ބިސްކޯދުގެ ރަހަ ބަލައި، ރަހަ ހެޔޮވަރު ކޮށްދޭނެ މީހެއް އަހަރަކު 51,723 ޑޮލަރުގެ މުސާރައަކަށް ހޯދުމަށް ސްކޮޓްލެންޑުގެ ބިސްކޯދު އުފައްދާ ކުންފުންޏަކުން އިޢުލާން ކޮށްފި އެވެ.
"ބޯޑަރ ބިސްކިޓްސް" އިން ބުނީ "މާސްޓަރ ބިސްކެޓިއާ" ގެ މަގާމަށް މީހަކު ހޯދަން ބޭނުންވާ ކަމަށާއި އެ މީހާގެ މުސާރަ އަކީ އަހަރަކަށް 40،000 ޕައުންޑް (51,723 ޑޮލަރު) ކަމަށެވެ.
" މަސައްކަތްކުރާ މުއްދަތުގެ ތެރޭގައި ބިސްކޯދާ އިތުރު އެހެން އެލަވަންސްތައް ލިބޭނެ. ހަފުތާ އަކު މަސައްކަތްކުރަން ޖެހޭނީ 40 ގަޑިއިރު." އެ ކުންފުނިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މިއީ ފުލް ޓައިމް ވަޒީފާއެއް ކަމަށާއި އެ މަގާމު އަދާކުރާ މީހަކަށް އަހަރަކު 35 ދުވަސް ޗުއްޓީއަށް ލިބޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ޢާއިލީ ވިޔަފާރިއެއްގެ ގޮތުގައި ހިންގާ އެ ކުންފުނިން ކުރި އިޢުލާނުގައި ބުނެފައިވަނީ އޭނާގެ މައިގަނޑު މަސައްކަތަކަށް ވާނީ އާ ރަހަތަކުގެ ބިސްކޯދު ނެރެން ޕްލޭން ކުރުން ކަމަށެވެ. އަދި އޭގެ ޓެސްޓްތައް ބަދިގެ ތެރޭގައި ފަށާ ހިސާބުން ގޮސް ބާޒާރަށް ނެރެން ޕެކްކުރުމާ ހަމައަށް ބިސްކޯދުގެ ރަހަތައް ޓެސްޓްކޮށް، އެއްވެސް މައްސަލައެއް އުޅޭ ނަމަ އެކަން ފާހަގަކޮށްދިނުމަކީވެސް އޭނާގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެފައިވެއެވެ.
އެމީހަކީ ރަހައިގެ ހިއްސު ވަރުގަދަ އަދި ބޭކިންގ ގެ ޓެކްނިކަލް ކަންކަން އެނގޭ އަދި ބޭކިންގ ގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ޝަރުތު ކޮށްފައެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލާފައިވާ އިރު، މި މަގާމަށް މީހަކު ނަގާނީ ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ މީހެކެވެ.
މިއީ ބޯޑަރ ބިސްކޯދުގެ ތަފާތު އެފެއްދުންތައް ރަހަ ބަލާލައިގެން ބޮޑު މުސާރައެއް ހޯދުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް