އިމްރާނަށް ހޫނު ކޮފީތައްޓެއް ހިފައިގެން ނިކުތް ޒާރާގެ މޫނަށް ނަޒަރު ހުއްޓުމާއެކު އެ މޫނުން ނުތަނަވަސްކަމެއް އިމްރާނަށް ފާހަގަކުރެވުނެވެ. ކޮފީމޭޒުމަތީގައި، އިމްރާންގެ ކުރިމަތީގައި ޒާރާ ކޮފީތަށި ބެހެއްޓިއެވެ.
''ފަހަރީ .... އިމްރާނަށް އެކަނިތަ..........ކޮބާ މަށަށް......... މިގޭގައި ހުރިއްޔާ އިމްރާނަށް ދޭ އެއްޗެއް މަށަށްވެސް ދޭންވާނެ އިނގޭ....... ކީކޭ ބަޑީ........'' އިމްރާންގެ ކޮނޑުގައި ޖަހާލަމުން، އިމްރާނަށް ކުރިމަތިވާގޮތަށް ހުރި ގޮނޑީގައި ފަހުދު އިށީނެވެ.
''އެބުނާހެން.......އަދި ގެނޭ އެއްކޮފީ..........'' ޒާރާގެ މޫނަށް ބަލާލަމުން އިމްރާން ހިނިތުން ވެލިއެވެ. ބަދަލުގައި ޒާރާވެސް ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ. އަދި ނުހަނު އަވަހަށް ކޮފީތައްޓެއް ހިފައިގެން އޭނާ ނިކުތެވެ. ފަހުދު ކައިރީގައި ތަށި ބެހެއްޓުމުގެ ބަދަލުގައި ޒާރާ އެ ކޮފީތަށި ބެހެއްޓީ އިމްރާ އިންފަޅީގައެވެ.
''އައްދެ....... މަމީ އިންމަ އެއް ނޫން އިނގޭ..... ފިރިހެނުންނަށްވާ ފިރިހެނުން ނުބޯނެ ކިރުކޮފީއެއް...... '' ފަހުދު ސިނގިރޭޓެއް ރޯކޮށްލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ޒާރާގެ މޫނަށެވެ. އެ ބެލުމުގައި ފޮރުވިފައިވަނީ ކޮން މާނައެއްކަމެއް ޒާރާއަކަށް ނޭނގުނެވެ. އޭނާއަށް އެނގޭކަމަކީ އެބެލުމުން ޒާރާއަށް އުނދަގޫވާކަމެވެ. ކީއްވެކަމެއް ނޭނގެއެވެ. ޒާރާ ކޮފީތަށި ނަގަން އަތްދިއްކޮއްލިވަގުތު އިމްރާން އެ އަތުގައި ހިފަހައްޓާލިއެވެ. ނިކަން ލޯބިންނެވެ.
''ޒާރާ މަޑުކުރޭ........ އަހަރެން ގެނެސްދޭނަން މިފަހަރު.........ފަހުދަށް މަގޭ ޓޭސްޓް ވަރަށް ކަމުދާނެ..... ހަމަޔަގީން....... ބުނޭ ދޮގެކޭ.......'' އިމްރާން ކޮފީތަށި ނަގަމުން ފަހުދުގެ މޫނަށް ބަލާލިއެވެ.
''ދޮގެއް ނޫން....... މިފަހަރު ޖެހޭނީ ތިކަމަށް އެއްބަސްވާން........އިމްރާންގެ ޓޭސްޓް ހަމަ ބަރާބަރު..... މަށަށްވެސް ވަރަށް ކަމުގޮސްފި.........'' ފަހުދު ސިނގިރޭޓް އެތެރެއަށް ދަމާލަމުން ދުންގަނޑުން ޖައްވުތެތެރަށް ބުރުވާލިއެވެ. ފަހުދު އެބުނި އެއްޗަކަށް ސަމާލުކަން ދިނުމެއްނެތި އިމްރާން ހިނގައިގަތީ އެތެރެއަށެވެ.
''އާދޭ..... ޒާރާ..........މިހާރު ތިހިރީ ވަރުބަލިވެފައެއްނު..... ދެން ދޭ އަރާމުކޮއްލަން......'' ފަހުދަށް ކޮފީ ހަދައިދޭން އިމްރާން ބޭނުންވީ ޒާރާ އެތަނުން ފޮނުވާލަން ބޭނުންވާތީއެވެ. ފަހުދު ސިނގިރޭޓް ބޯއިރު ޒާރާ އެތަނުގައި ބަހައްޓަން އިމްރާން ބޭނުން ނުވާތީއެވެ. އެ ކުރެވެނީ ކިހާވަރެއްގެކަމެއްކަން ފަހުދަށް ނޭނގުނަސް، އެއީ ކިހާވރެއްގެ ކަމެއްކަން އިމްރާނަށް އެނގެއެވެ. ޒާރާއަށް ސިނގިރޭޓް ދުމުން އިންތިހާއަށް އުދަގޫ ވާކަން އެއީ އިމްރާނަށް އޮޅިފައި އޮތްކަމެއް ނޫނެވެ. ފަހުދާދިމާއަށް އެހެން ބުނަން އިމްރާން ބޭނުން ނުވީ ފަހުދު ހިތްހަމަ ނުޖެހިދާނެތީއެވެ. އެހެންނޫނަސް ފަހުދުގެ އެކަހަލަ ކަންކަމާ ފާޑުކިޔުމަކީ އިމްރާން ކުރާކަމެއް ނޫނެވެ.
''ހާދަ އަވަހަށް ފަހަރި ތި ފޮނުވާލަނީ........އޯކޭ އެހެން ފަހަރަކުން ފަހަރިއާ ވާހަކަ ދައްކާލާނީ ދޯ ....... އަވަހަށް ދޭ އަރާމުކޮށްލަން.........'' ޒާރާ ހިނގައިގަތުމުން ފަހުދު ބުނިއަޑު އިވުނެވެ. ޒާރާ އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. ވާނީވެސް އެހެންނެވެ. ފަހުދު ކުރިމަތިން ދުރަށް ދާން ބޭނުންވެފައި ޒާރާ ހުންނަތާ ކިތަންމެ އިރެކެވެ.
''އަސްލު ކީއްކުރަން މިހާހެނދުނާ ނިކުމެގެން ތިއުޅެނީ......މިއަދު އޮފް ދުވަހެއްނު......'' އިމްރާން ކޮފީތައްޓެއް ގެނެސް ފަހުދުގެ ކުރިމަތީގައި ބަހައްޓާލިއެވެ. އިށީނދެ ހަމަޖެހިލުމަށްފަހު މޭޒުމަތީގައި އޮތް ފޯނުން ގަޑި ބަލާލިއެވެ.
އޮފީހަށް ދިއުމާ ދޭތެރޭ އަދި ކުޑަވަގުތުކޮޅެއް އެބައޮތެވެ. އަމިއްލަ ގޭގައި، އަމިއްލަ އޮފީހުގައި، އަމިއްލަ މަސައްކަތް ކުރިކަމުގައިވިޔަސް، އިމްރާނަކީ ގަޑިއަށް ސަމާލުކަން ދޭ ޒުވާނެކެވެ. ޒިންމާދާރު ކާމިޔާބު، ޒުވާން ވިޔަފާރި ވެރިއެކެވެ. މުދާ ގެނައުމުގެ ހުރިހާކަމެއް އަލިބެ ކުރިކަމުގައި ވިޔަސް، ހިސާބު ކިތާބު ބެލެހެއްޓުމަކީ އަބަދުވެސް އިމްރާންގެ މަސައްކަތެވެ. ފޮނަދޫގައި އުޅުނު ދުވަސްވަރުވެސް އެފަދަ ހުރިހާކަމެއް އިމްރާން ދިޔައީ ބަލަހައްޓަމުންނެވެ. ދޭތެރެ ދޭތެރެއިން އާއިލާގެ މީހުން އެކިފަހަރު މަތިން މާލެ އަންނަންޖެހެނީ އެ ސަބަބަށްޓަކައެވެ. އިމްރާނާއި ޒާރާ ފުރަތަމަ ދިމާވީވެސް އެފަދަ ދަތުރެއް ނިންމާލާފައި ރަށަށް ދިޔަ ދަތުރުމަތިންނެވެ.
''މިއައީ ހަމަ ފަހަރި ދެކިލަން...... ހެހެހެ ރަނގަޅެއްނު ....... ކަމެއް އުޅެންޏާ ވާނެ ބުނަން އިނގޭ...... ކޮންމެ ފަހަރަކު ހޮސްޕިޓަލަށް ނުދިޔަޔަސް އަހަރެން މިގެއަށް އައިސް ފަހަރި ކަންތައް ބަލައިދޭނަން........އަންހެނުންގެ ހާއްސަ ނޫނަސް މަށަކީވެސް ޑޮކްޓަރެކޭ........ އަމިއްލަ ގޭގައި ޑޮކްޓަރަކު ހުއްޓާ ކީއްކުރަން ކޮންމެފަހަރަކު ހޮސްޕިޓަލަށް ދަނީ........ މީހުންގެ އެސްފީނާ ޖެހިދާނެ......... ރީތި ކުދިންނަން ކަޅިއަޅާ މީހުން ވަރަށް ގިނަވާނެ........އެފަދަ މީހުން ކިތަންމެ ގާތުގައި އުޅުނަސް ގިނަފަހަރަށް ނޭނގޭނެ.........'' ފަހުދު ކޮފީ ޖޯޑުން ކޯވަރެއް ބޯލިއެވެ.
''ފަހުދު ތިބުނީ މުޅިއަކުން ދޮގެއްވެސް ނޫން........ ޒާރާވެސް ހޮސްޕިޓަލަށް ދާން ވަރަށް ފޫހިވެފަ ހުންނަނީ......... ދެން ބުނެބަލަ ކޮންކަމަކު ތި އައީ......'' ފަހުދު ދެއްކި ހުރިހާ ވާހަކައަކަށް އިމްރާން ސަމާލުކަން ދިންހެނެއް ހިޔެއް ނުވެއެވެ. އިމްރާން ބޭނުންވީ މިހާހެނދުނާ ފަހުދު އެގެއަށް އައި ބޭނުމެއް އޮޅުންފިލުވާށެވެ. ފަހުދަކީ ކަމެއް ނެތިއްޔާ ހެދުނު ތެދުވާ މީހެއް ނޫންކަން އިމްރާނަށް އެނގެއެވެ.
''މިއައީ ވަރަށް ބޮޑު ކަމަކު......ބޯއްތަ އުޅޭނެކަމަށް އައީ ....... އެކަމު އަދި ނުހޭލާހެން ހީވަނީ...... ބެލް ޖަހާލާފަ ހަބަރެއް ނުވީމަ މިބަޔަށް މިއައީ..... ނަސީބަކުން ފަހަރި ދޮރު ހުޅުވައިފި........ އިއްމަ ގޭގައި އުޅޭނެކަމަށް އައީ....... ފަހަރި އެކަނި ހުރިކަން އެގުނުނަމަ ނުކެރުނީސް އަންނާކަށް...... ހެހެ......'' ފަހުދު ބަލާލީ އިމްރާނުގެ މޫނަށެވެ. ފަހުދަކީ ދުލަށް އައި ކޮންމެ އެއްޗެއް ބޭރުކޮށްލާ މީހެއްކަން އިމްރާނަށް އެނގެއެވެ. އެހެންވެ އޭނާ ދައްކާ ގިނަ ވާހަކަ ތަކުގައި އޮއްޓަރެއް ނުހުންނާނެކަންވެސް އިމްރާނަށް އެނގެއެވެ. ޒާރާ ދެކިލަން އައިވާހަކަ އެބުނަނީވެސް އިމްރާން ތަޅުވަންކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. ފަހުދު ދެއްކި ވާހަކަތަކުގެ ތެރެއިން އިމްރާނަށް ގަބޫލު ކުރެވުނީ އެންމެ ވާހަކައެކެވެ. އޭނާ އެއައީ އިމްރާނުގެ މަންމަ، ފަހުދުގެ ބޮޑުދައިތަ އާ ބައްދަލުކުރާށެވެ.
''ކީއްކުރަން މަންމަ ހޯދަނީ...... ކޮންކަމެއް މާ ބޮޑުވެގެން ތިއުޅެނީ އަނެއްކާ..... ފަހުދަކީ ކަމެއް ބޮޑުވާ މީހެއް ނޫނެއްނު...... އުޑުވެއްޓުނަސް ފުރަތަމަ ޖެހޭނީ ފަހުދު ބޮލަކު ނޫނޭ އަބަދުވެސް ބުނަމެއްނު.....'' އިމްރާން ހީލިއެވެ.
''މަންމަމެން ފުރާނެ އަންނަ ހަފުތާގަ........ފަޒީލާ މާސްޓާސްވެސް ހަދަން ބޭނުންވާތީ ދާންޖެހޭ ކޮންމެހެންވެސް........ އަދި އެކޮޅުގަ ދެތިން އަހަރެއްވާނެ އެހެންވީމަ....... އަދިވެސް މަންމަގެ ގެ ކުއްޔައްހިފި މީހުންގެ އެގްރީމެންޓްގަ ބާކީ ދެއަހަރެއް އެބައޮތް.........ފަޒީލާ ނިމިގެން އަންނަންވާއިރަށް އެ ގެވެސް ހުންނާނީ މިނިވަންވެފައެއްނު......... މިހާރު މިއުޅޭ އެޕާޓް މަންޓް ދޫކޮއްލަން ކަމަށް މި ވިސްނަނީ މަންމަމެން ފުރީމަ....... ނުލާހިކު ބޮޑުއަގުގަ ކުއްޔަށް އަހަރެން އެކަނި ހުންނަން........ މަންމަ ވެސް އެހާ ހިތްހަމައެއް ނުޖެހޭ....... މިގެއަށް ބަދަލުވާންކަމަށް މި ވިސްނަނީ މަންމަމެން އަންނަންދެން..........'' ފަހުދު ބޮޑުދައިތަ އާ ބައްދަލުކޮއްލަން ބޭނުންވި ސަބަބު އިމްރާނަށް އޮޅުންފިލުވައިދިނެވެ. އިމްރާން ވިސްނާލިއެވެ. ފަހުދު އެކަނި އުޅުމަށްވުރެ އިމްރާންމެން ގެއަށް ބަދަލުވުން މާރަނގަޅު ވާނެ ކަމުގައި އޭނާއަށްވެސް ގަބޫލު ކުރެވުނެވެ. ފަހުދު އެގޭގައި ހުރުމުން ޒާރާއަށް ވެސް ފައިދާތަކެއް ކުރާނެކަން އިމްރާނަށް ޔަގީނެވެ. ވިހަން ކައިރިވަމުން އަންނައިރު ހަމަ ކުއްލިއަކާވެސް ކަމެއް ދިމާވެދާނެއެވެ. ވީއިރު މިދުވަސްކޮޅު ފަހުދު އެގޭގައި ހުރުމުން އިމްރާނުގެ ހިތަށް ވަރަށްބޮޑު ލުޔެއް ލިބޭނެކަމުގައި އޭނާއަށް ގަބޫލުކުރެވުވެ.
''ތީ އެހާބޮޑުކަމެއްތަ.......... އަންނަންވީ ހަމަ.........މީހަމަ ފަހުދުގެ ވެސް ގެއެއްނު........ އެހެންނޫނަސް މި މާލޭގަ މިހާރު މީހަކު އެކަނި އެއްގޭގައި ދިރިއުޅޭކަށް އެހާ ރައްކާތެރިއެއްވެސް ނުވާނެ....... މަންމަމެންގެ އެޕާޓް މަންޓްގަ އަދި އެބަހުރި ހުސްކޮށް ރޫމް......އަހަރެން ހަމަޖައްސާނަން ފަހުދަށް ހުރެވޭގޮތަށް.......އޭރުން ކެއުންބުއިންވެސް ފަސޭހަވާނީ...... ޒާރާ ލައްވާ މަސައްކަތް ކުރުވަން މަންމަ ބޭނުން ނުވާތީ، މިބައިގައި އަދި އެހެން ކައްކައެއް ނުހަދަން..............'' އިމްރާން ގޮނޑިން ތެދުވީ އޮފީސްގަޑި ކައިރިވާތީއެވެ. އިމްރާން ފަރާތުން ލިބުނީ ހަމަ ފަހުދު އުންމީދުކުރިފަދަ އެއްބާރުލުމެކެވެ. އެހެންކަމުން ފަހުދު ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
''ހިނގާ ދަމާ....... އޮފީސްގަޑި ޖެހެންވާއިރަށް އަދި ފެންވަރާލަން ޖެހޭނެ.........ފަހުދު ދޭ ތިރިޔަށް..... މިހާރު މަންމަ ވެސް ހޭލާ އުޅޭނީ........ އަހަރެންވެސް އެބަދަން ސައިބޯން........'' އިމްރާން ކޮފީހުސްކުރި ތަށިތައް ހިފައިގެން ހިނގަތީ އެތެރެއަށް ވަންނާށެވެ. ފަހުދުވެސް އިމްރާން ފަހަތުން ގޮސް އެޕާޓްމަންޓުން ނިކުތެވެ.
***********
އޭގެ ހަފުތާއެއް ފަހުން ފަހުދުގެ މަންމަމެން މެލޭޝިއާ އަށް ފުރިއެވެ. ހަމަ އެދުވަހު ފަހުދު ސަރީފާގެ ގެއަށް ބަދަލިވިއެވެ. އެކަމާ ގޭގެ އެންމެން އިންތިހާއަށް އުފާކުރިއެވެ. ފަހުދުގެ މަޖާ މިޒާޖުގެ ސަބަބުން ގޭތެރޭގެ މާހައުލު އިތުރަށް އުފާވެރިވާނެ ކަމުގައި އެންމެނަށްވެސް ގަބޫލު ކުރެވުނެވެ. ޒާރާ ފިޔަވައެވެ. ޒާރާއަށް އެކަންވީ އިތުރަށް ވިސްނަންޖެހުނު ކަމެއް ކަމުގައެވެ. އެއްވެސް މީހަކު ޒާރާ ގާތު ފަހުދު އެގެއަށް ބަދަލުވާ ވާހަކަ ނުބުނީތީ ޒާރާ ހުރީ ކުޑަކޮށް ހިތްހަމަނުޖހިފައިވެސް މެއެވެ. އެހެންނަމަވެސް އެކަމަކީ އެމީހުންގެ އާއިލާގެ މަސްލަހަތު އޮތްކަމެއް ކަމަށް ވާތީ އެކަމާ ޒާރާ އެއްވެސް އެއްޗެއް ނުބުނެއެވެ. އިމްރާން ހިތުގައި ޖެހިދާނެތީއެވެ. ޒާރާ އާ ދޭތެރޭ ނުބައި ހީއެއް ކޮށްފާނެތީއެވެ. އެ ސަބަބަށްޓަކައި ފަހުދާ ބެހޭގޮތުން ޒާރާގެ ހިތުގައި އުފެދިފައިވާ އެއްވެސް ސުވާލެއް އިމްރާނަކާ އޭނާއެއް ނުކުރެއެވެ. އިމްރާން ބުނެދީފައިވާގޮތުގައި އިމްރާން މަންމައަކީ ފަހުދުގެ މަންމައެއްފަދަ މީހެކެވެ. އެހެންކަމުން ފަހުދަށް އިހްތިރާމް ކުރުމަކީ، އިމްރާންގެ އަތްންބެއްގެ ގޮތުން ޒާރާވެސް ކުރަން ޖެހޭނެ ކަމެއް ކަމުގައި އޭނާގެ އަމިއްލަ ނަފުސަށް ވިސްނާދިނެވެ. އަމިއްލަހިތަށް ވިސްނައިދީގެން ހިތުގައިވާ ނުތަނަވަސްކަން ފިލުވާލެވޭތޯ ޒާރާ މަސައްކަތް ކުރިއެވެ. އޭނާ ބޭނުންވީ ފަހުދާ ދޭތެރޭގައި ކުރެވޭ ކުށް ހީ ނައްތާލާށެވެ. ފަހުދުގެ މައްޗަށް ހިތް ސާފުކޮއްލަން ޒާރާ އަޒުމް ކަނޑައެޅިއެވެ. އިމްރާނަށް ޓަކައެވެ. ޒާރާ ދެކެ އިމްރާން ވާ ލޯތްބަށް ކިލަނބުކަމެއް އަންނާނެ ފަދަ ކަމެއް ޒާރާ ކުރަން ބޭނުން ނުވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް