މޭކަޕް ކުރުމަކީ ތިމާގެ ބުރުސޫރަ އިތުރަށް ރީތި ކުރުމަށް ގިނަ ބަޔަކު ކުރާކަމެކެވެ. އަދި މިގޮތަށް ބުރުސޫރަ ރީތިކުރުމަށް މޭކްއަޕް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލް ވެސް ކުރެއެވެ.
ބުރުސޫރަ ރީތިކުރުމަށްޓަކައި އެންމެ ގިނައިން ކޭކަޕް ކުރުނަީ އަންހެން ކުދިންނެވެ. ދުނިޔޭގެ އާބާދީގެ 98 އިން ސައްތަ އަންހެންކުދިން އެމީހުންގެ ރީތިކަން އިތުރަށް ހާމަކުރުމަށްޓަކައި މޭކަޕް ކުރާކަމަށް ދިރާސާތަކުން ދައްކައެވެ.
ތެދެކެވެ. މޭކަޕް ކުރުމުން މޫނުމަތި ވަރަށް ރީތި ކަމަށް ދައްކައިދެއެވެ. އުމުރަށް ވުރެ ޒުވާން ކަމަށް ދައްކައި ދިނުމުގެ އިތުރުން، މޫނުގައި ހުންނަ ލަކުނާއި ކަޅުތިލަ ފަދަ އެއްޗެހި ފޮރުވާލުމަށް މޭކަޕް ބޭނުން ކުރުމަކީ އެކަމަށް އޮތް ހަމަ އެކަނި ހައްލެކެވެ.
އެހެންނަމަވެސް ވިސްނާލަން ޖެހޭ މުހިންމު ކަމެއް ވެސް އެބައޮތެވެ. މިގޮތަށް މާގިނައިން މޭކަޕް ކުރުމަކީ މޫނުގެ ހަމަށް ގެއްލުންހުރި ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. މޭކަޕް ކުރުމުން ވަގުތީ ގޮތުން މޫނުމަތީގެ ކުލަ އަލިކޮށްދީ، ހަން އޮމާން ކަމަށް ދެއްކި ނަމަވެސް، އެއީ މޫނުގެ ހަން ރީތި ކުރުމަށް އޮތް ފަރުވާއެއް ނޫންކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ.
އަދި މިގޮތަށް ގިނައިން މޭކަޕް ކުރާ މީހުންނަށް ހަމުގެ އެކި ކަހަލަ ބަލިތައް ޖެހޭ ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. މޭކަޕް ކުރަން ބޭނުންކުރާ ފައިންޑޭޝަންއާއި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ ކެމިކަލެއްގެ ސަބަބުން ހަމަށް ކެންސަރު ޖެހުމަށް މަގުފަހި ކުރުވާކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ.
އެހެންކަމުން މާގިނައިން މޫނުގައި ފައުންޑޭޝަން ހޭކުމުގެ ކުރިން އެކަމުގެ ސަބަބުން މޫނުގެ ހަމަށް ލިބިދާނެ ގެއްލުންތަކާއިމެދުގައި ވިސްނާލަން ޖެހެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި މިގަފަ ތަކެތީގެ ކުޑަ މިންވަރެެއްވެސް ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. ކުޑަ އެތިކޮޅަކުން ވެސް މޫނުގެ ހަންގަނޑު ހަލާކުގެތެރެއަށް ވައްޓާލައެވެ.
ފައުންޑޭޝަން އެކަންޏެއް ނޫނެވެ. ލިޕްސްޓިކް، މަސްކާރާ، އައިލައިނަރ، ބްލަޝަރ، ބްރޮންޒަރ، މިހެންގޮސް ކިޔާނެކަމެއް ނެތެވެ. މޭކަޕް ކުރުމުގައި ތިޔަ ބޭނުންކުރާ ހުރިހާ ބާވަތެއްވެސް ތައްޔާރުކޮށްފައި ހުންނަނީ ކެމިކަލް ބޭނުންކޮށްގެންނެވެ.
ގިނަ މީހުން މޭކަޕް ކުރާ ސާމާނު ގަތުމުގެ ކުރިން އޭގައި ތަތްކޮށްފައި ހުންނަ ލޭބަލް ވަރަށް ރަނގަޅަށް ކިޔައެވެ. މިއީ ބޭކާރު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މޭކަޕް އުފައްދަން ބޭނުންކުރާ ހުރިހާ އިންގްރެޑިއެންޓެއް އޭގައި ޖަހާފައި އިންނަ ލޭބަލްގައި ހިމަނާފައެއް ނުވެއެވެ. އެހެންކަމުން، މޭކަޕްގައި ބޭނުންކޮށްފައިވާ ގެއްލުންދެނިވި ބައެއް މާއްދާތައް ލޭބަލްގައި ހުންނާނީ ހިމަނާފައެއް ނޫނެވެ. އެހެންކަމުން ލޭބަލްގައި ލިޔެފައިވާއެއްޗަކަށް އިތުބާރު ނުކުރާށެެވެ.
އެހެން ކަމުން އާންމުކޮށް މޭކަޕް ކުރާ ފަރާތްތަކުން މިކަމަށް ވަރަށް ބޮޑަށް ސަމާލު ވުމަށް ސިއްޚީ މާހިރުން ލަފާދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް