ބާސެލޯނާ ބަލިކޮށް އެތުލެޓިކް ކްލަބުން ސްޕެނިޝް ސްޕަރކަޕްގެ ތަށި އުފުލާލައިފި

އެކްސްޓްރަރ ޓައިމްގައި އިނާކީ ވިލިއަމް ކާމިޔާބު ކުރި މޮޅު ގޯލާއެކު 3-2 އިން ބާސެލޯނާ ބަލިކޮށް އެތުލެޓިކް ކްލަބުން ސްޕެނިޝް ސްޕަރކަޕްގެ ތަށި އުފުލާލައިފިއެވެ. ސެވިއްޔާގައި ރޭ ކުޅުނު މި މެޗުން އެތުލެޓިކ...

18 Jan 2021 | 06:11

އެކްސްޓްރަރ ޓައިމްގައި އިނާކީ ވިލިއަމް ކާމިޔާބު ކުރި މޮޅު ގޯލާއެކު 3-2 އިން ބާސެލޯނާ ބަލިކޮށް އެތުލެޓިކް ކްލަބުން ސްޕެނިޝް ސްޕަރކަޕްގެ ތަށި އުފުލާލައިފިއެވެ. ސެވިއްޔާގައި ރޭ ކުޅުނު މި މެޗުން އެތުލެޓިކް ކްލަބް ކުރި ހޯދިއިރު، މި މުބާރާތުގައި ސެމީ ފައިނަލްގައި އެ ކްލަބުން ވަނީ ރެއާލް މެޑްރިޑް ވެސް ބަލިކޮށްފައެވެ.

ފުރިހަމަ ވަގުތުގެ ކުޅުމުގައި، އެތުލެޓިކް ކްލަބުގެ އޮސްކާ ޑި މާކޮސް ޖަހައިދިން ލަނޑުގެ ދެކޮޅުގައި އެންޓޮއިން ގްރީޒްމަން ޖެހި ދެ ލަނޑާއެކު 2-1 އިން ބާސެލޯނާ މޮޅުވުމާ ދިމާލަށް ދަނިކޮށް، އެންމެ ފަހު ވަގުތު މެޗުގެ ނަތީޖާ ހަމަހަމަވީ އެތުލެޓިކޯގެ އެސިއާ ޖެހި ލަނޑުންނެވެ.

އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނުއިރު، އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށުމާއެކު، ބާސެލޯނާއަށް ލަނޑު ދިނުމުގައި މަޝްހޫރު އިނާކީ ވިލިއަމްސް ވަނީ އޭނާގެ ހުނަރުވެރިކަން ދައްކާލައި މޮޅު ލަނޑެއް ޖަހައި، ބާސެލޯނާގެ މައްޗަށް އެތުލެޓިކް ކްލަބަށް ކުރިހޯދާދީފައެވެ.

މިއީ 2015 ވަނަ އަހަރުގެ ފަހުން އެތުލެޓިކް ކްލަބަށް ތަށްޓެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. 2015 ގައި އެތުލެޓިކް ކްލަބުން ކާމިޔާބު ކުރި ތަށްޓަކީ ވެސް ބާސެލޯނާގެ މައްޗަށް ކުރިހޯދާ ކާމިޔާބުކުރި ސްޕަރކަޕްގެ ތަށްޓެކެވެ.

ރޭގެ މެޗުގެ ފަހުކޮޅު ބާސެލޯނާގެ ތަރި ލިއޮނަލް މެސީއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އަނިޔާގެ ސަބަބުން އޭނާއަށް ސެމީ ފައިނަލް މެޗުގައި ވެސް ކުޅެވިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް