ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން ޔޫރަޕްގެ ސަފީރުންނާ ބައްދަލުކޮށްފި

ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީންއަށް އިންސާފު ހޯދުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެން...

18 Jan 2023 | 15:52

ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީންއަށް އިންސާފު ހޯދުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ޔޫރަޕްގެ ސަފީރުންނާއި ބައްދަލުކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއް ގައި ބުނީ ޕީޕީއެމާއި ޕީއެންސީ ލީޑާޝިޕުން އިއްޔެ ސްރީ ލަންކާގެ ކޮލޮމްބޯގައި ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ ބައެއް ޤައުމުތަކުގެ ސަފީރުންނާ ބައްދަލު ކޮށްފައިވާ ކަމަށެވެ.

ޕީޕީއެމުން ބުނީ ސްރީ ލަންކާގައި ހުންނަ، ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ބައެއް ޤައުމުތަކުގެ ސަފީރުންނާއި ބައްދަލު ކުރި އިދިކޮޅު ކޯލިޝަންގެ ޓީމުގައި ހިމެނެނީ ޔާމީންގެ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދުއާއި، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، އިދިކޮޅު ކޯލިޝަނުގެ ސެނެޓަރު ހަމްދާން ޝަކީލްގެ އިތުރުން ޔާމީންގެ އާއިލާގެ ފަރާތުން، ޔާމިންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ކަމަށެވެ.

މިޓީމުން ވަނީ ޖަރުމަން، ނެދަލޭންޑްސް، ފްރާންސް، އިޓަލީ އަދި ރޯމޭނިއާގެ ސަފީރުންނާއި ބައްދަލުކޮށް،ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ބޭއިންސާފު ހުކުމާއި ގުޅޭ މައުލޫމާތު އެފަރާތްތަކަށް އަރުވާފައި ކަމަށް ޕީޕީއެމުން ހާމަކުރެއެވެ.

އަދި މި ބޭއިންސާފު ހުކުމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީއަށް ނުރައްކާވާކަމަށް ސަފީރުންނަށް ދަންނަވާފައި ވާކަމުގައި ވެސް ޕީޕީއެމުން ބުނެފައި ވެއެވެ.

މީގެ އިތުރުން ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނީ ޖަލުގައި އޮންނެވި ނަމަވެސް އިދިކޮޅު ރިޔާސީ ކެނޑިޑޭޓަކީ ޔާމިން ކަމަށާއި އިންސާފު ހޯދުމަށާއި، އަދި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާނެކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް