މާލޭގެ މަގުތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކާ އަޅާ ބަލާއިރު، ދުއްވާތަކެތި ގިނަ މަގުތަކެކޭ ބުނެވިދާނެ އެވެ. އަދި އެއްދުވަހުން އަނެއް ދުވަހަށް އުޅަނދުތައް އަންނަނީ އިތުރުވަމުން، މަގުތައް ފުރެމުން ނެވެ. މިކަމަށް އިމެއް، މިނެއް، އަދި ހުއްޓުމެއްވެސް ނެތެވެ.
ކޮންމެގޮތެއްވިޔަސް ރާއްޖޭގެ އާމްދަނީ ދުވަހުން ދުވަހަށް މިދަނީ ދަށަށެވެ. އާމްދަނީ އިތުރުކުރެވޭނެ މަގުތައް ހޯދަން ވެސް ޖެހެއެވެ.
އެގޮތުން އަންނަ އަހަރު އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުގެ ތެރޭގައި ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ކޮންޖެޝަން ޗާޖެއް ނެގުމަށް ބަޖެޓުގައި މިވަނީ ހިމަނާފަ އެވެ. އަދި ޕާކިންގ ފީއެއް ނެގުމާއި އިތުރު އޮޕަރޭޓަރަކަށް ޓެލެކޮމް ލައިސަންސް ފީ ދޫކުރުމާއި ފްރިކުއަންސީ ސްޕެކްޓްރަމް ޗާޖެއް ނަގަން ފެށުމަށް ވެސް ވަނީ ހިމަނާފަ އެވެ.
އެކަމަކު ސުވާލަކީ، ރޯޑުވަރދިނަސް ގެ ނަމުގައި މިހާރުވެސް ދައުލަތަށް ފީ ނަގައި، އެވަރުން ނުވެގެން ސްޓިކަރ ޖަހައިގެން ވެސް އެތައް ހާސް ރުފިޔާއެއް ދައުލަތަށް ނަގަމުން އަންނައިރު، މާލޭގެ މަގުތައް ތޮށްޖެހުން މަދުވާނީ ރައްޔިތުންގެ ޖީބަށް ބުރަބޮޑުކޮށްގެން ތޯ؟ އުފެދޭ ސުވާލެވެ.
ރޯޑުވަރދިނަސްގެ ނަމުގައި ފައިސާ ނަގަމުން އަންނައިރު، މާލޭގެ މަގުތައް އޮންނަނީ އެބުނާ ރޯޑުވަރދިނަސް ގެ ހަމައާ އުސޫލާ އެއްގޮތަށް ތޯ؟ އިތުރު ފީއެއް ރައްޔިތު މީހާ އަތުން ނެގުމުން މަގުތަކުގެ ތޮށްޖެހުމަށް ހައްލެއް ލިބޭނެ ތޯ؟ ނޫނީ ރާއްޖެ އެތެރެކުރާ އުޅަނދުފަހަރު މަދުވާނެ ތޯ؟ މިއީ ހައްތަހާވެސް މި މައުލޫގައި އުފެދޭ ސުވާލެވެ.
ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށް ބުނާ އިރު، ގިނަ ފަހަރަށް މިފަދަ ކަންކަމުން، ރައްޔިތު މީހާ ބިކަވެ، ހާލުގައި ޖެހުން ނޫން ކަމެއް ނުވެއެވެ.
ރައްޔިތު މީހާގެ އަތުން އިތުރު ފީ އެއް ނުވަތަ ފީ ތަކެއް ނެގުމުގެ ކުރިން ސަރުކާރުގެ ފަރާތުން ވެސް ރައްޔިތުންނަށް ލިބެންޖެހޭ ލުއި ފަސޭހަތަކެއް ހުންނާނެ ކަމަށް އަދިވެސް ވިސްނަވާލެއްވުން ރަނގަޅުކަމުގައި ފެނެއެވެ.
ސަރުކާރާއި ސިޔާސީ ފަރާތްތަކަށް މިއީ މާބޮޑު ކަމަކަށް ނުވާނެ އެވެ. އަދި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ރައްޔިތުންގެ ވަކީލުންގެ ގޮތުގައި ބޮޑުމުސާރަ ނަންގަވައިގެން މަޖިލީހުގައި ތިއްބަވާ ބޭފުޅުންނަށް ވެސް މިއީ ކުޑަކަމަށް ވެދާނެ އެވެ. ނަމަވެސް އާދައިގެ ރައްޔިތު މީހާއަށް މިއީ ވަރަށްވެސްވެސް ބޮޑުކަމަކަށްވާނެއެވެ.
ކޮވިޑް ހާލަތުގައި ދައުލަތެކޭ އެއް ފަދައިން، ދައުލަތް ފެށިގެން އަންނަ، ފެށުން ކަމުގައިވާ އާންމު ރައްޔިތު މީހާގެ ހާލަތުވެސް އިންތިހާއަށް ދަށެވެ. މި ހާލަތުގައި އަނެއްކާވެސް ރައްޔިތު މީހާ އިތުރަށް ބިކަކޮށް، ދަރަނިވެރި ކުރަން ނުހައްދަވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް