ކޯވިޑް-19 އާިއ ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނަށް ބަދަލު ގެނައުމުން މާފުށި ޖަލަށް ގޮސް ގަނޫނީ ވަކީލުންގެ ޓީމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ބައްދަލު ކުރެވިއްޖެ އެވެ.
އެޗްޕީއޭއިން ކުރިން އަމަލު ކުރަމުން އައި ގޮތުން ފަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކުން 72 ގަޑިއިރު ނުވާ ނެގެޓިވް ޕިސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅަން ޖެހެ އެވެ. އޭގެ ކުރިން ކުރު މުއްދަތަކަށް ކަރަންޓީން ނުވާގޮތަށް އަތޮޅުތެރެއަށް ދަތުރު ކުރެވެނީ ސަރުކާރާއި ޔޫޓީލިޓީ ނުވަތަ ކޮމިއުނިކޭޝަން ފަދަ މުހިންމު ކަންކަމަށް ދަތުރު ކުރާ ފަރާތްތަކަށް އެކަންޏެވެ.
އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ބޭނުންތަކުގައި އެމީހަކު ފޮނުވާ ފަރާތެއް ނުވަތަ ކުންފުންޏެއް ޒިންމާވާގޮތަށް ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެތި ގިނަ ވެގެން ފަސް ދުވަހަށް ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ގައިޑްލައިން ބަދަލުކޮށްފައި އެވެ.
މި ބަދަލު ގެނައުއުމުން ކުރީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމު މިއަދު ވަނީ މާފުށީ ޖަލަށް ވަޑައިގެން އެމަނިކުފާނާއި ބައްދަލު ކުރައްވާފައި އެވެ. ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޔާމީންއާ ބައްދަލުކުރުމަށް އަޅަމުން ދިޔައީ ޣައިރު ގާނޫނީ ހުރަސްތަކެއް ކަމަށާއި އެ ހުރަސްތަކަށް ފަހު މިއަދު އަނެއްކާ ވެސް ޔާމީންއާ ބައްދަލުވެފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
https://twitter.com/MJameelAhmed/status/1339532725745664000
ވަކީލުން ޔާމީން އާއި ބައްދަލު ކުރައްވާފައިވަނީ މަނީ ލޯންޑަރިންގެ މައްސަލައިގަ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ. އެ ދައުވާތަކާއި ގުޅިގެން މީގެ ކުރިން ބޭއްވި ދެ އަޑުއެހުންވެސް ނިންމާލީ ވަކީލުންނާއި ޔާމިން އާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބިފައި ނުވާތީ އެ ފުރުސަތު ދޭން އެންގުމަށް ފަހު އެވެ.
މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ޔާމީންގެ މައްޗަށް އުފުލާފައިވާއިރު އެމަނިކުފާނު މިހާރު ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް