ހަރިކޭން އަޔޯޓާ ގެ ނަމުން ނަންދެވިފައިވާ ތޫފާން ކެޓަގަރީ ފަހެއްގެ ޠޫފާނަކަށް އިއްޔެ ބަދަލުވެއްޖެ އެވެ.
ސެންޓްރަލް އެމެރިކާ ސަރަހައްދަށް ދާދިފަހުން ހަރިކޭން އެޓާ ގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބިފައިވަނިކޮށް އަނެއްކާވެސް އެ ސަރަހައްދުގައި އުފެދިފައިވާ މި އާ ތޫފާނާ ގުޅިގެން މަޔާމީ ގައި ހުންނަ ނެޝެނަލް ހަރިކޭން ސެންޓަރ އިން ބުނީ މި ތޫފާނުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާ ވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި ބޯކޮށް ވާރޭވެހުމާ އެކު ބާރަށް ވައިޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ތޫފާން ގަޑިއަކު 9 މޭލަށް ހުޅަނގަށް ދަތުރު ކުރަމުން ދާއިރު، މި ތޫފާން ވަނީ ނިކަރާގުއާ އާ ހަމައަށް ފޯރާފަ އެވެ. އަދި ތޫފާނުގައި ގަޑިއަކު 155 މޭލަށް މިހާރުދަނީ ވައިޖެހެމުން ނެވެ.
ތޫފާނުގެ އަސަރު ކުރަމުންދާ ހިސާބުތަކަށް 15 ފޫޓާ 20 ފޫޓާ ދެމެދަށް ފެންބޮޑުވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ.
ތޫފާނުގެ މިސްރާބު ހުރި ގޮތުން ހޮންޑިއުރަސް އާއި ގުއެޓަމާލާ އަށް ވެސް މި ތޫފާނުގެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ހަރިކޭން އެޓާގެ ސަބަބުން 200 އެއްހާ މީހުން މަރުވެފައިވާއިރު، މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވިފައިވަނީ އެޓާގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދުތަކަށެވެ.
މި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރި ސަރަހައްދުތަކަށް އުފުލުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް