މާލޭ ވިޔަފާއި ބަނދަރިގައި މި މަހުގެ 7 ވަނަ ދުވަހު ހިނގި ހާދިސާއާމެދު ހިތާމަ ކުރާ ކަމަށާއި، މި ހާދިސާ ދިމާވި ސަބަބު ދެނެގަނެ، މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެ ކުންފުނިން އަޅާނެ ކަމުގެ ޔަޤީންކަން ދޭކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ނޫސް ބަޔާނުގައި ވެއެވެ.
މުދާ އުފުލާ ކްލިއަރ ކުރާ ކުންފުނކުން މުދާ ނެރުމުގައި އަމަލުކުރަމުންދާ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެ ފަރާތްތަ އެއްކޮށް މަސައްކަތް ކުރާނެ ކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ހާމަކުރެއެވެ.
ވިޔަފާރި ބަނދަރަށް ވަދެ އުޅޭ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން އުސޫލުތަކެއް ކަނޑައެޅިފައި ވާނެ ކަމަށާއި، މާލޭ ވިޔަފާއި ބަނދަރުގައި ހިންގަމުންދާ އޮޕަރޭޝަން ތަކަކީ ނުރައްކާތެރި މަސައްކަތެއް ކަމުގައި އެމް.ޕީ.އެލް އިން ހާމަކުރެއެވެ. އެހެންކަމުން މި ބަނދަރަށް ވަދެ އުޅޭ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ކުންފުނިން ބޮޑު ސަމާލުކަމެއް ދޭ ކަމަށް މި ބަޔާނުގައިވެއެވެ.
20201 ޖަނަވަރީ 7 ވަނަ ދުވަހު ހައިސާ އިންވެސްޓްމަންޓް ގުރޫޕުން ކޮންޓޭނަރަކުން ބިއްލޫރި ކްރޭޓެއް ނެރުމަށް މަސައްކަތް ކުރަނިކޮށް ނުރައްކާތެރި ހާދިސާއެއް ހިނގައި އެކަކު ވަނީ ނިޔާވެފައެވެ. ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައިވަނީ ނ. ލަންދޫ، ފޭރުގަސްދޮށުގޭ ޢަބްދުﷲ އާސިމްއެވެ.
އެމްޕީއެލްގެ ނޫސް ބަޔާނުގައި ވަނީ، އެމް.ޕީ.އެލް ގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި، މަރުޙޫމުގެ އާއިލާއަށް ތައުޒިޔާ ކިޔާކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ކްލިއަރ ކުރާ ފަރާތްތަކާއި، އަދި އެނޫންވެސް ފަރާތްތަކުން، މިހާރަށްވުރެ ބޮޑަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމް.ޕީ.އެލް އިން އިލްތިމާސް ކުރެއެވެ. އަދި މިފަދަ ކަންކަމުގައި އެންމެން ގުޅިގެން، ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މަސައްކަތް ކުރުމަށް ވެސް އެ ކުންފުނިން އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް