ދާންދޫއިން އިތުރު ބަޔަކު ޕޮސިޓިވްވެ ދެއްވަދޫ ކްލަސްޓާގެ ޖުމްލަ 69 އަށް

ގއ. ދާންދޫއިން އިތުރު ބަޔަކު ޕޮސިޓިވްވެ ދެއްވަދޫ ކްލަސްޓާ އިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 69 އަށް އަރައިފި އެވެ. އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ...

18 Jan 2021 | 05:44

ގއ. ދާންދޫއިން އިތުރު ބަޔަކު ޕޮސިޓިވްވެ ދެއްވަދޫ ކްލަސްޓާ އިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 69 އަށް އަރައިފި އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ދެއްވަދޫގައި ކޯވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 55 ކަމަށެވެ. އެހެން ރަށްރަށުގެ ތެރެއިން އެ ކްލަސްޓާ އާއި ގުޅުން ހުރި އިތުރު ބަޔަކު ޕޮސިޓިވްވެފައިވަނީ ދާންދޫއިން ކަމަށް ވިދާޅުވި އެވެ.

އެގޮތުން ދާންދޫއިން ހަ މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު އެ އަތޮޅު ވިލިނގިލީގައި ދެ މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ދެއްވަދޫ ކްލަސްޓާ އާއި ގުޅުންހިރި ޕޮސިޓިވް ހަތަރު މީހަކު ލ. ފޮނަދޫގައި އެބަތިބި ކަމަށާއި ހުޅުމާލޭގައިވެސް ދެ މީހުން އެބަތިބި ކަމަށެވެ.

ދެއްވަދޫގައި ކޯވިޑް ފެތުރެމުންދާކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހޯމް ކަރަންޓީނުން ދޫކޮށްލި ކުއްޖަކު ޕޮސިޓިވްކަން ފަހުން އެނގިގެން އެ ކުއްޖާ އާއި ކޮންޓެކްޓުވި މީހުން ހޯދަން ރަށުގައި ނެގި ސާމްޕަލް ނެގުމުގެ ތެރެއިންނެވެ. އެޗްއީއޯސީން ބުނީ އެ ރަށުގައި ކޯވިޑު ފެތުރިފައިވަނީ އެ ކުއްޖާގެ ފަރާތުން ނޫންކަމަށާއި އެ ރަށުގައި ބަލި ފެތުރޭތާ ދުވަސްކޮޅެއް ވެދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ދެއްވަދޫ ކްލަސްޓާ އާއި ގުޅިގެން މިހާރު މޮނިޓަރިންގައި ހުރީ ދާންދޫ، ދެއްވަދޫ އަދި ވިިލިނގިއްޔެވެ. މީގެ ކުރިން ލ. ގަމާއި ފޮނަދޫ މޮނިޓަރިންއަށް ލުމަށް ފަހު ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވުމުން މޮނިޓަރިންގެ ހާލަތުން ވަނީ ނަގާފައި އެވެ.

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖޭގައި 14،513 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 13،540 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. އަދި މި ބަލީގައި 49 މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް