ޓެކުހާ ގުޅޭ ޖިނާއީ މައްސަލަތައް ތަހުގީގު ކުރަން ބޮޑެތި ބާރުތަކެއް މީރާއަށް

ޓެކްސް އާ ގުޅުން ހުންނަ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ތަހުގީގު ކުރުމާ ބެހޭ ގަވާއިދެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެެކުލަވައިލައިފި އެވެ. ...

17 Nov 2020 | 10:24

ޓެކްސް އާ ގުޅުން ހުންނަ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ތަހުގީގު ކުރުމާ ބެހޭ ގަވާއިދެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެެކުލަވައިލައިފި އެވެ.

އެ ގަވާއިދު އެކުލަވައިލީ ޖިނާއީ އިޖުރައާތުގެ ދަށުންނެވެ. އަދި އިއްޔެއިން ފެށިގެން ވަނީ އަލަށް އެކުލަވައިލި ގަވާއިދަށް އަމަލުކުރަން ފަށައިިފަ އެވެ.

މީރާއިން އަލަށް އެކުލަވައިލި ގަވާއިދު ބުނާގޮތުން، ޓެކްސްއާ ގުޅޭ ޖިނާއީ ކުށެއްގެ މައުލޫމާތު ލިބޭ މީހުންނާއި ގާނޫނު ތަންފީޒުކުރާ އެހެން އިދާރާތަކާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ވެސް މީރާ އިން ހުށަހެޅިދާނެ އެވެ. އަދި މީރާ އިން ކުރިއަށް ގެންދާ އޮޑިޓްތަކާއި ތަހުގީގުތަކާއި އެހެނިހެން ގޮތްގޮތުން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް އެ އިދާރާގެ އަމިއްލަ އިސް ނެގުމުގައި  ތަހުގީގު ކުރުމުގެ ބާރު ލިބިދޭނެ އެވެ.

މީގެ އިތުރުން ޓެކްސް އަށް މަކަރު ހަދާކަމަށް ތުހުމަތު ކުރެވޭ މީހުންނާއިހެކިވެރިންނާއި ތަހުގީގަށް މައުލޫމާތު ދެވޭނެ މީހުން ތަހުގީގަށް ހާޒިރުވާން މީރާ އަށް އެންގިދާނެ ކަމަށް ވެސް ގަވާއިދުގައި އޮވެ އެވެ. އަދި ޖެހިޖެހިގެން ދެ ފަހަރު އެންގުމުން ވެސް ހާޒިރު ނުވެއްޖެ ނަމަ، ކޯޓު އަމުރެއްގެ ދަށުން އަދި ފުލުހުން މެދުވެރިކޮށް އެ މީހަކު ބަންދުގައި ބަހައްޓައިގެން މީރާ އަށް ހާޒިރު ކުރެވޭނެ ބާރު ގަވާއިދުން މީރާއަށް ދީފަ އެވެ. މީގެ އިތުރުން

މީރާ އަށް ހާޒިރުނުވި މައްސަލައިގައި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އެ މީހަކަށް ޖިނާއީ ދައުވާ ކުރަން ޕީޖީ އޮފީހަށް ވެސް ފޮނުވޭނެ އެވެ.

ޓެކްސްއާ ގުޅުން ހުރި މައްސަލައެއްގެ ތަހުގީގުގައި ސުވާލު ކުރުމާ ބެހޭ އުސޫލުތައް ވެސް އެ ގަވާއިދުގައި ވަނީ ހިމަނާފަ އެވެ. ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފު ވެއްޖެނަމަމައްސަލަ އިތުރަށް ތަހުގީގު ކުރުން ނުވަތަ އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ޕީޖީ އޮފީހަށް ފޮނުވުން ނުވަތަ މަދަނީ އަދަބެއް ކަނޑައެޅުމަށް ފަހު، މައްސަލަ ނިންމިދާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ. ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފު ވެއްޖެނަމަ އެ ތަހުގީގު ކުރަމުންދާ އެ މައްސަލަ އާމެދު ފަސް ދުވަހުގެ ތެރޭގައި ގޮތެެއް ނިންމަން ޖެހޭނެ އެވެ.

އަލަށް އެކުލަވައިލި ގަވާއިދުގެ ދަށުން މީރާ އިން އެދިގެން މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމާއި ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުމާއި ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ބެލުމާއި އެކައުންޓް ފްރީޒް ކުރުމުގެ އަމުރަށް އެދެވޭނެ އުސޫލުތަކާއި އަދި ފޯން ކޯލް އަޑުއެހުމާ ގުޅޭ އުސޫލުތަކެއް  ވަނީ އެ ގަވާއިދުގެ ދަށުން ހެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް