ހަނިމާދޫ އެއާޕޯޓު މަޝްރޫއު ފެށުމަށް ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ޖައިޝަންކަރު ވަޑައިގެންނެވީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓުނ...

18 Jan 2023 | 08:36

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޖައިޝަންކަރު ވަޑައިގެންނެވީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓުން އޭނާއަށް މަރުޙަބާ ދެންނެވީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި އެ މިނިސްޓްރީގެ އިސް އޮފިޝަލުންނާއި، ނ. އަތޮޅު ކައުންސިލް ރައީސް އާއި ނ. މާފަރު ކައުންސިލްގެ މެންބަރުންނެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި ހިންގާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ރަސްމިއްޔާތު އޮންނާނީ މިރޭ އެވެ.

މި ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުގެ އެހީގައި ށ. ފޯކައިދޫގައި ޤާއިމް ކޮށްފައިވާ ކޮމިޔުނިޓީ ސެންޓަރު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނަވާނެ އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއްކުރެއްވުމާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ހއ.އުތީމަށް ވަޑައިގަންނަވައި، އުތީމު ގަނޑުވަރަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ ހައިޞިއްޔަތުން އޭނާ ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ދަތުރުފުޅެވެ. އެންމެފަހުން ރާއްޖެއަށް ވަޑައިގެންފައިވަނީ 2022 ވަނަ އަހަރުގެ މާޗް މަހު އައްޑޫ ސިޓީއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް