އަށް ހަރުގެ އަޒާން ކިޑްނީ ބަދަލުކުރަން އެހީއަކަށް އެދިއެދި

މުޙައްމަދު ވަހީދުއަށާއި ފަރުޒާ އަބްދުއްރަޙްމާނަށް ލިބުނު ހަމައެކަނި ދަރިފުޅު, އުމުރުން އެންމެ 8 އަހަރުގެ އަޒާން މުޙައްމަދު ވަޙީދުއަކީ އެންމެ ކުޑަ ދުވަހުން ފެށިގެންވެސް ބަލިކޮށް އުޅެމުންއައި ކުއްޖެކެވެ...

18 Jan 2021 | 04:35

މުޙައްމަދު ވަހީދުއަށާއި ފަރުޒާ އަބްދުއްރަޙްމާނަށް ލިބުނު ހަމައެކަނި ދަރިފުޅު, އުމުރުން އެންމެ 8 އަހަރުގެ އަޒާން މުޙައްމަދު ވަޙީދުއަކީ އެންމެ ކުޑަ ދުވަހުން ފެށިގެންވެސް ބަލިކޮށް އުޅެމުންއައި ކުއްޖެކެވެ. އުމުރުން 2 އަހަރުން ފެށިގެން ކިޑްނީގެ މައްސަލަތައް ދިމާވެ އެކަމަށް ޤަވާއިދުން ބޭސް ކުރަމުން އަންނަ ކުއްޖެކެވެ. އެހެން ކަމުން މާލެއަށް ނުވަތަ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގޮސް އަބަދުވެސް އަޒާން ދައްކާ އޭނާގެ ޞިއްޙީ ހާލަތު ދެނެގަނެ ވަމުންދާ ގޮތް ބަލަމުންދެއެވެ. އަދި އޭރުއްސުރެންވެސް އަޒާންގެ ޢާއިލާއިން އަޒާންގެ ބައްޔަށް ފަރުވާއެއް ލިބޭތޯ ވަނީ ޑޮކްޓަރަށް ވަރަށް ގިނައިން ދައްކާފައެވެ.

އެހެން ނަމަވެސް އަޒާންއަށް ވަމުންއަންނަ ގޮތް ދެނެގަންނަން ޑޮކްޓަރުންނަށް ދަތިކަމަކަށް ފެވައިވާއިރު އަޒާން ވަނީ އުމުރުން އެންމެ 6 އަހަރުން ފެށިގެން ބޭސް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ގެންގޮސްފައިކަމުގައި އަޒާންގެ ބައްޕަ ދުވަސް ނޫހަށް މަޢުލުމާތު ދިނެވެ. މީގެ އިތުރުން މާލޭގެ ތަފާތު ޑޮކްޓަރުންނަށްވެސް ވަނީ ވަރަށް ގިނައިން ދައްކާފައެވެ. ނަމަވެސް އަޒާންގެ ބައްޔަށް އެކަށީގެންވާ ފަރުވާއެއް ލިބި، ބަލި މުޅިން ފަސޭހަވާގޮތް އަދިވެސް ވަނީ ނުވެފައެވެ.

އަޒާންގެ ބައްޕަ މައުލުމާތު ދިން ގޮތުގައި 2018 ވަނަ އަހަރު އަޒާން ވަރަށް ބޮޑަށް ބަލިވެގެން މާލެއިން ޑޮކްޓަރަށް ދެއްކުމުން، ޑޮކްޓަރު ބުނެފައިވަނީ ކުއްޖާގެ އެއް ކިޑްނީ ފެއިލްވެފައިވާކަމަށެވެ. އަދި ވަގުތުން ބޭރަށް ދިއުމަށް ޑޮކްޓަރު ލަފާދީފައިވާކަމަށެވެ. އެހެން ނަމަވެސް އަޒާން ގޮވައިގެން ބޭރަށްގޮސް ޑޮކްޓަރަށް ދެއްކުމުން އެކޮޅުން ބުނެފައިވަނީ އަޒާންގެ ކިޑްނީ ފެއިލް ނުވާކަމަށާއި ކިޑްނީ ހުއްޓިފައިވާކަމަށެވެ. އަދި އަނެއް ކިޑްނީ ކޮންމެވެސް ވަރަކަށް މަސައްކަތް ކުރާކަމަށްވެސް ޑޮކްޓަރު ބުނެފައިވެއެވެ.

އެގޮތުން އެފަހަރު އަޒާން ގޮވައިގެން ބޭރުގައި 2 މަސްދުވަސް ބޭސްކުރުމަށް މަޑުކުރިއިރު, ބޭސްފަރުވާގެ ކަންތައް އާސަންދައިން ހަމަޖެހުނު ނަމަވެސް އިތުރު ބޮޑެތި ޚަރަދުތަކެއްވެސް ކުރަންޖެހުނު ކަމުގައި އަޒާންގެ ބައްޕަ ބުންޏެވެ. އަދި ރަށުގެ ރައްޔިތުންނާއި ހެޔޮއެދޭ  ހުރިހާ ފަރާތްތަކުން ވަރަށް ބޮޑެތި އެހީތެރިކަމެއް ލިބުނުކަންވެސް އަޒާންގެ ބައްޕަ ފާހަގަކުރިއެވެ.

ރާއްޖެއިން ބޭރުގައި 2 މަސްދުވަހު ކުރި ފަރުވާއިން އަޒާންގެ ދެ ކިޑްނީން %40 މަސައްކަތް ވަނީ ކޮށްފައެވެ. އަދި އެނބުރި ރާއްޖެ އައިކަމުގައި ވީނަމަވެސް ކޮންމެ މަހަކު އެއްފަހަރު ޤަވާއިދުން މާލެ ގޮސް ޑޮކްޓަރަށް ދައްކަމުންދާކަމަށާއި, 6 މަސްފަހުން އަނެއްކާވެސް ރާއްޖެއިން ބޭރަށް ގޮސް އަޒާން ޑޮކްޓަރަށް ދައްކާފައިވާކަމުގައިވެސް ބުނެފައިވެއެވެ. އެގޮތުން ކުރެވުނު މަސައްކަތުން އަޒާންގެ ދެ ކިޑްނީވެސް %50 މަސައްކަތް ކުރާކަމުގައި އަޒާންގެ ބައްޕަ ބުންޏެވެ.

އެއަށްފަހު ކޮވިޑް-19 އާއި ދިމާވުމުން ފަހުން އަޒާން ގޮވައިގެން ބޭސްފަރުވާއަށް ބެރަށް ދެވޭ ގޮތް މިހާރު ވަނީ ނުވެފައެވެ. ނަމަވެސް އަޒާންގެ ހާލު ދަށްވަމުން ދާތީ މިހާރު ހުރީ ޑޮކްޓަރަށް ދައްކަން މާލެ އައިސް ކަމަށާއި އަދި މާލެއިން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބުނެފައިވަނީ އަޒާންގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ވަގުތުން ބޭރަށް ދިއުމަށްކަމަށް އަޒާންގެ ބައްޕަ މައުލޫމާތު ދީފައިވެއެވެ.

އަޒާންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، އަޒާންއަށް ކިޑްނީ ދިނުމަށް އަޒާންގެ މަންމަ އާއި ބައްޕަ ތިބީ ތައްޔާރަށެވެ. އަދި އެކަމުގެ ޓެސްޓްތައް މިހާރު ދަނީ ކުރެވެމުންނެވެ. ކިޑްނީ ބަދަލު ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ހަމަޖެހިފައި ވަނީ މި ހަފްތާ ނިމޭކޮޅުއެވެ. އަޒާންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް މި ކުރެވޭ މަސައްކަތުގައި ޢާއިލާއިން އެދެނީ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންގެ ފަރާތުން ދީލަތި އެހީއަކަށެވެ.

ފައިސާގެ އެހީ ވެވޭނެ ތަނަވަސްކަމެއް ނެތް ނަމަ ޕޯސްޓް ޝެއަރކޮށްދީގެން ވީހާވެސް ގިނަ ބޭފުޅުންނަށް މި ޕޯސްޓް ފޯރުކޮށްދިނުމަށްވެސް އާއިލާއިން އެދިފައިވެއެވެ. މީގެ އިތުރުން ކިތަންމެ ކުޑަ އެހީއެއް ވެވެން އޮތް ނަމަވެސް އެ އެހީއަކީ މިވަގުތު އާއިލާއަށް ނުހަނު ބޮޑު އެއްޗެއް ކަމުގައި އާއިލާއިން ފާހަގަކޮށްފައިވެއެވެ.

އަޒާންއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:

ބީއެމްއެލް އެކައުންޓް ނަންބަރު: 7730000036586

އެކައުންޓްގެ ނަން: Mohammed Waheed

އިތުރު މަޢޫލޫމާތު: 9705056 މުޙައްމަދު ވަހީދު / އަޒާންގެ ބައްޕަ

މާތް ﷲ އަޒާންއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވާ، މި ދަތި އުނދަގޫ ޙާލަތުން އަވަސް މުސްތަޤުބަލެއްގައި ސަލާމަތް ކުރައްވާށި. އާމީން!

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ.

"އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.” [رواه مسلم في صحيحه: 2699]

ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ.

މީސްތަކުންނަށް އޯގާވެރިވާ މީހުންނަށް އޯގާވަންތަ އިލާހު އޯގާވެވޮޑިގަންނަވާނެތެވެ. ބިންމަތީގައިވާ މީސްތަކުންނަށް އޯގާވެރިވާށެވެ. އުޑުގައިވާ ފަރާތުން ތިޔަބައިމީހުންނަށް އޯގާވެވޮޑިގަންނަވާނެތެވެ". رواه الترمذي

االله ގެ މަގުގައި ހޭދަކޮށް ދީލަތި ވެ އުޅޭ މީހުންނަށް ޤިޔާމަތްދުވަހު ގިނަގުނަ ދަރުމަ ހުއްޓެވެ.

البقرة ސޫރަތުގެ 261 ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވާ އަންގަވާފައިވެއެވެ.

މާނައަކީ: ''ތިމާމެންގެ މުދާ، االله ގެ މަގުގައި ހޭދަކުރާ މީހުންގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮއްޓަރު ހިމެނޭ، ހަތް ކުރާގަނޑު އުފައްދާ އޮއްޓަރެއްގެ މިސާލެވެ. އަދި ދަންނައެ! االله ، އެ ކަލާނގެ އިރާދަކުރައްވައިފި އަޅަކަށް، ގިނަގުނަވި ތަނަވަސްކަން ދެއްވައެވެ. އަދި، االله އަކީ، ނުހަނު ތަނަވަސްކަން ދެއްވާ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.''

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް