ގދ. ތިނަދޫގައި ބިދޭސީ ޓީޗަރަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ

ގދ. ތިނަދޫ ސްކޫލެއްގައި ކިޔަވައިދޭ ބިދޭސީ ޓީޗަރަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ހެތްލް މިނިސްޓްރީގެ ޑެޕިއުޓި ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އެ ޓީޗަރަކު ކޯވިޑަށް ޕޮސިޓިވްވި އިރު ހ...

18 Jan 2021 | 07:25

ގދ. ތިނަދޫ ސްކޫލެއްގައި ކިޔަވައިދޭ ބިދޭސީ ޓީޗަރަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ހެތްލް މިނިސްޓްރީގެ ޑެޕިއުޓި ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އެ ޓީޗަރަކު ކޯވިޑަށް ޕޮސިޓިވްވި އިރު ހުރީ ހޯމް ކަރަންޓީންގައި ކަމަށެވެ. އެ މީހާ އަކީ ރާއްޖެއިން ބޭރުން އައިސް ކަރަންޓީންގައި ހުރި ޓީޗަރެއް ކަމަށް ވިދާޅުވި އެވެ.

އެޗްއީއޯސީން ބުނެފައިވާ ގޮތުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރުމުން ޓެސްޓު ކުރާއިރު ކޯވިޑަށް ޕޮސިޓިވްވިޔަސް އެމީހާގެ ފަރާތުން ރަށުތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި ހޯމް ކަރަންޓީންގައި ހުންނަ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވިޔަސް އެ ރަށެއް މޮނިޓަރިންގެ ހާލަތަކަށް ނުގެންނާނެ ކަމަށެވެ.

މިވަގުތު ބަލި ފެތުރޭތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ތިން ރަށެކެވެ. އެއީ ގއ. ދެއްވަދޫ، ވިލިނގިިލި އަދި ދާންދޫ އެވެ.

އެ ތިން ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ދެއްވަދޫ ކޯވިޑް ކްލަސްޓާ އާއި ގުޅިގެންނެވެ. އޭގެ ތެރެއިން ދެއްވަދޫގައި 55 ކޯވިޑް އެކްޓިވް ކޭސް ހުރި އިރު ދާންދޫގައި ހަ އެކްޓިވް ކޭސް އަދި ވިލިނގިލީގައި ދެ އެކްޓިވް ކޭސް އެބަހުއްޓެވެ.

އަތޮޅު ތެރޭގައި ހޯމް ކަރަންޓިންގައި ތިބި ޓީޗަރުން މިދުވަސްވަރު ދޭތެރެ ދޭތެރެއިން ކޯވިޑަށް ދަނީ ޕޮސިޓިވްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް