އިންޑިއާއިން ރާއްޖެއާ އެކު އިތުރު ތިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކުރީ ނ. މަނަދޫގައި އޮތް ރަސްމިއްޔާތެއްގައި އެވެ. މި އެއްބަސްވުންތަކުގައި ސޮއި ކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި އެވެ. އަދި ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އިމާރާތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.
މީގެ އިތުރުން ގައުމީ ޔުނިވާސިޓީ އާއި އިންޑިއާގެ ކޮޗިން ޔުނިވާސިޓީއާ އެކު ހެދި އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައިވެސް ސޮއި ކުރި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދުގެ ރަސްމިއްޔާތުގައި ކަނޑުމަތީގެ ދެ އެމްބިއުލާންސެއް ވެސް އިންޑިއާއިން މިއަދު ހަދިޔާކުރި ކަމަށެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގަތީ މިރޭ ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.
މިއީ ޖައިޝަންކަރު މަގާމާއި ހަވާޅުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ތިން ވަނަ ރަސްމީ ދަތުރުފުޅެވެ. ކޮންމެ ދަތުރެއްގައިވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް