މީޑިއާގެ މިނިވަންކަމަކީ ޑިމޮކްރެޓިކް އަދި އިންސާފު އަށަގެންފައިވާ މުޖްތަމައެއްގެ އެންމެ މުހިއްމު އެއް އަސާސް: ޝާހިދު

މީޑިއާގެ މިނިވަންކަމަކީ ޑިމޮކްރެޓިކް އަދި އިންސާފު އަށަގެންފައިވާ މުޖްތަމައެއްގެ އެންމެ މުހިއްމު އެއް އަސާސް ކަމުގައި ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ މީޑިއާ ފްރީ...

17 Nov 2020 | 08:08

މީޑިއާގެ މިނިވަންކަމަކީ ޑިމޮކްރެޓިކް އަދި އިންސާފު އަށަގެންފައިވާ މުޖްތަމައެއްގެ އެންމެ މުހިއްމު އެއް އަސާސް ކަމުގައި ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ މީޑިއާ ފްރީޑަމް ކޯލިޝަންގެ ވަޒީރުންގެ ފެންވަރުގެ ފުރަތަމަ ބައްދަލުވުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މީޑިއާގެ މިނިވަންކަމާ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުވުން އޮތީ ހޯމަ ދުވަހުގެ ރޭ، ވަރޗުއަލްކޮށެވެ. "ކޮވިޑް-19ގެ ޙާލަތުގައި މީޑިއާގެ މިނިވަންކަން" މި ޝިއާރުގެ ދަށުން މިއަހަރުގެ ގްލޯބަލް ކޮންފަރެންސް އޮން މީޑިއާ ފްރީޑަމް ބާއްވަނީ ކެނެޑާ އާއި ބޮޓްސްވާނާ ގުޅިގެންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މީޑިއާގެ މިނިވަންކަމަކީ ޑިމޮކްރެޓިކް އަދި އިންސާފު އަށަގެންފައިވާ މުޖްތަމައެއްގެ އެންމެ މުހިއްމު އެއް އަސާސްކަމަށެވެ. މީޑިއާގެ މިނިވަންކަމަށް މީޑިއާ ފްރީޑަމް ކޯލިޝަނުން އެކަށައަޅާފައިވާ ހަމަތަކަކީ ރާއްޖެއިން ޤަބޫލުކުރާ ހަމަތަކެއްކަން ބަޔާންކުރައްވައި، މީޑިއާގެ މިނިވަންކަމަށް ރާއްޖޭގައި އޮތް ހުރަސްތައް ނައްތާލަން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް، މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮތް ޚިޔާލުފާޅުކުރުމާ އަބުރު ރައްކާތެރިކުރުމާ ބެހޭ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަކީ އެމަނިކުފާނުގެ ބަރުލަމާނީ ހަޔާތުގައި ކުރެއްވި އެންމެ ފަހު މަސައްކަތްކުޕުޅުކަން ފާހަގަކުރައްވައި، 2018 ވަނަ އަހަރު އެ ޤާނޫނު އުވާލުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ތަސްދީޤު ކުރެއްވުމުން ރާއްޖޭގެ މީޑިއާގެ މިނިވަންކަމުގެ ތާރީޚުގެ ކަޅު ސަފްޙާއެއް ނިމުމަކަށް އައިކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށް މިހާރުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް ކަންކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އެގޮތުން ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ ކޭސްއާއި މަރާލާފައިވާ ބްލޮގަރ ޔާމީންގެ ކޭސް ރިޔާސީ ކޮމިޝަނުން ބަލަމުންދާކަން ފާހަގަކުރައްވައި، މީޑިއާތައް ޖޫރިމަނާކުރުމުގެ ބަދަލުގައި ޒިންމާދާރު ނޫސްވެރިކަމަށް މީޑިއާ އަހުލުވެރިކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ މިސްރާބު ބަދަލުކުރެވުނުކަންވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގައި މީޑިއާގެ މިނިވަންކަމަށް ކުރިމަތިވި ގޮންޖެހުންތަކަށްވެސް މިނިސްޓަރ ޝާހިދު އަލިއަޅުއްވާލެއްވިއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް، ބިރެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅު ނިންމަވާލެއްވީ، ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި މާ މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވަމުންނެވެ.

މީޑިއާ ފްރީޑަމް ކޯލިޝަން އުފެއްދީ 2019 ވަނަ އަހަރު ޖުލައި މަހު، ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގައެވެ. މި ކޯލިޝަންގައި ބައިވެރިވާ މެމްބަރު ޤައުމުތަކުން މަސައްކަތްކުރަނީ މީޑިއާގެ މިނިވަންކަމާ، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ނޫސްވެރިކަމުގެ ޒިންމާ އަދާކުރީތީ އެނޫސްވެރިންނަށް އަނިޔާކުރާ ފަރާތްތައް ޖަވާބުދާރީކުރުވުމަށެވެ. މި ކޯލިޝަންގައި މެމްބަރު 38 ޤައުމު ހިމެނޭ އިރު، ރާއްޖެއަކީ ކޯލިޝަންގެ އެގްޒެކެޓިވް ގްރޫޕްގެ މެމްބަރެކެވެ. އެގްޒެކެޓިވް ގްރޫޕްގައި ދެން ހިމެނެނީ މި ކޯލިޝަން އުފެއްދުމުގައި ހަރަކާތްތެރިވި ކެނެޑާއާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ، ލެޓްވިއާ، ޖަރމަނީ، ގާނާ އަދި ނެދަލެންޑްސްއެވެ.

https://www.youtube.com/watch?v=wBEgdQXXIzY&feature=youtu.be

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް