މާލޭގައި ހަމައެކަނި ޓެކްސީ ކުރާ އަންހެން ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ގެއްލުން ދިން މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
މި މައްސަލައިގަ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ ގ. އާފަތިސްގެ މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ހަމްދޫންގެ މައްޗަށް އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ކަމަށެވެ. ޕީޖީ އޮފީހުން ބުނީ އޭނާގެ މައްޗަށް ދައުވާ އުފުލީ ޑްރަގް ކޯޓު ކުރިމަތީގައި ޕާކުކޮށްފައި އޮއްވައި އައިންތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދިން މައްސަލައިގަ ކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.
މި މައްސަލައިގަ ދެމީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެކަމަކު އެ ދެމީހުންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ އަނެއް މީހާ އާއި ދެކޮޅަށް ހެކި ނެތިގެން މައްސަލަ އަނބުރާ ފޮނުވާލާފައި އެވެ.
އައިންތުގެ ކާރަށް ގެއްލުން ދިން މައްސަލައިގަ މީހަކަށް ދައުވާ އުފުލާފައި މިވަނީ ހަތަރު ވަނަ ފަހަރު އެ ކާރަށް ގެއްލުން ދިން ފަހުންނެވެ. އެންމެ ފަހުން އެ ކާރުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން ކަވަރަށް ވެސް އެކި ވަރުގެ ގެއްލުން ދީފައިވެ އެވެ.
އެންމެ ފަހުން ކާރަށް ލިބުނު ގެއްލުންތައް މަރާމާތުކުރަން އެހީތެރިކަން ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް