މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
އެމްއޭސީއެލްއިން ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 2021 ވަނަ އަހަރަށް އެއާޕޯޓް އިންޝުއަރެންސްގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި ވީއައިއޭއަށް ފޯރުކޮށް ދޭން ޖެހޭ އިންޝުއަރެންސް ތަކުގެ ތެރޭގައި އޯލްރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން އިންޝުއަރެންސް، އެއަރޕޯޓް އެވިއޭޝަން ލަޔަބިލިޓީ އިންޝުއަރެންސް އަދި 'ޓެރަރިޒަމް އިންޝުއަރެންސް ހިމެނޭ ކަމަށެވެ.
މި އިންޝުއަރެންސް ތަކަކީ އެއާޕޯޓަށް އަންނަ މީހުންނާއި މުދަލާއި ހިދުމަތް ރައްކާތެރި ކުރުމަށް ނަގާ ފުލް އިންޝުއަރެންސް ކަވާއެކެވެ.
އިއުލާނުގައި އެމްއޭސީއެލް އިން ބުނެފައިވަނީ، އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:15 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެ ކަމަށެވެ.
މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެ އެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ނުވަ ވަނަ ދުވަސް ކަމަށް އެމްއޭސީއެލްއިން އިއުލާނުގައި ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް