ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހއ. ހޯރަފުއްޓަށް ކުރައްވަން ހަމަޖެހިފައި އޮތް ދަރުފުޅު މާދަމާއަށް ފަސް ކުރައްވައިފި އެވެ.
އެމަނިކުފާނު މިއަދު ހޯރަފުއްޓަށް ވަޑައިގެންނަވަން ހަމަޖެހިފައި އޮތީ އެ ރަށުގައި ތަރައްގީ ކުރި ޑޮމެސްޓިކް އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމަށެވެ. އެ އެއާޕޯޓަށް އިއްޔެ ވަނީ މޯލްޑިވިއަންގެ ޓެސްޓު ފްލައިޓު ޖައްސާފައި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ދަތުރުފުޅު ފަސްކުރެއްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި މިއަދު އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ރީނދޫ އެލާޓު ނެރެފައި އޮތުމުން ދަތުރު ކުރެއްވުން ރައްކާތެރި ނުވާނެތީ ކަމަށް ވިދާޅުވި އެވެ.
ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓަކީ މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓެވެ. އެ އެއާޕޯޓު ރަސްމީކޮށް ހުޅުވަން މިއަދު ނިންމީ ނޮވެމްބަރު 17 އަހަރީ ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވި ދުވަސްކަމަށްވާތީ އެވެ.
ފަހުވަގުތު މޫސުން ގޯސްވެ ރައީސްގެ ދަތުރުފުޅު ފަސްކުރައްވަން ޖެހިވަޑައިގެންނެވި އިރު މިއަދު އެއާޕޯޓު ރަސްމީކޮށް ހުޅުވުމާއި ރައިސް ވަޑައިގެންނަވާތީ ހޯރަފުށީ އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި އެވެ.
ހޯރަފުށީ އެއާޕޯޓު ހަދާފައިވަނީ އެ ރަށުގެ ދެކުނު ފަރާތު ފަޅުގެ 842،200 ކިއުބިކް މީޓަރުގެ ބިން ހިއްކައިގެންނެވެ. އެ ރަށާއި އެއާޕޯޓު ގުޅުވާފައިވަނީ ތާރު އަޅައިގެން ހަދާފައިވާ މަގަކުންނެވެ.
ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކޮށްފައިވެ އެވެ. ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.
ހޯރަފުށީ އެއާޕޯޓު މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް