މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގައި ޖަލަށް ލާން ހުކުމް ކޮށްފައިވާ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ ފަރާތުން ސުޕްރިމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
މި މައްސަލަ އިސްތިއުނާފު ކުރުމާއި ސުޕްރީމް ކޯޓުން ވަނީ އަންނަ ބުދަ ދުވަހު މައްސަލައިގެ ޝަރީއަތް ފަށަން ތާވަލު ކޮށްފައި އެވެ.
މި މައްސަލައިގަ ނަޖާހު މައްޗަށް ޝީރީން މަރާލިކަން ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި އެވެ. މި މައްސަލައިގައި ހައި ކޯޓުން ނަޖާހުއަށް އިއްވީ ގަސްދަކާ ނުލައި މީހަކު މެރިކަން ސާބިތުވާތީ 12 އަހަރަށް ޖަލަށްލުމަށެވެ.
ގަސްދުގައި މީހަކު މެރިކަން ނަޖާހުގެ މައްޗަށް ސާބިތުނުވީ، ޝީރީންގެ ޕޯސްޓްމޯޓަމެއް ނެތުމާއި އެ ދެ މީހުން އެކުގައި އުޅެމުންދިޔަ ކޮޓަރީގައި ޝީރީން މަރާލި ގޮތެއް އަދި ބޭނުންކުރި ހަތިޔާރެއް ދައުލަތަށް ނުދެއްކޭތީ އެވެ.
2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޝީރީން މަރާލާފައި އޮއްވާ ފެނުނީ މ. އަންގާގިރި ކިޔާ ގެއެއްގެ ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި އެވެ.
ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރީ ޑިސެމްބަރު 20، 2009 ވަނަ ދުވަހުން ފެށިގެން މ. ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި ޝީރީނާއެކު އުޅުމުގެ ތެރޭގައި ނަޖާހު، ޝީރީން މަރާލާފައިވާ ކަމަށް ބުނެއެވެ. ނަޖާހުގެ މައްޗަށް ކުރީ ޝީރީން މަރާލުމަށް ފަހު ފޮއްޓަކަށް ލައިގެން ގޮސް ހަށިގަނޑު އެއްލާލި ކަމުގެ ތުހުމަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް