ދާދި ފަހުން މީޑިއާގައި އެންމެ ބޮޑަށް ދެކެވުނު އެއްވާހަކަ އަކީ ސައުދީ އަރަބިއްޔާގެ އަލް ހިލާލް އެފްސީން ޕީއެސްޖީ ތަރި ލިއޮނެލް މެސީ ހޯދުމަށް ހުށައެޅުމެއް ހުށައަޅާފައިވާ ކަމުގެ ވާހަކަތަކެވެ. ބައެއް ރިޕޯޓުތައް ބުނެފައިވަނީ އަލް ހިލާލްއިން މެސީ ހޯދުމަށް 306 މިލިއަން ޕައުންޑް ހުށައަޅާފައިވާ ކަމަށެވެ. މިއީ ދާދި ފަހުން ސައުދީ ޕްރޮ ލީގުގެ އަލް ނަޞްރަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ހުށައެޅި އަދަދަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ.
ނަމަވެސް ދުނިޔޭގެ ފުޓްބޯޅަ އަށް ހާއްސަ އިޓަލީގެ ނޫސްވެރިޔާ، ފަބްރީޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި އަލް ހިލާލްގެ ފަރާތުން މެސީއަށް މިހާތަނަށް އެއްވެސް ހުށައެޅުމެއް ހުށައަޅާފައެއް ނުވެއެވެ. އަދި މިހާތަނަށް އެކަމާއި ގުޅިގެން އެއްވެސް މަޝްވަރާއެއް ވެސް ކުރެވިފައި ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ.
ފަބްރީޒިއޯ ރޮމާނޯ އިތުރަށް ބުނެފައިވަނީ މެސީ މިހާރުދަނީ އޭނާގެ މިހާރުގެ ކުލަބާއި އެކު އެއްބަސްވުން އައު ކުރުމަށް މަޝްވަރާތައް ކުރަމުން ކަމަށާއި ދާދި އަވަހަށް އެކަމާއި ގުޅޭ ބައްދަލުވުންތައް ބާއްވާ އެކަމަށް ގޮތެއް ނިމިގެންދާނޭ ކަމަށެވެ.
މި ސީޒަނުގެ ނިޔަލަށް މެސީ އެ ކުލަބާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، ޕީއެސްޖީން އަންނަނީ މެސީގެ އެއްބަސްވުން އިތުރު ދެ އަހަރަށް އައުކުރުމަށް މަސައްކަތް ކުރަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުން މެސީގެ ސޮއި ހޯދުމަށް މަސައްކަތްކުރަނީ ސައުދީ ޕްރޯ ލީގުގެ އަލް ހިލާލްގެ އިތުރުން އިލް އިއްތިހާދު އެފްސީއެވެ. އެ ކުލަބުން ވެސް މެސީއަށް ހުށަހަޅާފައިވަނީ ސީޒަނަކަށް 350 މިލިއަންޕައުންޑްކަމަށްވެސް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.
އަލް ހިލާލް އާއި އަލް އިއްތިހާދުން މެސީގެނައުމަށް މަސައްކަތް ކުރާކަމަށް މީޑިއާގައި ބުނަމުން އަންނައިރު، އެ ދެ ކުލަބަށް ފީފާއިން ވަނީ އަންނަ ސީޒަންގެ ކުރިން އެއްވެސް ކުޅުންތެރިއަކު ނުގަނެވޭ ގޮތަށް ފިޔަވަޅު އަޅައިފައެވެ. އެހެންކަމުން އަންނަ ސީޒަނުގެ ކުރިން އެ ޓީމަށް އެއްވެސް ކުޅުންތެރިއަކު ނުގަނެވޭނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އަލް ހިލާލުން ވަނީ ރޮނާލްޑޯ ގެނައުމަށް މީގެ ކުރިން ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފީފާއިން އެ ކުލަބަށް އަޅާފައިވާ ފިޔަވަޅުގެ ސަބަބުން ރޮނާލްޑޯގެ ސޮއި އެ ކުލަބަށް ހޯދޭގޮތް ވަނީ ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް