ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ދިގު މުއްދަތަކަށް ލޮކްޑައުން ކުރުމަށް ފަހު އަލުން ހުޅުވާލުމާއި ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޗުއްޓީ ހޭދަ ކުރުމަށް ދަތުރު ކުރަން ފަށާފައި އެވެ.
ރާއްޖެ އަކީ ލޮކްޑައުނަށް ފަހު ބޮލީވުޑް ތަރިން ދަތުރު ކުރަން ބޭނުންވާ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އިންޑިއާގެ ލޮކްޑައުނަށް ފަހު މިހާތަނަށް ރާއްޖެ އައި ތަރިންގެ ތެރޭގައި ތާޕްސީ ޕަންނޫ އާއި މަންދިރާ ބޭދީ ހިމެނެ އެވެ.
އެ ދެ ތަރިންނަށް ފަހު ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަ ކުރަމުންދަނީ ވަރުން ދަވަން އެވެ. ވަރުންވެސް ޗުއްޓީ ހޭދަ ކުރަމުންދަނީ މަންދިރާ އާއި ތާޕްސީ ޗުއްޓި ހޭދަ ކުރި ސޮނެވާފުށީގައި އެވެ.
ވަރުންގެ ޗުއްޓީ އާއި ގުޅޭ މާގިނަ ފޮޓޯއެއް އޭނާ ސޯޝަލް މީޑިއާގައި ހިއްސާއެއް ނުުރެ އެވެ. ހިއްސާކޮށްފައިވަނީ ހަމައެކަނި ސޯޓެއް ލައިގެން ސްވިމިން ޕޫލެއްގައި ހުރި ފޮޓޯ އެވެ. އޭގައި އޭނާ ހުރީ ސޮނެވާފުށިގައި ކަމަށް ބުނެފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވަރުން އަކީ މޫދާއި ގޮނޑުދޮށަށް ވަރަށް ދޯޅަ މީހެކެވެ. ލޮކްޑައުންއަށް ފަހު ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ދިނުމުން އޭނާ އެންމެ ފުރަތަމަ އާއިލާ މެމްބަރުންނާއި ލޯބިވެރިޔާ ނަތާޝާ ގޮވައިގެން ދިޔައީ މުމްބާއީގެ ޖޫހޫ ބީޗަށެވެ.
ވަރުން މީގެ ދެ އަހަރު ކުރިން ނަތާޝާ އާއި އެކު އާ އަހަރު ފާހަގަކޮށްފައިވަނީ ރާއްޖޭގައި އެވެ. މިއީ ވަރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ތިން ވަނަ ފަހަރު ކަމަށްވާއިރު ވަރުން އެންމެ ޗުއްޓީ ހޭދަ ކުރަން ބޭނުންވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.
ވަރުންގެ އިތުރުން ރާއްޖެ އަންނަން ކެތް މަދުވެފައި ތިބި ބޮލީވުޑްގެ ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންގް އަދި އަލީ ފަޒާލް ހިމެނެ އެވެ.
ވަރުން ދެން އެންމެ އަވަހަށް ފެނިގެންދާނީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ޑިސެމްބަރު 25 ގައި ޕްރިމިއާކުރާ "ކޫލީ ނަމްބަރު 1" އިންނެވެ. އެ ފިލްމުގެ ބަތަލާ އަކީ ސާރާ އަލީ ޚާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް