"ނޫ ރާއްޖެ" ޕްރޮގްރާމް އިފްތިތާހު ކޮށްފި

ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން "ނޫ ރާއްޖެ" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް...

17 Dec 2020 | 06:29

ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން "ނޫ ރާއްޖެ" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީީ ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާއި، ގައުމުގެ އިގްތިސޯދާއި ކަނޑުފަޅުތަކާ އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއެކު އެއްބަސްވުމެއް އެކުލަވާލައި، މަސައްކަތް ކުރައްވަން ނިންމެވީ، ދިވެހިން ކަނޑުފަޅުތަކަށް ބަރޯސާވާ މިންވަރު ބޮޑުކަމުން ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހިންނަށް އިގްތިސޯދީ ގޮތުން ކުރެއެރުން ހާސިލު ކުރެވޭނީ، އަދި ކުރަންވާނީ ވެސް، ކަނޑުތަކާ ރަހުމަތްތެރި އާދަތަކެއްގެ ތެރެއިން ކަމަށެވެ.

އަދި، ދިވެހި ކަނޑުފަޅުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ދިވެހިން ނުކުޅެދިއްޖެ ހާލަތެއްގައި، ދިވެހިންގެ ސިއްހަތާއި، ދިރިއުޅުމާއި، އިގްތިސޯދު ވެސް ސަލާމަތްކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއަކީ ނޫ އިގްތިސޯދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމިއްޔާތަކެއްގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުމީ ވިއުގައެކެވެ.

ނޫ ރާއްޖެ ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު އެ ޕްރޮގްރާމްގެ ވެބްސައިޓް nooraajje.org އިން ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް