ބައިބައިވެފައިވާ މުޖުތަމަޢުތަކުގެ ސަބަބުން މީސްމިހުންނާއި, މުޅި ދުނިޔެ ދެކޮޅުވެރިކަމުގެ މަގަށް ހިނގައިދާނެކަމަށް އ.ދ ގެ ތަރައްޤީއާ ބެހޭ ޖަމާޢަތުން (ޔޫ.އެން.ޑީ.ޕީން.), އެންމެ ފަހުން ނެރުނު އިންސާނީ ތަރައްޤީގެ ރިޕޯރޓްގައި ބުނެފިއެވެ. މި ރިޕޯޓުގައިވާގޮތުން, ދެކުނު އޭޝިޔާ ސަރަޙައްދުގައި ކޮންމެ މީހެއްގެ ނިސްބަތުން ޤުދުރަތީ ވަޞީލަތްތައް ބޭނުންކުރާ މިންވަރު ނުވަތަ "މެޓީރިއަލް ފުޓްޕްރިންޓް" އެންމެ މަތީ ދިވެހިރާއްޖޭގައެވެ.
އިންސާނީ ތަރައްޤީޤެ ރިޕޯޓުގައިވާ އެކްސްޕެރިމެންޓަލް ގްލޯބަލް އިންޑެކްސް އަކުން ދުނިޔެއަށް ކުރިމަތިވާ ފިއްތުންތައް ކުޑަކުރަމުން, ފަޤީރުކަމާއި, ހަމަހަމަކަން ނެތުމުގެ މައްސަލަ ހައްލުކުރުމުގައި ހުރި ގޮންޖެހުންތައް ތަސައްވުރުކޮށްދީފައިވެއެވެ.
އެ ރިޕޯޓުގައި ޤަޢުމުތަކުގެ ސިޔާސީ ވެރިންނަށް ތިމާވެއްޓަށާއި ޤުދުރަތީ ދުނިޔެއަށް އިންތިހާ ދަރަޖައަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ކުޑަކުރުމުން، ވަރުގަދަ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވެއެވެ. ނުވަތަ އިންސާނީ ތަރައްޤީ މުޅީން ހުއްޓޭނެ ކަމަށްވެސް ރިޕޯޓްގައިވެއެވެ.
"އެއްވެސް ޒަމާނެއްގައި އޮތް ވަރަށްވުރެން ބޮޑު ބާރެއް މިހާރު އިންސާނުންނަށް ދުނިޔޭގެ މައްޗަށް އޮވޭ. ކޯވިޑް-19 އާއި, ރެކޯޑް މިންވަރަކަށް ދުނިޔެ ހޫނުވުމާއި, ހިފެހެއްޓުމެއްނެތް މިންވަރަށް ހަމަހަމަކަން ނެތުމުގެ މައްސަލައިގެ އަލީގައި, އަޅުގަނޑުމެންނަށް ލިބިފައިވާ ބާރުގެ ބޭނުންކުރަންވީ ކުރިއެރުން މާނަކުރާގޮތް ބަދަލުކުރަން. އެކަން ކުރެވޭނީ ކާރބަން އާއި ވަޞީލަތްތައް ބޭނުންކުރާ ނިސްބަތް ސިއްރުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްގެން" ޔޫ.އެން.ޑީ.ޕީ.ގެ އެޑްމިނިސްޓްރޭޓަރު އަކިމް ސްޓެއިނާ ވިދާޅުވެފައިވެއެވެ.
"މި ރިޕޯޓުންވެސް އެނގޭގޮތުގައި, ދުނިޔެއަށް އާދަޔާ ޚިލާފަށް ބޮޑަށް ފިއްތުންތައް ކުރިމަތިނުކޮށް މަތީ މިންވަރަކަށް އިންސާނީ ތަރައްޤީ ޙާޞިލުކުރުމަކީ ދުނިޔޭގެ އެއްވެސް ޤަޢުމަކަށް މިހާތަނަށް ކުރެވިފައިވާ ކަމެއް ނޫނެވެ. އެކަމަކު މި ގޯސް ރަނގަޅުކުރާނެ ފުރަތަމަ ޖީލަކަށް އަޅުގަނޑުމެންނަށް ވެވިދާނެ. އެއީ އިންސާނީ ތަރައްޤީގައި ދެން ޙާޞިލުކުރާން އޮތް އެންމެ މަތީ ހަރުފަތް" އަކިމް ސްޓެއިނާ ވިދާޅުވިއެވެ.
އެޗް.ޑީ.އައި އަކީ ޤަޢުމެއްގައި ޞިއްޙަތާއި ތަޢުލީމު އަދި ދިރިއުޅުމުގެ ފެންވަރު ވަޒަންކުރާ މިންގަނޑެކެވެ. މީގެ ތެރެއަށް ޤަޢުމުން ކާބަންޑައި އޮކްސައިޑް ބޭނުންކުރާ މިންވަރާއި, ކޮންމެ މީހެއްގެ ނިސްބަތުން ޤުދުރަތީ ވަޞީލަތްތައް ބޭނުންކުރާ މިންވަރު ނުވަތަ "މެޓީރިއަލް ފުޓްޕްރިންޓް" މި ދެކަންތައް އިތުރުކުރުމުން, އާންމުކޮށް އިންސާނުންނާއި ދުނިޔޭގެ ދުޅަހެޔޮކަމަކީ، އިންސާނީ ކުރިއެރުން މިނުމުގައި އެންމެ ފުރިހަމަ ދައުރެއް އަދާކުރާ ކަންކަން ކަމުގައި ބަލައިފިނަމަ، ބައިނަލްއަޤްވާމީ ތަރައްޤީގެ ބޮޑު މަންޒަރު ބަދަލުވެގެންދާގޮތް ދައްކުވައިދެއެވެ.
މި އަހަރުގެ ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސް (އެޗް.ޑީއައި) ގައި 189 ޤައުމުގެ ތެރެއިން ދިވެހިރާއްޖެ އޮތީ 95 ވަނައިގައެވެ. ދިވެހިރާއްޖޭގައި މީހުން ދިރިހުންނަ އާންމު އުމުރު 1990 ވަނަ އަހަރުގެ ފަހުން 17.4 އަހަރު އިތުރުވެފައިވެއެވެ. މީގެ އިތުރުން ގްރޮސް ނޭޝަނަލް އިންކަމް (ޖީ.އެން.އައި) ބޮލަކަށް ޖެހޭ ނިސްބަތް 132% ވަނީ އިތުރުވެފައެވެ. އެއާއެކު މި އަހަރުގެ ރިޕޯރޓުން ހާމަވާގޮތުގައި ދެކުނު އޭޝިޔާ ޞަރަޙައްދުގައި ކޮންމެ މީހެއްގެ ނިސްބަތުން ޤުދުރަތީ ވަޞީލަތްތައް ބޭނުންކުރާ މިންވަރު "މެޓީރިއަލް ފުޓްޕްރިންޓް" އެންމެ މަތީ ދިވެހިރާއްޖޭގައެވެ. މިއީ 14.5 ޓަނެވެ. މިއީ ދުނިޔޭގެ އެވަރެޖް އަދަދު ކަމަށްވާ 12.3 ޓަނަށްވުރެވެސް މަތީ އަދަދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް