އަނަސްގެ މަރުގެ މައްސަލައިގެ އަޑު އެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފި

ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހު ތޫނު ހަތިޔާރަކުން ހަމާލަދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ އަޑު އެހުމެއް އަންނަ ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ. ގްރޫޕަކުން ގޮސް ތޫނު އެއްޗ...

17 Oct 2020 | 12:39

ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހު ތޫނު ހަތިޔާރަކުން ހަމާލަދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ އަޑު އެހުމެއް އަންނަ ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލި މައްސަލާގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރެ އެވެ. އެއީ މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގާއި ތ. ކިނބިދޫ ގުލްފާމުގޭ، މުހައްމަދު ޝާޒާއި ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާގެ އިތުރުން ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާން އަދި މ. ދިމިޝްގު، އުސްމާން ޝަރީފްގެ މައްޗަށެވެ.

ދައުވާގައިވާ ގޮތުން އަނަސް އަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވީ ޒަޔާނާއި އުސްމާންގެ އިތުރުން އަފްރާހު އަދި ޝާޒެވެ. އެ ހަތަރު މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ބާކީ ތިބި ސިމާހާއި މަހްފޫޒާއި ޖުނައިހްއަކީ އަނަސްއަށް ހަމަލާދިން މީހުން ގޮވައިގެން އެތަނަށް ސައިކަލުގައި ގޮސް އަދި އެ ހަމަލާއަށް ފަހު އެ މީހުން ގޮވައިގެން ސައިކަލުގައި ދިޔަ ތިން މީހުން ކަމަށް ދައުވާގައިވެއެވެ. އެހެންވެ އެ މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މި ދައުވާތަށް މީހުންނާ ދެކޮޅަށް ސިއްރު ބައެއް ހެކިވެރިންނާއި ވީޑިއޯ ފުޓޭޖާއި ވީޑިއޯ އިމޭޖަސް ރިޕޯޓާއި އެ ހާދިސާ ހިނގި ރޭ ދައުވާ ލިބޭ މީހުން އެކަކު އަނެކަކަށް ކޮށްފައިވާ ފޯން ކޯލްތައް ހިމެނޭ ޗާޓާއި އިންޓެލިޖެންސް ރިޕޯޓާއި ތަހުގީގު ރިޕޯޓެއް ހުށަހަޅާފައިވާ ކަން ދައުލަތުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.

ދައުލަތުން ބުނިގޮތުގައި އަނަސްއަށް ހަމަލާ ދިންއިރު ދައުވާ ލިބޭ ބައެއް މީހުން ތިބީ މޫނު ނިވައި ނުކޮށެވެ. އަދި މޫނު ނިވައިކޮށްގެން ބައެއް މީހުން ތިއްބަސް ވެސް އެ މީހުން ހަމަލާދޭން އައި މަގުމަތީގައި ވަކި ހިސާބަކާ ހަމައަށް ތިބީ ނިވައި ނުކޮށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް