ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ މާޝްރޫއުގެ ފްލެޓާއި ގުޅޭ މައްސަލަ ތަހުގީގު ނުކުރަން އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
އެ މަޝްރޫއާއި ގުޅިގެން އޭސީސީއަށް މައްސަލަ ހުށަހަޅާފައިވަނީ ފްލެޓް ކޮމެޓީން ޕޮއިންޓް ދިނުމުގައި، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު އިއުލާން ކުރިއިރު އެޗް7 ފިޔަވައި އެހެން ހުރިހާ ބައެއްގެ ޝަކުވާ ހުށަހެޅުމުގެ ފަހު ތާރީހު ބަންދުވެ، ގިނަ ބަޔަކަށް އެ ފުރުސަތު ނުލިބުމުންނެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މީޑިއާގައި ވިދާޅުވީ އެ މައްސަލައިގަ އެ ކޮމިޝަނަށް 100 އެއްހާ މައްސަލަ ހުށަހެޅިކަމަށެވެ. ހަސަން މަނިކު ވިދާޅުވީ އެ މައްސަލަ ތަހުގީގު ނުކުރަން އޭސީސީން ނިންމީ އެކަމުގައި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިނުވުމާއި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭތީ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން އޭސީސީން ވަނީ އެންމެ އިންސާފުވެރި ގޮތަކީ އަލުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން ކަމަށް ރައީސް އޮފީހުގެ ފްލެޓު ކޮމިޓީއަށް އަންގާފައި އެވެ. އެގޮތަށް އެ ކޮމިޓީއަށް އޭސީސީން ލަފާ ދިނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް އެ ކޮމިޓީން ބުނެފައިވެ އެވެ. މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފްލެޓު ލިބުނު މީހުންނަށް އިމާރާތަށް ވަދެވޭވަރު ވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް