ކޯޗު އާތީގެ މޭސްތިރި ކަމުގައި ކްލަބު ވެލެންސިއާއިން ފަރިތަކުރުންތައް ފަށައިފި

ތަޖުރިބާކާރު ކޯޗު އަޙުމަދު އާތިފް (އާތީ) ގެ އިރުޝާދުގެ ދަށުން ކްލަބު ވެލެންސިއާ އިން ފަރިތަކުރުންތައް މިއަދު ފަށައިފި އެވެ. ފުރަތަމަ ޑިވިޜަނުގައި ވާދަކުރުމުގެ ފުރުޞަތު އެކުލަބަށް ލިބިފައި މިވަނީ 2018 ...

17 Oct 2020 | 14:23

ތަޖުރިބާކާރު ކޯޗު އަޙުމަދު އާތިފް (އާތީ) ގެ އިރުޝާދުގެ ދަށުން ކްލަބު ވެލެންސިއާ އިން ފަރިތަކުރުންތައް މިއަދު ފަށައިފި އެވެ.

ފުރަތަމަ ޑިވިޜަނުގައި ވާދަކުރުމުގެ ފުރުޞަތު އެކުލަބަށް ލިބިފައި މިވަނީ 2018 ވަނަ އަހަރު ފުރަތަމަ ޑިވިޜަނުން ރެލިގޭޓްވުމަށް ފަހު އެވެ.

ފުރަތަމަ ޑިވިޜަންގެ ގަދަ ބާރެއްގެ ގޮތުގައި އޮތުމަށް ފަހު، ދިމާވި އަޑިގުޑަންތަކާ އެކު އެޓީމު އަޑިއަޅާލުމަށްފަހު، މިއަހަރުގެ ވަނީ އެޓީމު އިތުރަށް ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދަމުން ނެވެ.

އެގޮތުން އެޓީމުގެ ކޯޗަކަށް އަހުމަދު އާތިފް (އާތީ) ހަމަޖެއްސިއިރު، ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ)ގ އަދި ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރު ވެސް ވަނީ އެޓީމާ ގުޅިފަ އެވެ. އަދި އިތުރު ކުޅުންތެރިންވެސް ހޯދާނެ ކަމަށް އެ ކުލަބުން ވަނީ ބުނެފަ އެވެ.

މިދިޔަ ސީޒަނުގެ ވަކި ހިސާބަކަށް ޓީސީ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިނުމުގެ ކުރިން އާތީ ވަނީ 2016 ވަނަ އަހަރު ޔުނައިޓެޑް ވިކްޓްރީ އަށް ކޯޗުކޮށްދީ އެޓީމަށް ދިވެހި ޕްރިމިއަރ ލީގުގެ ހަތަރު ވަނަ ހޯދައިދީފަ އެވެ. އަދި ޔުނައިޓެޑް ވިކްޓްރީ ދޫކޮށްލުމަށް ފަހު އާތީ ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ވެސް އިރުޝާދުދީފަ އެވެ.

އަކްރަމް (އަކޫ) ޓީސީ ސްޕޯޓްސް ކްލަބުގައި ހުރުމަށް ފަހު، އެނބުރި ކްލަބް ވެލެންސިއާ ގުޅުނު އިރު، އަކްރަމް އަކީ ގިނަ އަހަރުތަކެއްގައި ވެލެންސިއާއަށް ކުޅެފައިވާ ކުޅުންތެރިއެއްވެސް މެއެވެ.

އެގޮތުން އޭނާގެ ފުޓްބޯޅަ ކެރިއަރު 2006 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި އިރު، އަކުރަމް ވަނީ 2013، 2015 އަދި 2016 ވަނަ އަހަރު ވެލެންސިއާ އަށް ކުޅެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ހުރިހާ ކުލަބަކަށް ހެން އޭނާ މިހާތަނަށް ވަނީ ފުޓްބޯޅަ ކުޅެދީފަ އެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓް، ވީބީ ސްޕޯޓްސް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި މާޒިޔާ ހިމެނެއެވެ.

ޔޫރަޕްގެ އެކި ޑިވިޜަންތަކުގައި ވެސް ކުޅެފައިވާ ޒުވާން މިޑްފީލްޑަރު ޒާން އަކީ ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމުގައި މިހާރުވެސް ހިމެނޭ ކުޅުންތެރިއެކެވެ.

ކޮވިޑް-19 އާ ގުޅިގެން އައު ސީޒަންގެ ކުޅުން މެދު ކެނޑިފައިވާއިރު، އަންނަ ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުދިނުމުގެ ތެރެއިން ކުޅިވަރު ހަރަކާތްތަކަށް ހުއްދަ ދެވޭނީ ފެންނަ ކޭސްތަކުގެ އަދަދަށް ބެލުމަށްފަހުގައި ކަމަށް ވިދާޅުވެފައެވެ.

ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާނީ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ އާއި ލީގުގެ ދެ ވަނަ ހޯދި އީގަލްސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް