ކޮޓަރީގެ ވަކި ސަރަހައްދެއްވަނީ ކުޑަދަރިފުޅަށްޓަކައި ޚާއްސަ ކުރެވިފައެވެ. އެ ސަރަހައްދު ވަނީ ފިޔާތޮށި ކުލައިގެ ޑެކަރޭޝަންތަކުން ފަޅުފިލުވާލެވިފައެވެ. ބޭބީއަށް ޙާއްސަ ކުޑައެނދާ، ހެއްލާ އެނދުގެ އިތުރުން ބޭބީ ބާއްވާނެ ކޮށިތަކެވެ. ތަފާތު ކުލަކުލައިގެ ކުޅޭސާމާނެވެ. އަޑުގޮއްވާ ކުޅޭއެއްޗިއްސާ އެކި ކުލަކުލައިން ދިއްލޭ ކުޅޭއެއްޗިހިވެސް މަދެއް ނޫނެވެ. ބޭބީގެ ހެދުންތައް ބަހައްޓާނެ ވަކި އަލަމާރިއެއްހުރިއިރު އެ އަލަމާރީގެ ވަތްގަނޑުތައް ފުރުފައިވަނީ އެކި ސައިޒުގެ ރީތި ހެދުންތަކުންނެވެ.
ޝުކުރުވެރިކަމާއެކު ފަހަރަކު މީހެއްގެ މޫނަށް ޒާރާއަށް ބަލާލެވުނެވެ.
''ތެންކިޔޫ......... ވަރަށް ހިތްގައިމު.......'' ޒާރާ މަޑުމަޑުން ކޮޓަރިތެރޭގައި ހިނގާލިއެވެ.
***********
ޒާރާއާއި އިމްރާންގެ ދެމަފިރިން އެމީހުންގެ ދަރިފުޅަށް ދިން ނަމަކީ ޒިލީއެވެ. އެއީ ޒާރާއަށް ވެސް އަދި އިމްރާންގެ އިތުރުން ސަރީފާއަށްވެސް ނަންތަކުގެ ތެރެއިން އެންމެ ކަމުދިޔަ ނަމެވެ. ދަރިފުޅު ލިބުނުފަހުން ވޭތިވެދިޔަ މަސްދުވަސް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަމާން ކަމާ އުފާ ފާގަތިކަން މަތީގައެވެ. ދުވަހަކީ ތުއްތު ތުއްތު ޒިލީ އަށް އެއްމަސް ފުރޭދުވަސްކަމުން، އެދުވަސް ކުލަގަދަކޮށް ފާހަގަކުރަން ސަރީފާ ވަނީ ނިންމާފައެވެ. އެހެންކަމުން ހެނދުނުއްސުރެ އެކަމުގެ ތައްޔާރީތައް ވަމުންދަނީއެވެ.
ހަވީރު ހަރަތުގަޑި ބައިވިއިރު ޓެރަސްވަނީ ޕާޓީއަށްޓަކައި އެންމެ ފުރިހަމައަށް ޒީނަތްތެރި ކުރެވިފައެވެ. ޒާރާވެސް ފެންވަރާލުމަށްފަހު ރީތިވެލިއެވެ. ދުވަހަށް ހާއްސަކޮށް ފަހާފައިވާ ކަޅުކުލައިގެ މެކްސީއާއެކު ގަދަ ރަތްކުލައިގެ ޝޯލްއަޅާލިއެވެ. ތުންފަތުގައި މަޑު ފިޔާތޮށިކުލައިގެ ލިޕްގްލޯ ހާކާލިއެވެ. އެސްފިޔަތަކުގައި މަސްކާރާ އެޅުމަކީ ޒާރާ ކުރާކަމެއްނޫނެވެ. އެހެންނަމަވެސް އެ ރީތި އެސްފިޔަތައް އިނގިލިތަކުން ރީތިކޮއްލިއެވެ. އެތައް ދުވަހަކަށްފަހު އެގޮތަށް ފުރިހަމައަށް ތައްޔާރުވެލުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރަ ބަލާލިއެވެ. އޭނާގެ އަމިއްލަ ސޫރަ ލޯގަނޑުން ފެނުމުން ލަދުގަންނަގޮތް ވިއެވެ. މެކްސީ ތަންކޮޅެއް ބާރުހެން ހީވެ މޭމަތިން ހާމަވާބައި ބުރުގާއިން ނިވާކުރެވޭތޯ ބެލިއެވެ. އެހެންނަމަވެސް އަލުން ޝޯލް އަޅައިގެން ނޫނީ އެކަން ނުވާނެކަން އެނގޭތީ ޖަހާފައިހުރި ޕިންތައް ނައްޓުވަން ފެށިއެވެ. ދެވަނަ ޕިން ނައްޓާލުމާއެކު އިމްރާނުގެ ފޯނު ވައިބްރޭޓްވާއަޑު ޒާރާއަށް އިވުނެވެ. ލަސްވެގެން މަންމަމެން ގުޅަނީކަމަށް ހީކޮށް ޒާރާ އެނބުރިލީ އެނދުގެ ސައިޑް ޓޭބަލް މަތީގައި އޮތް އިމްރާނުގެ ފޯނާ ދިމާއަށެވެ. ގުޅަނީ މަންމަ ނޫންކަން އެނގުމުން ޒާރާ ބޭނުންވީ އަޅާނުލާ ހުންނާށެވެ. އެހެންނޫނަސް އިމްރާނަށް އަންނަ ފޯނުކޯލުތައް ޒާރާ ނުނަގައެވެ. ދުވާލަކު އެތައް އެތައް ކޯލެއް އިމްރާނަށް އަންނަކަން އެނގޭތީއެވެ. ގިނައިން ގުޅަނީ ވިޔަފާރި ކަންކަމުގައި ގުޅާ މީހުންކަން ޒާރާއަށް ޔަގީންވާތީއެވެ.
ފޯނު ކެނޑުމުން އޭނާ އެނބުރިލީ ލޯގަނޑާ ދިމާއަށެވެ. އެހެންނަމަވެސް ދެވަނަފަހަރަށްވެސް އެ މީހަކު ގުޅިއެވެ. އަދި ތިންވަނަ ފަހަރަށް ގުޅަންފެށުމުން ޒާރާ ބޭނުންވީ ފޯނު ނަގާށެވެ. އިމްރާން ފާހާނާގައި އުޅޭވާހަކަ ބުނެލާފައި ފޯނު ބޭއްވުމަކުން ގޯހެއްނެތެވެ. އޭރުން އެކޮޅުން ގުޅާ މީހަކުވެސް ހިތްހަމަޖެހޭނެތާއޭ ޒާރާގެ ހިތަށް އެރިއެވެ. މުހިންމު ކަމަކު ގުޅާމީހެއްނޫނީ އެހާ ގިނައިން ނުގުޅާނެކަން އެނގޭތީއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ޚިޔާލު ބަދަލުވިއެވެ.
''އިމްރާން......... ފޯނެއް އެބައާދޭ........'' ފާހާނާގެ ދޮރާ ކައިރިވެލަމުން ޒާރާ ގޮވާލިއެވެ.
''ކާކު.....'' އިމްރާން ބޭނުންވީ ގުޅަނީ ކާކުކަން އެނގޭށެވެ. ކޯލުގެ މުހިންމުކަން އެނގޭނީ އެ ގުޅާމީހަކު އެނގިގެންތާއެވެ.
''ކޮންމެވެސް އިއްބެ އެއް.....'' ފޯނަށް އަރާފައިވާ ނަން ޒާރާ ކިޔާލިއެވެ.
''ނަގާފަ ބުނޭ...... ގޭތެރެއަށް ވަދެ މަޑުކޮއްލަން....... އަހަރެން ދައުވަތު ދީގެން އިއްބެ އެ އައީ..........'' އިމްރާން ޖަވާބު ދިނެވެ. އެހެންނަމަވެސް ފޯނު ނެގުމަށްޓަކައި ފޯނާ ހަމައަށް ޒާރާއަށް ނުދެވެނީސް ފޯނު ކެނޑިއްޖެއެވެ. ކުޑަ އިރުކޮޅެއްފަހުން އައީ މެސެޖެކެވެ.
''މިވަގުތު ކުޑަކަމެއް ދިމާވެގެން މިއުޅެނީ........އެހެންވެ ފެށޭއިރަށް ނުދެވިދާނެތީ އެވާހަކަބުނަން މި ގުޅަނީ.......... އިމްރާން އެވަރަށް ބުނީމަވެސް ނައޭ ހީކޮއްފާނެތީ....... އިރާދަކުރެއްވިއްޔާ މިރޭ ނަމަވެސް ދެވޭތޯބަލާނަން......'' ޒާރާ އެ މެސެޖް ކިޔާލުމަށްފަހު ފޯނު ބޭއްވިއެވެ. އަދި އޭނާ ކުރަމުން ދިޔަ ކަންތަކައިގެން މަޝްއޫލު ވިއެވެ.
''ކޮން އިއްބެ އެއް..... ކަމެއް ދިމާވެގެން ނާދެވުނު ވާހަކަ އެބޮތް މެސެޖްކޮއްފަ.......... މިރޭ ނަމަވެސް އާދެވޭތޯ ބަލާނަމޯ............ އެއީ އޮފީހުގައި އުޅޭ އިއްބެތަ............'' އިމްރާން ނިކުތުމުން ޒާރާ އަހާލިއެވެ.
''ނޫނޭ......... އެއީ ކުރީދުވަހު ބުނީމެއްނު ފަހުދުގެ ޕޭޝަންޓެއް ވާހަކަ........ އޭނާ އެއީ...... ވަރަށް އަޚްލާޤް ރަނގަޅު މީހެއް......... ދެތިންފަހަރެއްގެ މަތިން ކޮފީއިން ދިމާވެއްޖެ....... މިޒަމާނުގަ އެހާ ރަނގަޅު ޒުވާނުން ވަރަށް މަދުވާނެ...... ބައްދަލުވި ދެތިން ފަހަރުމަތިންވެސް ވެސް އޭނާގެ ތެދުވެރިކަން އަހަންނަން ވަރަށް ރަނގަޅަށް އެނގިއްޖެ........'' އިމްރާންގެ ދުލުން ބޭރުވެގެން ދިޔައީ ތައުރީފުގެ ބަސްތަކެކެވެ.
''އެހެންތަ.......... އެކަހަލަ ޒުވާނެއް މަށަށްވެސް ލިބިފަ ހުރީ........ އެހާ ތެދުވެރި....... އެހާ ރަނގަޅު...... އެހާ އޯގާތެރި....... އެހާ ރީތި........ ގައިމު އިމްރާން ވަރެއް ނުވާނެކަން ޔަގީން ތިބުނާ އިއްބެ އެއް..........'' ޒާރާ އިމްރާނުގެ މޭގައި މޫނުޖައްސާލިއެވެ.
''ތީ ޒާރާއަށް ހީވާގޮތް ކަމުގައިވެސް ވެދާނެ...........ޒާރާއަށް އެނގެނީ އަހަރެންގެ ގޮތް އެކަންޏެއްނު........ އެހެންވެ ތިހެން ތި ބުނަނީ...........'' އިމްރާން ހިނިތުންވެލިއެވެ.
''ދެން އެންމެ ރަނގަޅޭ......... އަވަސްކުރޭ..............'' ޒާރާ ގަޑިއަށް ބަލާލުމަށްފަހު ތަންމަތީގައި އޮތް ތުއްތު ޒިލީއަށް ބަލާލިއެވެ.
ތައްޔާރުވެ ނިމުނު އިރު ފަހެއް ޖަހަނީއެވެ. އެހެންކަމުން ޒިލީ ގޮވައިގެން ދެމަފިރިން ޓެރެސްއަށް ނިކުތެވެ. އޭރު އެތަނުގައި ގޭ އެންމެންގެ އިތުރުން އެމީހުންގެ ރައްޓެހިންވެސް ތިއްބެވެ. ތަނުގައި ޖަހާފައިވަނީ މަޑު މިއުޒިކެކެވެ. ކުލަކުލައިގެ ކަރުދާހާ ފޮތިން މުޅި ޓެރަސް ވަނީ ޒީނަތްތެރި ކޮއްފައެވެ. މެދުގައި ބަހައްޓާފައިހުރި ވަށް މޭޒުމަތީގައި ރީތި ކޭކެއް ހުއްޓެވެ.
''އާދޭ އަވަހަށް ...........'' ސަރީފާ ބަލާލީ އޭނާގެ ލޯބިވާ އިމްރާންގެ ދެމަފިރިންނަށެވެ. ސަރީފާ ޒިލީ އުރާލުމާއެކު ޒިލީ ދެކިލުމަށް ކެތްތެރިކަމެއްނެތި އިންތިޒާރުގައިތިބި ރައްޓެހިންތައް އޭނާ ވަށާލިއެވެ. ތައުރީފާ ލޯބީގެ ބަސްތައް އެ ދަރިފުޅުގެ މައްޗަށް އޮހެމުން ދިޔައެވެ. އިމްރާން ވެސް އޭނާގެ ރައްޓެހިން ގާތަށް ޖެހިލިއެވެ. ވަގުތަކީ ފަހުދު އިންތިޒާރު ކުރަމުން ދިޔަވަގުތެވެ. އެތަނަށް ޒާރާ ނިކުތީއްސުރެ ފަހުދަށް އެހެން ދިމާއަކަށް ނުބެލެއެވެ. ޒާރާގެ ރީތިކަމާ އަންހެންވަންތަ ކަން ހާމަވަނީ އަދި އެގޮތަށް ގަޔަށް ބާރު ހެދުމެއް ލުމުން ކަމުގައި ފަހުދަށް ގަބޫލުކުރެވުނެވެ.
''ހައި ބިއުޓިފުލް.......'' ފަހުދު އެއްވެސް ޖެހިލުމެއް ނެތި ޒާރާގެ ގާތަށް ޖެހިލަމުން ބުންޏެވެ. އެފަދަ ގޮތަކަށް ފަހުދު ޒާރާއާ މުޚާތަބު ކޮއްފާނެކަމަކަށް ހީކުރެވިފައި ނެތުމުން ޒާރާއަށް ލިބުނީ ސިހުމެކެވެ.
''ފަހަރީ.......... ދެން ތިހާ ގޮތްބޮޑު ނުކޮއްބަލަ....... ބިއުޓިފުލް އޭ ބުނެވުނީމަދޯ ފާޑަކަށް ބަލަން ތިހުރީ..........'' ފަހުދު އަދިވެސް ބޮޑަށް ޒާރާއާ ގާތަށް ޖެހިލިއެވެ.
''އަޅެ އިންމަ ކިހާ ނަސީބު ރަނގަޅު....... އެކަމަކުވެސް އޭނާކަށް ނޭނގެ ދޯ އަންބަކު ގެންގުޅޭކަށް....... އެދިޔައީ މިތަނަށް ދޫކޮއްފަ ރައްޓެހިން ގާތަށް.......... ދެން އެތާ އިންނާނީ މަޖާނަގަން............ އެހެން ނޫނަސް އިމްރާން އެހާ ރޮމެންޓިކެއްވެސް ނޫން ދޯ.........'' ފަހުދު ދެއްކި އެއްވެސް ވާހަކަ އަކަށް ރައްދު ދޭކަށް ޒާރާ ބޭނުމެއް ނޫނެވެ. އޭނާ އެވާހަކަތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ތަންކޮޅެއް ދުރުގައި ގޮނޑިއެއްގައި އިށީދެއިން އޭނާގެ ބައްޕަ ގާތަށް ގޮސް ބައްޕަ ގާތުގައި އިށީނދެލިއެވެ. އެވަގުތު ހާމިދު ގާތުގައި އިން ނާޒިމާގެ މޫނަށް ނުރުހުމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ. ޒާރާގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލުމަށްފަހު އެތަނުން ތެދުވެގެން ގޮސް އެތެރެއަށް ވަނެވެ.
''މަންމަ ދިޔައީތަ އަހަރެން އައިމަ..........'' ޒާރާ ބަލާލީ އޭނާގެ ބައްޕަގެ މޫނަށެވެ.
''އެކަންކަމާ ދަރިފުޅު އަޅާނުލާ........... ބައްޕަ އެބޮތް ދަރިފުޅު ގާތުގައި ވާހަކައެއް ބުނަންވެފަ..........'' ހާމިދު ބުންޏެވެ.
''އަވަހާ ބުނޭ ބައްޕާ.......'' އޭނާގެ ބައްޕަގެ އަތުގައި ޒާރާ ހިފާލިއެވެ.
ހާމިދު ބޭނުންވަނީ ރަށަށް ދާށެވެ. ނާޒިމާގެ ހަރަކާތްތަކާ ޝަކުވާތައް އަޑުއަހާ އަހާ އޭނާ ވަރުބަލިވެއްޖެއެވެ. ޒާރާ ދެކެ ނާޒިމާ އިންތިހާއަށް ރުޅިއަންނަކަން ހާމިދަށް އެނގޭތީ، ޒާރާގެ ދިރިއުޅުމަށް ނާޒިމާގެ ހިޔަނި ނޭޅޭ ހިސާބުގައި ހުރުން ރަނގަޅުވާނެކަމަށް ހާމިދަށް ގަބޫލުކުރެވޭތީއެވެ. ޒާރާއއާއި ކާފަދަރިފުޅު ގާތުގައި ހުންނަން ކިތަންމެހާވެސް ހިތްއެދެއެވެ. އެހެނަސް އެތަނުން ދިއުން އެއީ އެދެމައިންނަށް އެންމެ ފައިދާހުރި ގޮތްކަމުގައިވާތީ ހިތާދެކޮޅަށް ހާމިދު ނިންމީ ރަށަށް ދާށެވެ.
''ބައްޕަ ބޭނުމީ ދެން ރަށަށް ގޮސްލަން...... ޒައިދު އެކަނި އުޅޭތާވެސް ކިހާދުވަހެއް......'' ހާމިދު ބޭނުން ޒާރާއަށް ހާމަކުރީ އެކަގުއި އޭނާއަށް ފެނުނު އެންމެ ރަނގަޅު ގޮތަށެވެ.
__________________________________________
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 22 ޑިސެމްބަރު ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް