ސެޓެލްކޯއިން ކުރިޔަށް ގެންދާ ޕްރޮޖެކްޓުތަކުގައި ދުވަހު މުސާރައަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި އެވެ.
ސްޓެލްކޯއީން ބުނީ މި ފުރުސަތުގެ ސަބަބުން ވަޒީފާ ނެތް ދިވެހިންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ދިވެހިންނަށް އާމްދަނީ ހޯދޭނެ މަގު ފަހިވެގެން ދާނެ ކަމަށެވެ. އެ ކުންފުނިން ބުނީ ކޮންޓްރެކްޓަށް ޕްރޮޖެކްޓުތައް ދޫކުރުމުން ކުންފުނިތަކުން އެ މަސައްކަތްތައް ކުރުވަނީ ބިދޭސީން ލައްވާ ކަމަށެވެ.
"މިނިވަން މަސައްކަތްތެރިން"ގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެނީ އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ ދިވެހިންނަށެވެ. މި މަސައްކަތް ކުރަން އެދޭ ފަރާތްތަކުން ޕޮލިސް ރެކޯޑު ހުށަހަޅާކަށް ނުޖެހޭނެ އެވެ.
މިގޮތަށް މަސައްކަތްކުރާ މީހުންނަށް، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 100-250 ރުފިޔާ އާއި ދެމެދުގެ އުޖޫރައެއް ލިބޭނެ އެވެ. އަދި މަސައްކަތްކުރާ ކޮންމެ ދުވަހަކު ކޮއްތު ފައިސާގެ ގޮތުގައި 175 ރުފިޔާ ލިބޭނެ އެވެ.
ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ޕްރޮޖެކްޓުތަކުގައި ދުވަހު މުސާރައަށް މަސައްކަތް ކުރުމަށް ބޭނުންވާ ދިވެހިންގެ ހާއްސަ ދަފްތަރެއް އެކުލަވާލަން ނިންމާފައި އެވެ. ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ސްޓެލްކޯގެ ވެބްސައިޓު www.stelco.com.mv އާއި އެ ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެ އެވެ.
މިނިވަން މަސައްކަތްތެރިން ނަގާނީ ސްޓެލްކޯގެ ފަރާތުން ހިންގާ އެކިއެކި މަޝްރޫއުތަކުގެ ކުރަންޖެހޭ މަސައްކަތްތަކާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރާ ކަރަންޓު ކޭބަލް ވަޅުލުމާއި އެ ނޫން ވެސް މަސައްކަތްތަކަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް