ސަގާފީ ފަތުރުވެރިކަމެއް އާލާކުރެވޭނެ ގޮތަކާ މެދު ވިސްނުން ބެހެއްޓުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކަޅުވަކަރު މިސްކިތާއި އެ މިސްކިތް ވަށައިގެން އޮންނަ ޕާކު ހުޅުވައިދެއްވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކަޅުވަކަރު މިސްކިތް އަލުން ރާވާ ބަހައްޓާފައި ވަނީ ތަރިކައަކީ އިގްތިސޯދީ މުހިންމު ވަސީލަތެއްގެ ގޮތުގައި ދެކިގެންކަމަށެވެ. ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ތެރޭގައި އިގްތިސޯދީ ދާއިރާތައް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާތީ ރާއްޖޭގައި ސަގާފީ ފަތުރުވެރިކަމެއް އާލާކުރެވޭނެ ގޮތަކާ މެދު ވިސްނުން ބެހެއްޓުމަކީ މުހިންމުކަމެއް ކަމުގައި ދެކިގެންނަވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ކަޅުވަކަރު މިސްކިތް ފަދަ ސަގާފީ ތަރިކައެއް ނެތިގެން ދިޔަނުދީ ރައްކާތެރިކުރުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ކަޅުވަކަރު މިސްކިތަކީ، ދިވެހިންގެ ސަގާފަތާއި، ފަންނުވެރިކަމާ ގުޅި ލާމެހިފައިވާ މިސްކިތެއް ކަމަށް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އަދި އެ މިސްކިތަކީ ދިވެހި އަމިއްލަވަންތަ އެތައް ސިފަތަކެއް ޖަމާވެ ރައްކާތެރި ކުރެވިފައިވާ ތާރީހީ ހަޒާނާއެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ. އެ ގޮތުން ދިވެހިންގެ އިމާރާތްކުރުމުގެ ފަންނުވެރިކަމަށް ބެލި ނަމަވެސް، މިއީ ވަރަށް މުހިންމު މިސްކިތެއްކަމަށާއި މިއީ ރާއްޖޭގައި ކަޅުވަކަރުން ޢިމާރާތްކޮށްފައިވާ، މިހާރު ފެންނަން ހުރި ހަމައެކަނި މިސްކިތްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން އެ މިސްކިތް އަލުން ރާވާ ބަހައްޓާފައި މި ވަނީ ގާނޫނީ ގޮތުން ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފަ ކަމަށް ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އމަލުކުރަން ފެށި ސަގާފީ ތަރިކައިގެ ގާނޫނު ބުނާ ގޮތުން، މިފަދަ ތަންތަން ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ، ދައުލަތާއި ރައްޔިތުންގެ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ކުރީގެ ދިރާގު މައި އިމާރާތް ހުރި ބިމުގައި ކަޅުވަކަރު މިސްކިތް ރޭވީ ފަސް މަސްދުވަސް ތެރޭގައި އެވެ.
މާލޭ ކަޅުވަކަރު މިސްކިތަކީ ދިވެހީންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ހިރިގަލުގެ ރީތި ނަމޫނާއެކެވެ. މި މިސްކިތަކީ ދިވެހިންގެ އާސާރީ، ތާރީހީ އަދި ބަހަވީ މުހިންމު ތަރިކައެކެވެ.
މި މިސްކިތުގައި ބިންވަޅުނަގައި ތާނަ އަކުރުން ލިޔެފައިވާ ބޯގަފަތްކޮޅަކީ ރާއްޖެއިން މިހާރު ފެންނަންހުރި އެންމެ ދުވަސްވީ ތާނަ އަކުރުގެ އެއް ލިޔުމެވެ. މި މިސްކިތް އެންމެ ފުރަތަމަ ބަހައްޓާފައިވަނީ ދިވެހި ޝާހީ ގަނޑުވަރުގެ ގޯތިތެރޭގައެވެ. އޭގެފަހުން އެކި ފަހަރު މަތިން، އެކި ސަބަބުތަކާ ގުޅިގެން، މި މިސްކިތް އެކި ތަންތަނަށް ބަދަލު ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް