ނޯޓިސް ބާތިލުކުރަން އަންގައި، ފްލައިން ސްކޫލްގެ ހުރިހާ ދަރިވަރުންގެ މައްސަލަ ވަކިން ބަލަނީ

އައްޑޫ ސިޓީގައި އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ހިންގާ ފްލައިން ސްކޫލުގައި ކިޔަވާ 15 ދަރިވަރަކު ވަކިކުރަން ދިން ނޯޓިސް ބާތިލްކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ. ފްލައ...

17 Dec 2020 | 18:02

އައްޑޫ ސިޓީގައި އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ހިންގާ ފްލައިން ސްކޫލުގައި ކިޔަވާ 15 ދަރިވަރަކު ވަކިކުރަން ދިން ނޯޓިސް ބާތިލްކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.

ފްލައިން ސްކޫލުން 15 ދަރިވަރަކު ކަނޑާލަން ނޯޓިސް ދިނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ވެސް ފަސް ދަރިވަރަކު ކަނޑާލި މައްސަލައެއް ފެންމަތިވެ މިނިސްޓްރީގެ އެންގުމަށް އަލުން ޖާގަ ދީފައިވާއިރު މިފަަރު ނޯޓިސް ދިން ދަރިވަރުންގެ ތެރޭގައި އަނެއްކާވެސް އެ ދަރިވަރުން ހިމެނެ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ނެރެފައިވާ ނޫސްް ބަޔާނެއްގައި ބުނެފައިވަނީ ކަނޑާލަން ދަރިވަރުންނަށް ދިން ނޯޓިސް ބާޓިލް ކުރަން އެންގުމާއި އެކު އެތަނުގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މި ދިޔަ އޮކްޓޯބަރު މަހުން ފެށިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިނިސްޓްރީގެ އެންގުމާއި އެއްގޮތަށް އަމަލު ނުކުރާ ނަމަ ނުވަތަ އެހެން އަމަލެއް ހިންގައިފި ނަމަ މިނިސްޓްރީއަށް އެންގުމަށް ދަރިވަރުންގެ ކިބައިން އެދޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައި އެ ސްކޫލުގެ ހުރިހާ ދަރިވަރުންގެ މައްސަލަތައް ވަކިވަކިން ބަލައި އެ މައްސަލަތައް ވަކި ވަކިން ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށާއި އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ ދަރިވަރުންނަށް ފްލައިން ހަމަކުރަން ބޭނުންވާ ވަރަށް މަތިންދާ ބޯޓު ގެނައުމާއި މިހާރު ހުރި އެއްޗެހީގެ މެއިންޓަނަންސް ކަންކަން ބަލައި މައްސަލަތައް ހޯދައި ހައްލުކުރަން އެންގުމުގެ އިތުރަށް މެއިންޓަނަންސް މައްސަލަތަކާ ގުޅިގެން ބައެއް ބޯޓު ގްރައުންޑް ކުރި ކަމަށް ވެސް ބުންޏެވެ.

ފްލައިން ސްކޫލްގައި ދަރިވަރުން ދުއްވުމަށް 13 މަތިންދާ ބޯޓު އޮންނަ އިރު މިވަގުތު ބޭނުންކުރަމުން އަންނަނީ ދެ މަތިންދާ ބޯޓެވެ. ބާކީ މަތިންދާ ބޯޓުތަކުގެ ތެރެއިން ދެ ބޯޓު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު ދެން ހުރި އެއްޗެހިތައް އޮތީ މެއިންޓެނަންސްގަ އެވެ.

ދެ މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނުގައި އިތުރަށް ބުނީ އެ ސްކޫލްގެ މައްސަލަ ބަލަމުން ދާތީ ޓްރާންސްޕޯޓު މިނިސްޓްރީގެ އެންގުމަށް ސްކޫލުގެ ހެޑް އޮފް ޓްރެއިނިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިނިސްޓްރީގެ އެންގުމަށް މެއިންޓަނަންސް މެނޭޖަރު ބަދަލުކޮށް، ކޮލިޓީ މެނޭޖރަކަށް ވެސް ފުލް ޓައިމް މުވައްޒަފަކު ހަމަޖައްސާފައިވާ ކަމަށެވެ.

ކަނޑާލަން ނޯޓިސް ދިން ދަރިވަރުންގެ ތެރޭގައި ހަމައެކަނި ފަހު އިމްތިހާނާއި ޓްރެއިނިން ނުނިމޭ ކުދިން އެބަތިއްބެވެ. ޝެޑިއުލާ އެއްގޮތަށް ރަނގަޅަށް ކިޔެވުން ދާނަމަ 18 މަސްތެރޭގައި ކޯސް ނިމެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް