ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލް ވިއްކާލަނީ ގައުުމު ބަނގުރޫޓުވެފައިވާތީ ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް އެގޮތަށް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދުމުގެ ބޭނުމުގައި ސަރުކާރުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކޮށްގެން 300 މިލިއަން ޑޮލަރުގެ ސްކޫކެއް ވިއްކުމަށް ނިންމައިފަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރުމަށްފަހު ސްކޫކޫ ވިއްކަން އުޅޭކަމަށް އެންމެ ފުރަތަމަ ތުހުމަތު ކުރީ އިިދިކޮޅު ޕާޓީގެ މަޖިލިސް ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު އެވެ.
އޭނާ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ ސަރުކާރުން ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން ބޭނުންވާ ކަމަށް ބުނާ ސިޓީއެއް ލިބިފައިވާ ކަމަށެވެ.
އެ ސިޓީ އަކީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ފޮނުވާފައިވާ ސިޓީ އެކެވެ. އެ ސިޓީ ގައި އަމީރު ވިދާޅުވެފައިވަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިކޮށް ވިއްކަން ހަމަޖެހިފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށް، އިސްލާމިކް ފައިނޭންސްގެ ހަމަތަކުގެ މަތިން 100 ޕަސަންޓް ސަރުކާރު ހިއްސާވާ ސެޕްޝަލް ޕާފޮސް ވެސެލް (އެސްޕީވީ) އެއް ބޭނުންވާނެ ކަމަށެވެ. އަދި އެސްޕީވީ ހެދުމަށްޓަކައި، ވިއްކަން ގަސްދުކުރާ ސުކޫކުގެ 51 ޕަސަންޓަށް ވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނިފިޝަލް އޯނާޝިޕް މި އެސްޕީވީ އަށް ޓްރާންސްފާ ކުރަންޖެހޭނެ ކަމަށެވެ.
އެގޮޮތަށް އެކަން ކުރަން ބަލާއިރު އެންމެ ރަނގަޅު ސަރުކާރުގެ ހަރު މުދަލަކީ ދަރުމަންވަންތަ ހޮސްޕިޓަލް ކަމަށާއި މައްސަލައަކީ އެތަން ފިނޭންސް މިނިސްޓްރީގެ ނަމުގައި ދަށުގައި ނެތި ހެލްތު މިނިސްޓްރީގެ ނަމުގެ ދަށުގައި ހުރުން ކަމަށް އަމީރު ވަނީ އެ ސިޓީގައި ވިދާޅުވެފަ އެވެ. ނަމަވެސް 300 މިލިއަން ޑޮލަރުގެ ސްކޫކު ވިއްކޭނީ އެ އިމާރަތް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލު ކޮށްގެން ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް އިއްޔެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކޮށްގެން ސުކޫކު ވިއްކަން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ހަމަ 2017 ވަނަ އަހަރު ވެސް އިމާރާތުގެ ބެލެނިވެރި ފަރާތުގެ ނަން ބަދަލު ކޮށްގެން ސުކޫކު ވިއްކަން މަސައްކަތް ކުރި ކަމަށާއި އެފަހަރު އެކަން ނުުކުރެވުނީ ދިމާވި ގާނޫނީ މައްސަލައަކާ ހެދި ކަމަށެވެ.
ފިނޭންސުގެ ބަޔާނުގައި ހުރި ވާހަކަތަށް ގަބޫލުނުކޮށް ޖަމީލް މިއަދު ވިދާޅުވީ، ގައުމުގެ ހަރުމުދާ ވިއްކާލަން ޖެހެނީ ސަރުކާރުގެ ނޫ އިގްތިސާދާ ހެދި ކަމަށެވެ. އެއީ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ޖަމީލު އިތުރަށް ވިދާޅުވީ، ވިޔަފާރިތަކާއި މުވައްޒަފުން ތަކުލީފު އުފުލަމުން ދާއިރު، ސަރުކާރުގެ ހަރަދު ކުޑަކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެއްވެސް ކަމެއް ހިމަނައިފައި ނެތް ކަމަށެވެ. ސަރުކާރު ހިންގަން ޖެހޭނީ ރައްޔިތުން ޖޫރިމަނާކޮށް، މުދާ ވިއްކައިގެންތޯ އާއި މަޖިލިސް މެމްބަރުންގެ މުސާރަ ހަމައަށް ދޭން ޖެހޭތޯ ވެސް ޑރ. ޖަމީލް ސުވާލު އުފެއްދެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް