ކޮންމެ ދުވަހަކީ ވެސް މުޅިން އާ ދުވަހެކެވެ، މުޅިން އާ ކަންތައްތަކެއް ދަސްވެ އަ ތަޖްރިބާއެއް ކުރެވޭނެ ދުވަހެކެވެ. އެހެންކަމުން ކޮންމެ ދުވަހަކީވެސް އުފާވެރިކޮށް އަދި ހިތްހަމަޖެހިގެން ވޭތުކުރެވޭ ދުވަހަކަށް ހެދުމަށް ހެނދުނު ހޭލައިގެން ތެޅިފޮޅި ނޫޅޭށެެވެ. ފަތިހު ހޭލައިގެން އެއްވެސް ހާލެއްގައި މިއަދު މިއުޅެނީ ފުޓްސަލް މެޗެއް ކުޅެން ކަމަށް ނުދެކޭށެެވެ. ހަމަޖެހިގެން ކަންތައް ކުރިއަށް ގެންދަން ބޭނުންނަމަ ތިމާ ފުރަތަމަ ހޭވެރިކަން ވާށެވެ. އެގޮތުން ފަތިހު ތެދުވެ ފުރަތަމަވެސް ނަމާދުކުރަން އިސްކަން ދޭށެވެ. އަދި އެއަށްފަހު ހެނދުނާއި ހަވީރުގެ ޒިކުރުތަށް ކިޔާލާ ހިއްހަމަ ޖައްސާލާށެވެ. އޭރުން ހުންނާނީ އެދުވަހެއްގެ ތާޒާކަން ލިބިފައެވެ.
އެގޮތުން އެދުވަހެއްގައި ތިމާކުރާނެ ކަންތައް ދުރާލާ ރާވާލުން ވަރަށް މުހިންމެވެ. އެދުވަހެއްގައި ކުރާނެ ކަންތައް ކުރިޔާލާ ރާވާލުމުން ހަމަޖެހިލައިގެން ހުރިހާ ކަމެއް ކުރުމަށް ފުރުސަތު ލިބޭނެ އެވެ. އޭރުން ބޭކާރު ގޮތުގައި މީހާ ސްޓްރެސްވުމާއި ހާސްކަމުގެ ތެރެއަށް ވައްޓާލުމުން ސަލާމްތްކުރެވޭނެ އެވެ. ރޭގަނޑު ނިދަން އެނދަށް އަރައި ސްމާޓް ފޯނުގެ ތެރެއަށް ގެއްލި ބޭކާރު ވަގުތުތަކެއް ނަގާލުމުގެ ބަދަލުގައި މާދަމާ ކުރާނެ ކަންތައްތައް ސިކުނޑީގައި ރާވާލާށެވެ. އޭރުން ފަތިހު ހޭލާއިރު އެދުވަހެއްގައި ކުރަން ޖެހޭ ކަންތައްތައް ރާވާލަން ފުރުސަތުލިބި، ހުރިހާކަމެއް އެދުވަހުން ދުވަހަށް ނިންމާލުމަށް ފަސޭހަވާނެ އެވެ.
ކަން މިހެން ހުރިނަމަވެސް އަޅުގަނޑުމްނެގެ ތެރެއިން ގިނަ މީހުން ރޭގަނޑު ބޭކާރު ވަގުތުތަށް ނަގާލައި ނިދަނީ ވަރަށް ދަންވާ ފަހުންނެވެ. އެގޮތުން ފަތިހު ނަމާދަށް ހޭލުމުގެެ ބަދަލުގައި ހޭލަނީ ހެނދުނު އިރުއަރާ ފަހުންނެވެ. ދެން ތެޅި ފޮޅިގަނެގެން މަތި ހަދާލައިގެން ދަނީ އޮފީހަށެވެ. މިހެން ކަންތަށް ވުމުން އެ ދުވަހާއި ދޭތެރޭ މީހާ އަށް ހުރެވޭނީ ފޫހިކަންމަތީގައެވެ. ކުރާނެެ ނުކުރާނެ ކަމެއް ވެސް ނޭންގޭ ހާލަތުގައެވެ. މުޅި ދުވަސްދާނީ ނުތަނަސްކަން މަތީގައެވެ.
އޮފީހަށް ގޮސް މަސައްކަތުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ވަރަށް ޕްރޮޑަކްޓިވް ދުވަހަކަށް ހެދުމަށް ދުވަސް ފަށަން ޖެހޭނީ ވަރަށް އުފަލާއި ހިތްހަމަޖެހިގެން ހުރެ އެވެ. ވަގުތު ކުޑަތަންވެ ތެޅިފޮޅިގަނެގެނެއް ނޫނެވެ.
މިގޮތަށް ކަންތަށްް ދިމާވަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯއެވެ. ގިނަ މީހުން ފަތިހު ހޭލަނީ ވަރަށް މަސައްކަތުންނެވެ. ފޯނުގެ އެލާމް ފަނަރަ މިނެޓުން ފަނަރަ މިނެޓުން ބަދަލުކުރަމުން އައިސް ހޭލެވޭއިރު އޮންނަނީ ވަގުތު ކުޑަތަންވެފަ އެވެ.
ރަނގަޅު ދުވަހެއްގެ ފެށުން ބޭނުންނަމަ މިފަދަ ކަންތަކުން ދުރުވުމަށް މަސައްކަތް ކުރާށެވެ. މުހިންމު ކަމެއް ނެތްނަމަ އަވަހަށް ނިދާށެވެ. އަވަހަށް ނިދާފަ އަވަހަށް ހޭލަން މަސައްކަތް ކުރާށެވެ. އޭރުން މުޅި ދުވަހަށް ރަނގަޅަށް ތައްޔާރުވެލުމަށް ފުރުސަތު ލިބޭނެއެވެ. އޭރުން ހަމަޔަގީނުންވެސް ހިތްހަމަޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް