އިޓާލިއަން ސެރީއާގައި ރޭ ޔުވެންޓަސް އަދި އެޓަލާންޓާ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ޔުވެންޓަސް އާއި އެޓަލާންޓާ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން މިމެޗުގެ ވަރަށް ކުރީކޮޅު ރޮނާލްޑޯއަށް ހުސް ފުރުޞަތެއް ލިބުނުނަމަވެސް މޮރާޓާ ހުރަސްކޮށްދިން ބޯޅަ އޭރިއާތެރެއިން ރޮނާލްޑޯ ފޮނުވާލިއިރު އެބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ލީޑުނަގަން ދެވަނަ ފުރުސަތެއް ވެސް ޔުވެންޓަސްއަށް ލިބުނެއެވެ. އެޓަލާންޓާގެ ގޯލު އޭރިޔާތެރޭގައި ހުރެ މޮރާޓޯ ރޮނާލްޑޯއަށް ހުސްކޮށްލާފަ ބޯޅަ ދިންނަމަވެސް އެޓަލާންޓާގެ ޑިފެންޑަރު ޖިމްސިޓީވަނީ ހުށިޔާރުކަމާއެކު ޓެކްލްކޮށް އެ ބޯޅަ ދިފާޢުކޮށްފައެވެ. އަދި ދެވަނަ ފަހަރަށް އެބޯޅަ އޭރިއާތެރޭ ހުހަށްހުރި މޮރާޓާ އަށް ލިބުނެނެވެ. ނަމަވެސް މޮރާޓާ ފުންނާބުން ފަހަތަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ.
މެޗުގެ ލީޑު ޔުވެންޓަސްއިން ނެގީ29 ވަނަ މިނެޓުގައި ކިއޭސާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިލަނޑު ކިއޭސާ ކާމިޔާބުކޮށްފައިވަނީ އޭރިއާގެވެސް ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ޔުވެންޓަސް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިނަމަވެސް ފަހު ހާފު ފެށިގެން57 ވަނަ މިނެޓުގައި އެޓަލާންޓާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރެމޯ ފްރޭލާއެވެ.
ނަތީޖާ ހަމަހަމަވެފައިވަނިކޮށް ކިއޭސާއަށް ހަޓެބޯކުރި ފައުލަކާއި ގުޅިގެން ޔުވެންޓަސްއަށް މެޗުގެ ލީޑު ނަގަން ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ އެޓަލާންޓާގެ ކީޕަރު ގޮލީނިީވަނީ ދިފާޢުކޮށްފައެވެ.
ރޭގެ މިނަތީޖާއާއެކު ކުޅުނު 12 މެޗުން ލިބުނު 24 ޕޮއިންޓާއެކު ޔުވެންޓަސް އޮތީ ތާވަލްގެ ތިންވަނާގައެވެ. 28 ޕޮއިންޓާއެކު އޭސީ މިލާން އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް އިންޓަރމިލާންއަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް