަ ރާގެއްގައެވެ. އަމުދުން އެ ރާގާ އަޑުގައި އެއްވެސް މިންވަރެއްގެ ޝައުގުވެރިކަމެއް ނެތްކަން އަޑުއަހާ ކޮންމެ މީހަކަށްވެސް އިހްސާސް ކުރެވޭނެކަން ޔަގީނެވެ.
އިމްރާނުގެ އެއްވެސް ޖަވާބެއް ނައެވެ. ހަމަހިމޭން ވަގުތުކޮޅެއް ފާއިތުވަމުން ދިޔައެވެ. ޒާރާ ކަންފަތުން ފޯނު ނައްޓާލަމުން ފޯނަށް ބަލާލިއެވެ. ފޯނު ކެނޑުނުތާ ކިތަންމެ އިރެކެވެ. އިމްރާން ހިތްހަމަ ނުޖެހުނީ ބާވައެވެ. އެހެންނޫނީ ނެޓްވޯކް ކެނޑުނީ ބާވައެވެ. ޒާރާ ވިސްނާލިއެވެ. އެނދުމަތީގައި ފޯނު ބޭއްވިވަގުތު ކަނައަތުގެ ކަށި އިނގިލީގައި އޮތް ޑައިމަންޑް އަނގޮޓި ޒާރާގެ ލޮލުގައި އަޅައިގަތެވެ. އެއީ ޒާރާގެ އަނގޮޓިއެއް ނޫނެވެ. މީގެ ކުރިން ދެކިފައިވާ އަނގޮޓިއެއްވެސް ނޫނެވެ. މަޑުމަޑުން އަނގޮޓީގައި އަތް ކާއްތާލެވުނެވެ.
----------------------------------------------------
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ ފެބްރުއަރީ 22 ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ... އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް