ތަންކޮޅެއް ކުރީގެ ވާހަކައެކެވެ. އައު އަހަރަކާ ދިމާކޮށް މާލޭ މަގުމަތީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަންހެނަކު އަތުލައިގަތެވެ. އެ އަންހެން މީހާ އަތުލައިގަތީ މާ ކުރުކޮށް ހެދުން އަޅާފައި ހުރުމުންނެވެ.
ނަމަވެސް މިހާރު މި ފެންނަނީ މިކަންތައް ހައްދުން ނެއްޓިގެން ގޮސް، ބުރަޔާ ޖަންގިޔަލާ އެކަނި ލައިގެން އުޅުނަސް ވަރިހަމަ ވާ ހިސާބަށް ކަންތައް ދާ މަންޒަރެވެ. ބޮޑުތަނުން ބަނޑު ފެންނަ ގޮތަށް ހެދުން ލައިގެން މަގުމަތީގައިވެސް އުޅެއެވެ. ފުލުހުންނަކަށް މިހާރަކު މިފަދަ މަންޒަރެއް ފެންނަ ކަމަކަށް ނުވެއެވެ.
ޓިކް ޓޮކޭ މި ކިޔާ ޕްލެޓްފޯމެއްގައި އަދި މިކަން އުޅެނީ މާ ކުރީގައެވެ. ބަނޑު އެކަންޏެއް ނޫނެވެ. ލައިގެން ހުންނަ ޖަނގިޔަލުގެ ވާގަނޑުވެސް އުނަގަނޑާ ހަމައަށް އަރުވައިގެން ވީޑިއޯ އަޕްލޯޑް ކުރަމުން އަންނައިރުވެސް މިއީ މައްސަލައަކަށް ނުވެއެވެ. ރޯ އޮރިޔާމުން އުޅުނަސް ހަމަ އޯކޭ ތޯ؟ އެވެ.
އިންސާނުންގެ ޙުރުމަތާއި ރައްކާތެރިކަމަށް ޓަކައި، މާތް الله ވަކި ކަންތައްތަކެއް މަނާކުރައްވައި އިންތަކެއް ކަނޑައަޅުއްވާފައި ވެއެވެ. އަދި އެ އިންތައް ފަހަނައަޅައި ދާނަމަ އެކަމުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެކަން ވެސް އަންގަވާފައި ވެއެވެ. އެފަދަ ކަންތައްތަކުގެތެރޭގައި ހިމެނޭ އެއްކަމަކީ ޢައުރަނިވާކުރުމެވެ.
ޢައުރައަކީ، އެތަނެއް ބެލުން މަނާކުރެވިފައިވާ މީހެއްގެ ކުރިމަތީގައި ފާޅުކުރުން، މާތް الله ޙަރާމްކުރައްވާފައިވާ، ހަށިގަނޑުގެ ކޮންމެ ތަނެކެވެ.( القرطبي، 2006) އެގޮތުން ބަލާއިރު؛ ހިލޭ ފިރިހެނުންގެ ކުރިމަތީގައި، އަންހެނުންގެ މޫނާއި ދެއަތްތިލަ ފިޔަވައި، ދެން ބާކީ ހުރި ހުރިހައިތަނެއް ނިވާކުރުން ވާޖިބުކަމަށް ޢިލްމުވެރިން އިއްތިފާޤު ވެއެވެ. އަދި ހަމަ މިއާއެކު، ފިތުނައިގެ ޙާލަތުގައި، މޫނާއި ދެއަތްތިލަ ވެސް ހިމެނޭ ގޮތުން، އަންހެނާގެ މުޅިހަށިގަނޑު ނިވާކުރުން ވާޖިބުކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
(الفالح، 1993) އަދި ފިރިހެނާ ޢައުރައިގެގޮތުގައި ނިވާކުރުން ވާޖިބުވަނީ ފޫޅާއި ކަކުލާއި ދެމެދުގައިވާ ތަނެވެ. (البهوتي، 2003) މާތް الله ވަޙީކުރައްވާފައި ވެއެވެ. ((يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا)) (الأعراف، 27) މާނައީ: “އޭ އާދަމުގެދަރީންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިންކަމުގައިވި (އާދަމުގެފާނާއި ޙައްވާގެފާނާއި) ދެކަނބަލުންގެ ޢައުރަ އެދެކަނބަލުންނަށް ދެއްކުމަށް ޓަކައި، އެ ދެ ކަނބަލުންގެ ފޭރާން ބާލައި، އެ ދެ ކަނބަލުން ސުވަރުގެއިން ނެރެލި ފަދައިން، ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!”
ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާގެފާނު، ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަގެ އަރިއަހަށް، ތުނި ހެދުމެއް ތުރުކުރައްވައިގެން ވަޑައިގަތެވެ. ދެން އިތުރު އެކަލޭގެފާނުގެ މޫނުފުޅު އަނެއް ފަރާތަށް އަނބުރާލެއްވުމަށްފަހު ޙަދީޘް ކުރެއްވިއެވެ. ”އޭ އަސްމާއެވެ! އަންހެނާ ޙައިޟުވާ ޢުމުރަށް ދިޔައީމާ، ހަށިގަނޑުގެ މިތަނާއި މިތަނާއި ފިޔަވައި އެހެން ތަންތަން ހާމަކުރުން ހެޔޮނުވާނެ އެވެ.” އަދި (އެހެން ވިދާޅުވެ) އެކަލޭގެފާނުގެ މޫނުފުޅާއި އަތްތިލަފުޅަށް އިޝާރާތް ކުރެއްވިއެވެ.” (أبوداود، 4/62)
އަންހެނެއް ވިޔަސް ނުވަތަ ފިރިހެނެއް ވިޔަސް، ޢައުރަ ނިވާކުރުމުގައި ފުރިހަމަކުރަންޖެހޭ ޝަރުޠުތަކެއް ވެއެވެ. އެގޮތުން؛ އެންމެ ފުރަތަމަ ކަމަކަށް، ތިމާލާ ހެދުމަކީ ރަނގަޅަށް ޢައުރަ ނިވައިވާކަހަލަ ހެދުމަކަށްވުން ލާޒިމެވެ. އަދި އެ ހެދުމަކީ، ފޭރާމުގެ ތުނިކަމުން، ނުވަތަ ފޭރާން ތައްޔާރުކޮށްފައިވާ ގޮތުން، އެތެރޭގައިވާ އެއްޗެއް ފާޅުވާ ހެދުމަކަށް ވެގެން ނުވާނެއެވެ.
އަދި އެއީ ގަޔަށް ބާރުވުމުގެ ސަބަބުން ގުނަވަންތައް ފާޅުކޮށްދޭ ފަދަ ހެދުމަކަށް ވެސް ވެގެން ނުވާނެއެވެ. ހަމަމިއާއެކު، އަންހެނުން ފިރިހެނުންނަށް ޚާއްޞަ ހެދުން ނޭޅުމާއި، ފިރިހެނުން އަންހެނުންނަށް ޚާއްޞަ ހެދުން ނޭޅުން ހިމެނެއެވެ. އަދި މީގެއިތުރުން، އެ ހެދުމެއްގެ ސަބަބުން އިދިކޮޅު ޖިންސުގެ ބެލުންތައް ތިމާއަށް ހުއްޓިދާފަދަ ހެދުމަކަށްނުވުން ޝަރުޠު ވެގެން ވެއެވެ.
ލާފައިހުންނަ ހެދުން ތިރިއަށް ސޮހިގެން ގޮސް، އެތެރެއިން ލާފައިހުންނަ ހެދުން ނުވަތަ ޢައުރައިން ބައެއް ފާޅުވާނޭހެން ހެދުން އަޅާ އަޚުން، މަދުން ނަމަވެސް ފެންނަކަމީ ޙަޤީޤަތެކެވެ. އަދި މީގެ އިތުރުން، ޢާއްމު ގޮތެއްގައި ރީތިކޮށް ހެދުން އަޅާއުޅޭ އަޚުން ވެސް، ބައެއް ފަހަރަށް ލާފައި ހުންނަ ގަމީސް ނުވަތަ ޓީޝާޓު މާބޮޑަށް ކުރުވުމުގެ ސަބަބުން، ނަމާދުގައި ސަޖިދައަށް ދާއިރު ޢައުރައިން ބައެއް ފާޅުވާ ފަހަރު އާދެ އެވެ. މިގޮތަށް ނަމާދުގައި ޢައުރަ ފާޅުވާނަމަ، ނަމާދު ބާޠިލުވާ ޙާލަތަށް ދިއުމަކީ ވެސް އެކަށީގެންވާކަމެކެވެ.
ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި؛ ނަމާދުކުރާއިރު ޢައުރައިން އެކަށީގެންވާ މިންވަރެއް ފާޅުވެ، އެގޮތުގައި ގިނައިރުވާނަމަ ނަމާދު ބާޠިލުވާނެއެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، ނަމާދުގެތެރޭގައި ޢައުރައިން ކިތަންމެ ކުޑަމިންވަރެއް ފާޅުވިޔަސް ނަމާދު ބާޠިލުވާނެއެވެ. ( الفالح، 1993)
ޢައުރަ ނިވާކުރުން ވާޖިބުވަނީ ގެއިން ބޭރަށް ނިކުންނަންޖެހޭ ވަގުތު އެކަންޏެއްނޫނެވެ. ބޭރަށް ނިކުންނައިރު ވަރަށް ރަނގަޅަށް ޢައުރަ ނިވާކޮށްގެންއުޅޭ ބައެއް އުޚުތުން ވެސް، ގޭތެރޭގައި އެކަމަށް ސަމާލުކަން ދޭންޖެހޭ ހިނދު، އެގޮތަށް ޢަމަލުނުކުރާކަން ފާހަގަކުރެވެއެވެ. އަޅުގަނޑުމެންގެ ޢާއްމު ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތުން، ގޭތެރޭގައިވެސް ޝަރުޢީ ޙިޖާބުން ނިވާވެގެން އުޅެންޖެހޭ ޙާލަތްތައް އާދެއެވެ.
ރައްޓެއްސަކު ނުވަތަ ކާވަނި ހެޔޮވާ ތިމާގެ މީހަކު ނުވަތަ ޅިޔަނަކު ގެއަށް އަންނަހިނދު، ގޭތެރޭގައި އުޅޭ އަންހެނުން ޢައުރަ ނިވާކުރަން ޖެހޭނެއެވެ. އަދި އެފަދައިން، ރައްޓެހި އަންހެނަކު ނުވަތަ ކާވަނި ހެޔޮވާ ތިމާގެ އަންހެނަކު ނުވަތަ ފަހަރިޔަކު ގެއަށް އަންނަހިނދު، ފިރިހެނުންވެސް އެމީހުންގެ ޢައުރަ ނިވާކުރުން ލާޒިމުވާނެއެވެ.
ތަފާތު ގޮތްގޮތަށް ތިމާގެ ފޮޓޯއާއި ވީޑިޔޯ ނެގުމަށްފަހު، ސޯޝަލް މީޑިއާތަކަށްލައި ޢާއްމުކުރާ އުޚުތުން ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ. އެގޮތުން؛ ޝަރީޢަތުގައިވާފަދައިން ޢައުރަ ނިވައިނުކޮށް ނަގާ ފޮޓޯތަކާއި، އަނގަޔާއި ތުންފަތަށް ގެނެވޭ ޙަރަކާތްތަކުން، އެހެންމީހުންގެ ސަމާލުކަން ދަމައިގަންނަފަދަ، ބޭއަދަބީ ފޮޓޯތައް ހިމެނެއެވެ. އިސްލާމީ ނަޒަރުން ބަލާއިރު، މިއީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއްނޫނެވެ. އެއީ އެކަނބަލުންގެ ޢައުރަ ފާޅުކުރުމުގެ އިތުރުން، އެކަމުގެ ސަބަބުން ފިތުނަވެރިކަން ޢާއްމުވެ، ފާޙިޝް ޢަމަލުތައް އިތުރުވެގެން ހިނގައިދާނެކަމެކެވެ. އަދި ބައެއް ފަހަރަށް، ތިމާއަކީ ކުށްވެރިއެއްކަމުގައި ލޭބަލްކުރެވި، މީސްތަކުންގެމެދުގައި ފަޟީޙަތްވުމުގެ ސަބަބެއް ވެސް މެއެވެ.
އެހެންކަމުން ޢިލްމުވެރިން ވިދާޅުވާގޮތުގައި؛ ޢައުރަ ނިވައިކުރުމާއެކު ވެސް، އަންހެނާގެ މޫނު ހިމެނޭ ފޮޓޯތައް ޢާއްމުންގެތެރެއަށް ދޫކޮށްލުމީ ނުރައްކާތެރިކަމެކެވެ. އެއީ އެފަދަ ފޮޓޯތައް ބޭނުންކޮށްގެން، ނުބައި ޢަމަލުތައްކުރުމަށް ފެންބޮވައިގެންފައިވާ ފާޖިރުންނަށް ފޯރުކޮށްދެވޭ ނުރައްކާތެރި ހަތިޔާރެކެވެ. އެގޮތަށް ދޫކޮށްލެވޭ ތިމާގެ ފޮޓޯއާއި، ފާޙިޝް ޢަމަލުތައް ކުރާ މީހުންގެ ފޮޓޯ އެއްކޮށް އެޑިޓުކުރުމަށްފަހު، މީޑިޔާގެ ވަސީލަތްތަކަށް ދޫކޮށްލުމުން، އެއީ ތިމަންނައެއްނޫނޭ، ބަޔަކު ހަދާފައިވާ އެއްޗެކޭ ބުނުމަކުން ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެއެވެ. މިފަދަ ގެއްލުންތަކުން ސަލާމަތްވުމަށް ޓަކައި، ޢައުރައަށް ރައްކާތެރިވުމުގެ މުހިއްމުކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވާފައި ވެއެވެ. ((يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ)) (الأحزاب، 59) މާނައީ: “އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެންވުމަށާއި، އެކަނބަލުންނަށް އުނދަގޫނުލިބުމަށް އެގޮތް މާގާތްކަންބޮޑެވެ.”
ޢައުރައަށް ރައްކާތެރި ނުވުމުން ދުނިޔެމަތީގައި ކުރިމަތިވާ ގެއްލުމުގެ އިތުރުން، އެއީ ޤިޔާމަތް ދުވަހުގައި ގަދަފަދަ ޢަޛާބު ހުރިކަމެއްކަން ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. ނަރަކައިގައިވާ ދެބާވަތެއްގެ މީހުން ބަޔާންކޮށް ދެއްވަމުން ރަސޫލު الله ޙަދީޘް ކުރެއްވިއެވެ. “وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيْلاَتٌ مَائِلاَتٌ ، رُؤُوْسُهُنَّ كَأَسْنِمَةِ الْبَخْتِ الْمَائِلَةِ ، لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيْحَهَا ، وَإنَّ رِيْحَهَا لَيُوْجَدُ مِنْ مَسِيْرَةِ كَذَا وَكَذَا” (مسلم، 2180)
މާނައީ: “ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންގެ ބައެކެވެ. (އެބަހީ: ހެދުން ލީނަމަ ވެސް، ޝަރީޢަތުގައި އަންގަވާފައިވާފަދައިން ޢައުރަ ނިވައިނުކުރާ އަންހެނުނެވެ.) އެކަނބަލުންނަކީ ތެދުމަގާއި ޢިއްފަތްތެރި ކަމުގެ ސީދާ މަގުން ލެނބިފައި ތިބޭ، އަދި އެހެން މީހުން ކަތިމަގަށް ލަންބުވާބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލުގެ އުސްވެ ލެނބިފައިވާ ގޮންގަނޑުހެންނެވެ. އެކަނބަލުންނަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ. އެތާނގެ ވަހަކީ އެވެނި މިވެނި ރާސްތާއަކަށް ފޯރާއެއްޗެކެވެ.”
އިސްވެދިޔަ އާޔަތާއި ޙަދީޘް އަދި މިނޫންވެސް ގިނަ ދަލީލުތަކުން އެނގޭގޮތުގައި، މީސްތަކުންގެ ކުރިމަތީގައި ސީދާކޮށް އަންހެނުންގެ ޒީނަތް ފާޅުކުރުމާއި، މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ނުސީދާކޮށް އެކަން ފާޅުކުރުންވެސް ޙަރާމް ވެގެން ވެއެވެ. މިއިން ދައްކައިދެނީ، އިސްލާމް ދީނުގައި އެކަނބަލުންނަށް ދެއްވަވާފައިވާ ރައްކާތެރިކަމުގެ ބޮޑުކަމެވެ. އެކަނބަލުންގެ ޒީނަތްތެރިކަމުން އުފާ ހާސިލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތައް ފުރިހަމަނުކޮށް، އެއާގާތްވުމުގެ ޙައްޤު އެއްވެސް މީހަކަށް ދެއްވަވާފައިނުވާކަމެވެ. ވީއިރު، ތިމާ އަމިއްލައަށް ކުރާކަމެއްގެ ސަބަބުން، އިސްލާމް ދީނުގައި ކަށަވަރުކޮށްދީފައިވާ މިމަތިވެރި ރައްކާތެރިކަން، ފުނޑުފުނޑުވެގެން ދިއުމަށް އެދޭނީ ފަހެ ކާކުހެއްޔެވެ؟
އިސްވެ ބަޔާން ކުރެވުނީ އަޢުރަ ނިވާކުރުމާމެދު މިފަހަކަށްއައިސް މުޖުތަމަޢުން ފާހަގަކުރެވޭ ބައެއް ކަންކަމާއި އެއާގުޅޭ ގޮތުން އިސްލާމް ދީނުގައިވާ ބައެއް އިރުޝާދެވެ. މީގެއިތުރުންވެސް، އަޢުރައަށް ރައްކާތެރިނުވާ ފަރާތްތައް އެކަމުން ސަލާމަތްކުރުމަށްޓަކައި އެޅިދާނެ މުހިއްމު ތިންފިޔަވަޅެއް ތިރީގައިއެވަނީއެވެ.
ބަލައި ބެލެހެއްޓުމުގައި ދަރަޖަ މަތިވެރިކުރައްވާފައިވާ ފިރީން އެ މީހުންގެ އަނބީންގެ ޒީނަތްތެރިކަން، މީސްތަކުންގެތެރޭގައި އިމެއްނެތި ފާޅުކުރުމަށް ދޫކޮށްލައިގެން ނުވާނެއެވެ. އެކަނބަލުންގެ ޒީނަތްތެރިކަމުން، އެހެން މީހުން ހިތްހަމަޖައްސަން ފުރުޞަތު ދީގެން ނުވާނެއެވެ. ދެމަފިރީން އެކުގައި ނުވަތަ އަނބިމީހާ އެކަނި ނަގާފައިވާ ރޮމޭންޓިކް ފޮޓޯތައް ޢާއްމުވިޔަ ދީގެން ނުވާނެއެވެ. ފިލްމާއި އިޝްތިހާރުތަކުގައި، އިސްލާމީ އަޚްލާޤާއި ފުށުއަރާ ގައިގޯޅި މަންޒަރުތައް ކުޅުމާއި، ހިލޭ ފިރިހެނުންގެ ކުރިމަތީގައި ނަށައި، އެކަނބަލުންގެ ޖާޒުބިއްޔަތު ހާމަކުރުމަށް ދޫކޮށްލުމީ، އެކަނބަލުންނަށް ދެވޭ އަނިޔާއެކެވެ.
މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި ގިނަގުނަ މަސައްކަތްތަކެއްކޮށްދޭ ވިޔަފާރިވެރިން މާތް الله ގެ ދީނަށް ނަޞްރުދިނުމަށް ޓަކައި ކުޑަކުޑަ ޤުރުބާނީއެއްވާން އެބަޖެހެއެވެ. އެއީ އިޝްތިހާރުތަކާއި ވިޔަފާރި ކެމްޕޭނުތަކުގައި، ކަރާމާތްތެރި އުޚުތުންގެ ޖިސްމުތައް، ނިވާކަންކުޑަ ގޮތްގޮތަށް ބޭނުންނުކުރުމެވެ. މާތް الله އަށް ބިރުވެތިވުމުގެ ގޮތުން އެފަދަކަމެއް ހުއްޓާލައިފިނަމަ މުދާ އިތުރުކޮށްދެއްވައި، މުދަލުގައި ބަރަކާތް ލައްވާނެކަން ޔަޤީނެވެ. މާތް الله ވަޙީ ކުރައްވާފައިވެއެވެ. ((وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجاً ، وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ)) (الطلاق، 2-3) މާނައީ: “އަދި الله އަށް ތަޤުވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުޤު ދެއްވާނެތެވެ.”
މަދަރުސާތަކާއި އެނޫންވެސް ޔުނިފޯމް ބޮޑީތަކުގެ ޔުނިފޯމު ކޯޑުތައް އެކުލަވާލާއިރު، އެއީ އިސްލާމީ އުޞޫލުތަކަށް ފެތޭ ގޮތަށް ހުންނަ އެއްޗަކަށް ހެދުމީ، އެކަމުގެ މަސްއޫލު ވެރިންގެ ޒިންމާއެއްކަމުގައި ދެކެން ޖެހެއެވެ. އަދި ހަމަމިއާއެކު، އެހެނިހެން ވެސް ވަޒީފާގެ މާޙައުލުތަކުގައި ހެދުން އެޅުމުގައި އިސްލާމީ މަންހަޖަށް ތަބާވުމަށް އަމުރުކުރުމާއެކު، އެކަމަށް މަގުފަހިވާނޭހެން ޕޮލިސީތައް ރޭވުމީ އެކަންކަމާ ޙަވާލުވެ ތިބޭ އެންމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއީ މަސްއޫލިއްޔަތެއް ޙަވާލުވެއްޖެ ކޮންމެމީހަކާމެ، އޭނާގެ މަސްއޫލިއްޔަތު އަދާކުރިގޮތާމެދު ޤިޔާމަތްދުވަހުގައި ސުވާލުވެވޭނެކަމަށް އޮންނަ ޙަދީޘްގައި އިންޒާރުކުރައްވާފައިވާ ފަދައިންނެވެ. (البخاري، 5200. مسلم، 1829)
ޢައުރައަށް ރައްކާތެރިކުރުމަށް މާތްالله އަމުރުކުރައްވާފައިވާ، ނޫރު ސޫރަތުގެ 31 ވަނަ އާޔަތް ނިންމަވާލައްވަމުން ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. “އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން الله އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ.” މިއިން ދޭހަކޮށްދެނީ؛ މާތް الله ގެ އަމުރަކަށް ނުވަތަ ނަހީއަކަށް ފަރުވާކުޑަކުރެވިފައިވާނަމަ އެކަމަށްޓަކައި މާތް الله އަށް ތައުބާވެ އެކަން ތަކުރާރުކޮށްގެން ނުވާނެކަމެކެވެ. އަދި އެފަދައިން ކަންތައްކޮށްފިނަމަ ފާފަ ފުއްސަވައި އެކަލާނގެ ޢަޛާބުން ރައްކާތެރިކޮށްދެއްވާނެކަމެވެ. (السعدي، 2002)
މައުޝޫމާތު ނަގާފައިވަނީ ލިޔުންތެރިންގެ ގުޅުމުން…
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް