މާލޭ ކަޅުވަކަރު މިސްކިތް ރާވައި އަލުން ހުޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދެއްވި އަގުހުރި ހަދިޔާއެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކުރިން ސަލްޓަމް ޕާކުގައި ހުރި ކަޅުވަކަރު މިސްކިތް ނަގައި، ރޫޅާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ވީ ވައުދުތަކުގެ ތެރޭގައި ކަޅުވަކަރު މިސްކިތުގެ ބައިތައް ހޯދައި އަލުން ރޭވުން ހިމެނެ އެވެ.
ފަސް މަސް ދުވަސް ތެރޭގައި އެ މިސްކިތް އަލުން ރާވާފައި ވަނީ ކުރީގެ ދިރާގު މައި އިމާރާތް ހުރި ބިމުގައި އެވެ. އެ މިސްކިތާއި އެކު ވަށައިގެން މައިޒާނެއްވެސް ހަދާފައިވެ އެވެ.
ކަޅުވަކަރު މިސްކިތް މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހާއި ދިމާކޮށް ރަސްމީކޮށް ހުޅުވުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައިސް ސްކޭޓިން ރިންގެއް ހަދަން ރައީސް ޔާމީންގެ ސަރުކާރުގައި ނަގައި އުކާލި ކަޅުވަކަރު މިސްކިތް މާލޭ ބޮޑުގަނޑުވަރު ގޯތިތެރޭގައި އަލުން ބެހެއްޓިފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އަލުން ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ ރައީސް ސޯލިހުގެ ސަރުކާރުން ދެއްވި އަގުހުރި ހަދިޔާއެއް ކަމަށެވެ. އަދި މިއީ މި ބިމުން އިސްލާމް ދީން ނުފޮހެވޭނެ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.
https://twitter.com/abdulla_shahid/status/1328597621238362114
ކަޅުވަކަރު މިސްކިތަކީ މާލޭގައި ހުރި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެކެވެ.
މި މިސްކިތަކީ ދިވެހީންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ހިރިގަލުގެ ރީތި ނަމޫނާއެކެވެ. މި މިސްކިތަކީ ދިވެހިންގެ އާސާރީ، ތާރީހީ އަދި ބަހަވީ މުހިންމު ތަރިކައެކެވެ.
މި މިސްކިތުގައި ބިންވަޅުނަގައި ތާނަ އަކުރުން ލިޔެފައިވާ ބޯގަފަތްކޮޅަކީ ރާއްޖެއިން މިހާރު ފެންނަންހުރި އެންމެ ދުވަސްވީ ތާނަ އަކުރުގެ އެއް ލިޔުމެވެ. މި މިސްކިތް އެންމެ ފުރަތަމަ ބަހައްޓާފައިވަނީ ދިވެހި ޝާހީ ގަނޑުވަރުގެ ގޯތިތެރޭގައެވެ. އޭގެފަހުން އެކި ފަހަރު މަތިން، އެކި ސަބަބުތަކާ ގުޅިގެން، މި މިސްކިތް އެކި ތަންތަނަށް ބަދަލު ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް