ބައްޔެއް ކޮންޓްރޯލުކުރާނަމަ، ވެކްސިނަކީ ވަރަށް މުހިންމު ވަސީލަތެއް ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމޮނައިޒޭޝަންގެ ޗެއަރ ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ އެންމެފަހުގެ މަޢުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިސަލް ވިދާޅުވީ މާޒީގައި ވެސް ވަނީ ވަރަށް ގިނަ ބަލިތައް ކޮންޓްރޯލި ކުރެވި، ނައްތާލެވިފައި ކަމަށެވެ. އަދި އޭގެ ތެރޭގައި ކަރުފޮޅު، އިދިފުށަށް ދަމާބަލި، ޕޯލިއޯ ފަދަ ބަލިތައް ހިމެނޭ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.
ބައްޔެއް ކޮންޓްރޯލުކޮށް މަދުކުރުމަށްޓަކައި ޢާންމުންވެސް ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި އެގޮތުން އަތްދޮވުމާއި މާސްކު އެޅުން ފަދަ ކަންކަން ކުރަންޖެހޭ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.
ޑރ. ފައިސަލް ވިދާޅުވީ ދުނިޔޭގެ ވަރަށް ގިނަ ސައިންސްވެރިންގެ ބުރަ މަސައްކަތުން މިހާރުމިވަނީ ވެކްސިނެއް ތައްޔާރުކުރެވިފައި ކަމަށާއި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ.
"ވެކްސިން ލިބޭ މިންވަރަކުން އެއަށް ތައްޔާރުވާން ޖެހޭނެ. މިއީ މުޅިން އާ ވެކްސިނަކަށްވާތީ، މި ވެކްސިން އުފައްދާފައިވަނީ ވަކި ވަރަކަށް. ކޮންމެ ގައުމަކަށް ބޭނުންވާ ވަރަށް ނުލިބޭނެ." ޑރ. ފައިސަލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް