މާލޭ ސިޓީ ކައުންސިލާއި އެއްވެސް މަޝްވަރާ ކުރުމެއްނެތި އެމްޓީސީސީ އަށް ބަހުގެ ޚިދުމަތް ދޭކަމަށް އިޢުލާން ނުކުރެވޭނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވިދަޅުވެއްޖެއެވެ.
އައިފާން މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 85 ވަނަ ރަސްމީ ޖަލްސާގެ ތެރެއިން ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ތައްޔާރުވެފައިވަނިކޮށް ކައުންސިލްގެ އިޙުތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއްގައި ކައުންސިލާއި މަޝްވަރާނުކޮށް ސަރުކާރުން ބަހުގެ ޚިދުމަތްވެސް ފަށަން އުޅުމަކީ ލާމަރުކަޒީ ޤާނޫނާއި މުޅިން ޚިލާފު ކަމެއް ކަމުގައި އައިފާން ވަނީ ވިދާޅުވެފައެވެ.
އަދި އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމުގެ ޤާނޫނުގެ ދަށުން ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތް ދިނުމަކީ އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލެއްގެ ޒިންމާގެ ދަށުގައި އޮންނަކަމެއް ކަމަށް އައިފާން ވިދާޅުވެފައި ވެއެވެ.
މިގޮތުން އައިފާން ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމް ގެ ވާހަކަތައް ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ވިދާޅުވެފައެވެ.
މާލެ ސިޓީ ކައުންސިލުން މިހާތަނަށްވެސް މަސައްކަތްކޮށްފައިވަނީ ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދީގެން ކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ ފަރާތުން މިކަން ފެނިގެންނުދާކަމުގައި އޭނާ ވިދާޅުވެފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ވަކި ކަމެއް ފައްޓާތީއޭ ކިޔާފަ ޖެއްސުން ކުރުމުގެ ބޭނުމުގަ މިކަންކަން ކުރުމަކީ ބަލއިގަނެވޭނެ ކަމެއްނޫން ކަމަށާއި، އެހެންކަމުން ސަރުކާރުން މިގޮތަށް މިކުރާ ކަންތައްތައް ހުއްޓާލުމަށްފަހު މާލެ ސިޓީ ކައުންސިލަށް ޤާނޫނުން ދީފައިހުރި ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތަށް މަގުފަހިކޮށްދީ ކައުންސިލްގެ އިޙުތިޞާސް ތެރޭގައި ހުރި ކަންތައްތައް ކައުންސިލާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް އައިފާން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް