ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންނަކީ ރާއްޖޭގެ އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީގައި ވަރަށް ބޮޑު ހިއްސާއެއްވާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ
ޝާހިދު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުންދާނެކަމަށެވެ.
އަދި ރާއްޖެއާއި ބަންގްލަދޭޝްއާއި ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ރާއްޖޭގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ސިއްހީ، ދިފާޢީ އަދި ތައުލީމީ ދާއިރާއަށް ބަންގްލަދޭޝްއިން ވަމުންދާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކައިގައި ކޯވިޑް-19ގެ ސަބަބުން ރާއްޖެއާއި ބަންގްލަދޭޝްއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ވިއްސާރަ މޫސުމުގައި މި ދަނޑިވަޅުގައި ދިމާވާ ދަތިތައް އަދި އިތުރުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކޯވިޑް-19ގެ މި ދަތި ދަނޑިވަޅުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ވެފައިވާ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ބޭހާ ކާބޯތަކެތި ފޯރުކޮށްދިނުމާއި، ބަންގްލަދޭޝްގެ ސިފައިންގެ މެޑިކަލް ޓީމެއް ރާއްޖެއަށް ފޮނުވައިދިނުމާއި، ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ދަރިވަރުން އަނބުރާ ރާއްޖެ ގެނެސްދިނުން ފަދަ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބަންގްލަދޭޝްގެ "ވިކްޓްރީ ޑޭ" ގެ މުނާސަބަތުގައި އެގައުމުގެ ހާރިޖީ ވަޒީރު ޑރ. އޭ.ކޭ އަބްދުލް މުއުމިން އަށްވެސް މިނިސްޓަރު ޝާހިދު ވަނީ އިއްޔެ މެސެޖެއް ފޮނުއްވާފައެވެ. މި މެސެޖްގައި ބަންގްލަދޭޝްގެ މިނިވަންކަމަށް ޝެއިޚް މުޖީބުއްރަޙްމާން ފެއްޓެވި މަސައްކަތުގައި އެތައް ހާސް ބަޔަކު ފުރާނައިން ޤުރުބާންވިކަން ފާހަގަކުރައްވައި، އެފަރާތްތަކުގެ ހަނދާންތައް މިނިސްޓަރ ޝާހިދު އާކުރެއްވިއެވެ. އަދި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް