ރިސޯޓުތަކުގެ ވަގުތީ ވަޒީފާތަކަށް ދާ މީހުންނަށް!

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަކީ އާންމުން އެންމެ ހިތްހަމަ ނުޖެހޭ އަދި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރާ މައްސަލ...

17 Dec 2020 | 07:19

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަކީ އާންމުން އެންމެ ހިތްހަމަ ނުޖެހޭ އަދި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރާ މައްސަލަ އެވެ.

ރާއްޖޭގައި ކޯވިޑް-19 ގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ބަދަލުވަމުން އަންނަ އިރު މިމަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ކޭސްތައް ދަށަށް ގޮސްފައި އެވެ. ހާއްސަކޮށް ކޯވިޑްގެ ކޮމިއުނިޓީ ސްޕެރެޑް އޮތް މާލޭގައި ކޯވިޑް ކޭސްތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަން އެޗްއީއޯސީންވެސް ފާހަގަ ކުރެ އެވެ.

އެޗްޕީއޭއިން ދަނީ ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދާއި ބަލީގެ ހާލަތު ރާއްޖޭގައި އޮތް މިންވަރަށް ބަލައި ދަތުރުފަތުރު ކުރުން ކޮންޓްރޯކް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުންނެވެ. އެގޮތުން އަތޮޅު ތެރެއަށް ދަތުރު ކުރާ ފަރާތްތަކުގެ 14 ދުވަހުގެ ކަރަންޓީން މުއްދަތު 10 ދުވަހަށް ކުރުކޮށްފައިވާއިރު ވަގުތީގޮތުން ޒަރޫރީ ބޭނުންތަކަށް ސަރުކާރާއި ކުންފުނިތަކުގެ ފަރާތުން ރަށްރަށަށް ދާ މުވައްޒަފުން ޕީސީއާރު ނެގެޓިވް ޓެސްޓު ހުށަހަޅަން ނުޖެހޭ ގޮތަށް ވަނީ ގައިޑްލައިނަށް ބަދަލު ގެނެސްފައި އެވެ.

އަދި މިދިޔަ މާޗް މަހުން ފެށިގެން ޓޫރިސްޓު ރިސޯޓުތަކަށް ދިވެހިން ޗުއްޓީ ހޭދަ ކުރަން ދިޔުން މަނާކޮށްފައި އޮތް އޮތުން އިއްޔެ ނިމުމަކަށް ގެނެސްފައިވެ އެވެ. އެޗްޕީއޭއިން އިއްޔެ އާންމުކުރި އިއުލާނުގައި ބުނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓުގެ ނަތީޖާ އަކާއި އެކު ދިވެހިންނަށް ރިސޯޓުތަކަށް ޗުއްޓީ ހޭދަ ކުރަން ދެވޭނެ ކަމަށެވެ.

އެކަމަކު އެ ދަތުރުގައި އަހަރު ނުވާ ކުޑަކުއްޖަކު ބައިވެރިވިޔަސް އެ ކުއްޖާގެ ޓެސްޓު ހަދާކަށް ނުޖެހޭނެ އެވެ. މިހެން ދަތުރު ކުރާ ދިވެހިން ރިސޯޓު މުވައްޒަފުންނާއި އެއްކޮށް އުޅުމާއި ކައިބޮއެ ހެދުމަކީ މަނާ ކަމެކެވެ.

މިފަދަ ލުއިތަކެއް ދަތުރު ފަތުރަށް ދިން އިރު ރިސޯޓުތަކަށް ވަގުތީ ގޮތުން މަސައްކަތް ކުރަން ދާ މުވައްޒަފުން އަމަލު ކުރަން ޖެހޭ ގޮތާއި ގުޅޭގޮތުން އެފަދަ މަސައްކަތް ކުރާ ފަރާތްތަކުން ދިޔައީ ސުވާލު ކުރަމުންނެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިއުޒިކް ކުޅުން، ކޮމިއުނިކޭޝަން، ޔޫޓިލިޓީ ނުވަތަ އެނޫންވެސް ވަގުތީ މަސައްކަތްތަކަށް ރިސޯޓުތަކަށް ދާ މުވައްޒަފުން 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހޭ ކަމަށެވެ. އެ ފަރާތްތަކުން މާލެ ނައިސް އެހެން ރިސޯޓަކަށް ދާ ނަމަ އިތުރު ޓެސްޓެއް ހަދައި ނަތީޖާ ހުށަހަޅަން ނުޖެހޭނެ ކަމަށާއި އެކަމަކު މާލެއަށް އައުމަށް ފަހު އެހެން ރިސޯޓަކަށް ދާނަމަ އަނެއްކާވެސް ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މިގޮތަށް އަމަލު ކުރާނަމަ ރަށްރަށުގައި އުޅޭ މީހުންގެ ތެރެއިން ރިސޯޓުތަކަށް ދުވަހު މަސައްކަތަށް ދާ މީހުންނަށްވެސް ވަޒީފާއަށް ދެވިދާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިވަގުތު އިތުރު ލުޔެއް އަތޮޅު ތެރޭގެ ރަށްރަށުން ކޮންމެ ދުވަހަކު ރިސޯޓުތަކަށް ކުނިކެހުން ފަދަ މަސައްކަތްތަކަށް ދާ މުވައްޒަފުންނަށް ދެވެން ނެތް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންގައި ވާގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ޗުއްޓީއަށް ރަށަށް ގޮސް ކަރަންޓީން ވާން ޖެހޭނެ އެވެ. މިގޮތަށް ގައިޑްލައިން އެކުލަވާލާފައިވަނީ މީހުން ދިރިއުޅޭ އަދި ކޯވިޑް ކޭސްތައް އެއްވެސް ވަރަކަށް ނެތް ރަށްރަށަށް ކޯވިޑް ފެތުރުން ވީހާވެސް ބޮޑަށް ކޮންޓްރޯލް ކުރުމަށެވެ.

އެޗްއޯއީސީން ބުނީ އާންމުން ހިތްހަމަ ނުޖެހުނަސް އަތޮޅު ތެރޭގެ ސިއްހީ ނިޒާމު އޮތް ހާލަތަށް ބަލައި ފިޔަވަޅުތަކަށް ލުއިދެވޭނީ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެގެން ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 13،402 މީހުން ޕޮސިޓިވްވެފައިވެ އެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 12،786 މީހުން ބަލިން ރަނގަޅުވެފައިވާއިރު 48 މީހުން ވަނީ ކޯވިޑް ޖެހިގެން މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް