ވެކްސިން ނުލިބޭނެ ކަމަށް ނުވަތަ ކޯވިކްސް ފެއިލްވާނެ ކަމަށް ބުނަން އަދި އަވަސް!

ކޯވިޑް-19 ގެ ވެކްސިން ރާއްޖެއަށް ނުލިބޭނޭ ނުވަތަ ރާއްޖެ ބައިވެރިވެފައިވާ ކޯވިކްސް ފެސިލިޓީ ގައުމުތަކަށް ވެކްސިން ހޯދައި ދިނުމުގައި ފެއިލް ވާނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެ...

16 Dec 2020 | 20:37

ކޯވިޑް-19 ގެ ވެކްސިން ރާއްޖެއަށް ނުލިބޭނޭ ނުވަތަ ރާއްޖެ ބައިވެރިވެފައިވާ ކޯވިކްސް ފެސިލިޓީ ގައުމުތަކަށް ވެކްސިން ހޯދައި ދިނުމުގައި ފެއިލް ވާނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރޭ އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޯވިކްސް ފެސިލިޓީގައި ކޯވިޑްގެ ވެކްސިންތަކުގެ ތެރެއިން ދުނިޔޭގައި އެންމެ ހިނގާ ނުވަތަ އެންމެ ކުރީގައި އުޅޭ ދެ ވެކްސިން ނުހިމެނޭ ކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ ވެކްސިން ހޯދުމުގައި ރާއްޖެއިން ބަލަނީ އެންމެ ކުރީގައި އުޅޭ ވެކްސިންތައް ހޯދުމަށް ނޫން ކަމަށެވެ.

މި ވަގުތު ކޯވިޑްގެ ވެކްސިން ތަކުގެތެރެއިން އެންމެ ކުރީގައި އުޅެނީ މޮޑާނާ އަދި ފައިޒާގެ ވެކްސިނެވެ.

އޭނާ ވިދާޅުވީ ކޯވިކްސް ފެސިލިޓީގައި މިހާރުވެސް ނުވަ ވެކްސިނެއް ހިމެނޭ ކަމަށެވެ. އަދި ރާއްޖެއިން މަސައްކަތް ކުރަނީ ހަމައެކަނި އެ ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ވެކްސިން ހޯދަން ނޫން ކަމަށްވެސް ވިދާޅުވީ އެވެ.

އެޗްއީއޯސީން ދަނީ ދުނިޔޭގެ އެކި ގައުމުތަކާއި ވެކްސިން އުފައްދާ ފެކްޓީތަކާއި މަޝްވަރާ ކޮށްގެން އަވަހަށް ވެކްސިން ލިބޭޭނެ ގޮތެއް ހޯދަމުން ކަމަށް ވިދާޅުވީ ޑރ. ނަޒްލާ ވިދާޅުވީ އެ މަސައްކަތުގެ ތަފްސީލުތައް، ވެކްސިން ގަތުމާއި ގުޅޭ އެގްރިމެންޓަކާ ހަމައަށް ދެވެމުން ހާމަ ކުރާނެ ކަމަށެވެ.

ކޯވިކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ހޯދުމާއި ގުޅޭގޮތުން ޑރ. ނަޒްލާ ވާހަކަ ދެއްކެވީ 2024 ވަނަ އަހަރާ ހަމައަށް ވެސް ފަގީރު ގައުމުތަކުގައި ދިރިއުޅެމުންދާ އެތައް ބަޔަކަށް ވެކްސިން ނުޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ ރޮއިޓާސް އިން ރިޕޯޓު ކުރުމުންނެވެ. އެކަމަކު އަންނަ އަހަރު ނިމުމުގެ ކުރިން ކޯވިޑްގެ އެންމެ ރިސްކް ބޮޑު އާބާދީގެ 20 ޕަސެންޓަށް ވެކްސިން ދެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ކުރިން ބުނެފަ އެވެ.

ޑަބްލިއުއެޗްއޯ ބައިވެރިވެގެން އުފައްދާފައިވާ ކޯވިކްސް ފެސިލިޓި މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ކޯވިޑް-19 ގެ ވެކްސިން ލިބޭނެ އެވެ. ހިލޭ ލިބޭ ވެކްސިންގެ ތެރެއިން ފުރަތަމަ ލިބޭނީ އޭގެ ތެރެއިން ތިން ޕަސެންޓު ވެކްސިނެވެ.

އެޗްއީއޯސީން ބުނީ ރާއްޖެއަށް ފުރަތަމަ ލިބޭ ތިން ޕަސެންޓު ވެކްސިން ދޭނީ ސިއްހީ ދާއިރާ އާއި އެނޫން ދާއިރާތަކުގައި ކޯވިޑްގެ ނުރައްކަލަށް ހުށަހެޅިގެން މަސައްކަތް ކުރަން ޖެހިފައިވާ މީހުންނަށް ކަމަށެވެ.

ދެވަނަ ބުރުގައި ލިބޭ 17 ޕަސެންޓު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން 50 އަހަރުން މަތީގެ އާބާދީ އަށެވެ. މީގެ ތެރޭގައި ކެންސަރު ބަލިން މިދިޔަ އަހަރެއް ދުވަހުގެ ތެރޭގައި ރަނގަޅުވެފައި ވީނަމަވެސް އެމީހުންނަށް ވެކްސިން ދޭނެ ކަމަށެވެ.

އެޗްއީއޯސީން ލަފާ ކުރާ ގޮތުގައި ކޯވިޑް ވެކްސިން ދޭން ޖެހޭނީ ރާއްޖޭގެ އާބާދީގެ80 ޕަސެންޓު މީހުންނަށެވެ. ވެކްސިން ނުދޭ މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި ސިއްހީ ގޮތުން މައްސަލަނެތް އެޗްޕީއޭއިން ކަނޑައަޅާ ކެޓަގަރީތަކަށް ނުފެތޭ 50 އަހަރުން ދަށުގެ މީހުންނެވެ.

ހިލޭ ލިބޭ ވެކްސިންގެ އިތުރުން ދެން ވެކްސިން ދޭން ޖެހޭ މީހުންނަށް ސަރުކާރުން ހިލޭ ވެކްސިން ޖަހައިދޭނެ އެވެ. ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް