ވަކީލުންނަކީ ސުލޫކީ މިންގަނޑު ހިފަހައްޓާ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތް ކޮށްދެއްވަން ޖެހޭނެ ބައެއް ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލް އުސްތާޛު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދުވި ފަހުން ފުރަތަމަ ފަހަރަށް 277 ގާނޫނީ ވަކީލުން ހުވާކުރުމަށް އޮންލައިންކޮށް މިއަދު ބޭއްވި ރަސްމނިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެންމެން ވަކީލުން ދެކެ ހިތްހަމައެއް ނުޖެހޭނެ ކަމަށާއި މުޖުތަމައުގެ ތެރޭގައި ވަކީލުންނާ ގުޅޭ ތަފާތު ވާހަކަތައް ދެކެވޭ ކަމަށެވެ. އަދި ސުލޫކީ މައްސަލަތަކުގެ ވާހަކަތައް ދެކެވޭ އިރު، ވަކީލުންނަކީ މުޖުތަމައުގެ ދުޝްމަނުންގެ ގޮތަށް ދޭހަވާ ގޮތަށް ބަހުސް ކުރެވޭ ހާލަތްތައް ވެސް އަންނަ ކަމަށެވެ.
"މިއީ އެއްގޮތަކަށްވެސް އާ ކަމެއް ނޫން. ގާނޫނީ ވަކީލުކަން ކުރުމަކީ ހައްގެއް ނޫން. ވަކީލުކަން ކުރުމަކީ ޝަރަފެއް. ގާނޫނީ ވަކީލުންނަކީ އެމީހުންގެ މުވައްކިލުންނާއި މުޖުތަމައުގެ ތެރެއިން އިހުތިރާމު ލިބިގެންވާ ބައެއް." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މީގެ އިތުރުން ގާނޫނީ ވަކީލުންނަށް ލިބިފައިވާ ޢިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ވެސް މިއަދު ހުވާ ކުރެއްވި ގާނޫނީ ވަކީލުންނަށް އުއްތަމަ ފަނޑިޔާރު ވަނީ ގޮވާލައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް