ޤަޟާޙާޖާ ކުރުމަކީ ވެސް އެކަމަށް ވަކި އަދަބުތަކެއް މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައަޅުއްވަވާފައިވާ ކަމެކެވެ. އެހެން ކަމުން މިފަދަ ކަންކަމަށް ސަމާލުވުމަށް އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވަވާފައިވެއެވެ.
ޤަޟާޙާޖާ ކުރުމަކީ އެކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމެކެވެ. މިކަމަކީ ފަރުވާ ކުޑަކޮށް ދޫކޮށްލެވޭ ވަރަށް ވުރެ ނުރައްކާތެރި މައްސަލައެކެވެ.
ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައި ވަނީ:
عَنْ جَابِرٍ، عَنْ النَّبِيِّ صلىَّ اللهُ عَلَيْهِ وَسَلَّمَ أَنَّهُ نَهَى عَنِ الْبَوْلِ فِي الْمَاءِ الرَّاكِدِ. " رواه مسلم برقم 281 ونحوه عند البخاري 239"
"ހަމަކަށަވަރުން ހުއްޓި އޮންނަ (ދައުރު ނުކުރާ) ފެނަށް ކުޑަކަމުދިޔުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ."
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެހެން ޙަދީޘެއްގައި ވަނީ:
(إِذَا بَالَ أَحَدُكُمْ فَلاَ يَأْخُذَنَّ ذَكَرَهُ بِيَمِيْنِهِ، وَلاَ يَسْتَنْجِ بِيَمِيْنِهِ) [رواه البخاري برقم 154 واللفظ له ومسلم برقم 267]
މާނައީ: "ތިޔަބައިމީހުންކުރެ މީހަކު ކުޑަކަމުދާ ހިނދު އޭނާގެ ޛަކަރުގައި ކަނާތުން އޭނާ ނުހިފާހުށިކަމެވެ. އަދި ކަނާތުން އޭނާ އިސްތިންޖާ ނުކުރާހުށިކަމެވެ."
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައި ވަނީ:
(اتَّقُوا اللَّعَّانَيْنِ ) قَالُوْا: وَمَا اللاَّعِنَانِ يَا رَسُوْلَ اللهِ؟ قَالَ: (الَّذِيْ يَتَخَلَّى فِيْ طَرِيْقِ النَّاسِ أَوْ فِي ظِلِّهِمْ) [رواه مسلم برقم 269]
މާނައީ: "ލަޢުނަތް ލިއްބައިދޭ ދެކަމަކުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. "އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެ ލަޢުނަތްލިއްބައިދޭ ދެކަމަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެއީ މީސްތަކުން ހިނގައި ބިނގައިއުޅޭ މަގު މަގަށް ޤަޟާ ޙާޖާ ކުރާމީހާގެ އެކަމާއި އެބައިމީހުން އަރާމުކުރުމަށް މަޑުކުރާ ހިޔާ ގަނޑު ގަނޑަށް ޤަޟާޙާޖާކުރާމީހާގެ އެކަމެވެ."
މުޢާޛު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައި ވަނީ:
(اتَّقُوا الْمَلاَعِنَ الثَّلاَثَ الْبَرَازَ فِي الْمَوَارِدِ وَقَارِعَةِ الطَّرِيقِ وَالظِّلِّ) " رواه أبو داود برقم 26 وابن ماجة برقم 328 وإسناده حسن. انظر إرواء الغليل 1/100 "
މާނައީ : "ލަޢުނަތް ލިއްބައިދޭ ތިންކަމަކުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. (އެއީ) ފެން ނަގާ ތަންތަނަށާއި މަގު މެދަށާއި ހިޔާގަނޑު ގަނޑަށް ބޮޑުކަމު ދިޔުމެވެ."
ﷲ ތަޢާލާ ލަޢުނަތް ލައްވަފައިވާ މިކަންކަމަކީ ކުޑަކަމެއް ކަމުގައި ދެކެ ފަރުވާ ކުޑަ ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ސިއްޙީ ގޮތުން ބެލިނަމަވެސް މިފަދަ ކަންކަމަކީ ތަފާތު ބަލިތަކަށް ހުޅުވަލެވޭ ދޮރެކެވެ. މާ "ގަޓު" ކަންކަން ކަމުގައި ދެކި ބައެއް ފަރާތްތަކުން ކުރަމުން މިދާ މިފަދަ ނާތަހުޒީބު އަމަލުތަށް ދޫކޮށް އިސްލާމް ދީނުގެ ރީތި އަދަބުތަކަށް ރުޖޫއަވުމަކީ ކޮންމެ ފަރުދެއްވެސް ކުރަން ޖެހޭކަމެކެވެ.
ޤަޟާޙާޖާ ކުރުމުގެ ބައެއް އަދަބުތައް:
1. އެހެން މީހުންނާ އެއްފަރާތްވެ ފަރުދާވުން،
2. ބިސްމި އާއި އަޢޫޛު ކިޔުން: ފާޚާނާއަށް ވަންނަނަމަ ނުވަތަ ހާމަ ތަނަކަށް ނަމަ ހެދުން ތިރިކުރާއިރު އަޢޫޛު ބިސްމި ކިޔުން ސުންނަތްވެގެންވެއެވެ. ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ” އާދަމުގެ ދަރިންކުރެ މީހަކު ހަނޑަސްބުރިއަށް ވަންނައިރު، އެމީހުންގެ ޢައުރަތަކާއި ޖިންނީންގެ ލޯތަކާ ދެމެދުގައިވާ ފަރުދާއަކީ، އޭނާ ބިސްމިﷲ ކިޔުމެވެ.”
3. ކޮންމެހެން ދައްކަން ޖެހިގެން ނޫނީ ވާހަކަ ނުދެއްކުން.
4. މީސްތަކުން ހިނގާއުޅޭ މަގާއި ހިޔާވާން ތިބޭ ތަންތަނަށް ޤަޟާޙާޖާ ނުކުރުން. ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ” ބަދުބަސް ރައްދުވާ ދެކަމަކުން ތިޔބައިމީހުން ރައްކާތެރިވާށެވެ!” ޞަޙާބީން ދެންނެވިއެވެ. ބަދުބަސް ރައްދުވާ ދެކަމަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ” އެއީ މީސްތަކުންގެ މަގު މައްޗަށް ނުވަތަ އެމީހުން ހިޔާހޯދާ ތަންތަނަށް ޤަޟާޙާޖާ ކުރުމެވެ.”
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް