މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެޔަށްވެސް ވަނީ ފެންވަދެ ގެއްލުންތަކެއް ވެފައެވެ. ގެއްލުން ލިބުނު އެއްޗިސްތަކުގެ ތެރޭގައި ގޭގޭގައި ހިފާގެންގުޅޭ ތަކެތިހިމެނެއެވެ. އަދި ބައެއް ފިހާރަތަކުގައި ހުރި ތަކެއްޗަށްވެސް ގެއްލުން ލިބިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.
މާލެ ސަރަޙައްދަށް މިރޭ އިރާކޮޅުން ފެށިގެން ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހެމުން ދާއިރު، މާލޭގެ ބައެއް ހިސާބުތަކުގައި 2 ފޫޓަށް ވުރެ ބޮޑަށް ފެންބޮޑުވެފައިވާކަމުގެ މައުލޫމާތު ލިބެއެވެ.
މިކަމާއި ގުޅިގެން މާލޭގެ އެކި ސަރަޙައްދުތަކުގައި ސަލާމަތީ ބާރުތަކުން އަންނަނީ ފެން ހިންދުމަށް ހަރަކާތްތެރިވަމުންނެވެ. އަދި ބައެއް ސަރަޙައްދުތަކުގައި ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މާލެ ސަރަޙައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު އެ ސަރަޙައްދަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ. މިރޭ 11:45 އިން 3:45 އާއި ހަމައަށް ނެރެފައިވާ އެ ސަމާލުގައި ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި މި ވިއްސާރައިގައި ފެންބޮޑުވެދާނެކަމުގެ އިންޒާރުވެސް ސަމާލުގައި ދީފައި ވެއެވެ.
މޫސުމާއި ބެހޭ އިދާރާއިން ވަނީ ކުރިޔަށް އޮތް ވަގުތުތަކުގައި މޫސުން ގޯސްވާނެތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް