މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރ ކެވިން ޑި ބްރޭނާ އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ މިރޭ އާސެނަލްއާއި ދެކޮޅަށް ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.
ޑި ބުރޭނާއަށް އަނިޔާގެ މައްސަލަ ކުރިމަތިވީ ޔޫއެފާ ނޭޝަންސް ލީގުގައި މިދިޔަ ހަފްތާގައި ބެލްޖިއަމުން އިނގިރޭސި ވިލާތާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
އޭނާއަށް މިރޭގެ މެޗުގައި ނުކުޅެވޭނެ ކަން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވާއިރު، ސިޓީގެ ފޯވާޑް ބްރެޒިލްގެ ގެބްރިއެލް ޖެސުސް އަށް ވެސް ވަނީ އަނިޔާވެފަ އެވެ.
ގާޑިއޯލާ ބުނީ މިރޭގެ މެޗުގައި މުހިންމު ކުޅުންތެރިންތަކަކަށް ނުކުޅެވޭއިރު، އެކަމާއި ކަންބޮޑުވާ ކަމަށާއި އޭނާ އަބަދުވެސް ބޭނުންވަނީ ކުޅުންތެރިން ފިޓްކޮށް ތިބެގެންކަމަށެވެ.
ޑި ބުރޭނާގެ އަނިޔާގެ ވާހަކަ ދައްކަމުން ކޯޗު ބުނީ ޑި ބުރޭނާއަށް ވެފައިވާ އަނިޔާ އާއި މެދު އެއްޗެއް ބުނަން ނޭންގޭ ކަމަށާއި ލަފާކުރެވެނީ އެއީ އެހާ ބޮޑު އަނިޔާއެއް ނޫންކަމަށެވެ. އަދި އޭނާއަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ވަކި ދުވަހެއް ބުނަންނޭންގޭ ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެއެވެ.
ޑި ބްރޭނާގެ އިތުރުން ސިޓީގެ ފޯވާޑް ބްރެޒިލްގެ ގެބްރިއެލް ޖެސުސް އަށް ވެސް ވަނީ އަނިޔާގައި ހުރިއިރު، ކުރިން ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރި އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ މިރޭގެ މެޗުގައި އާސެނަލްއާއި ދެކޮޅަށް ކުޅޭނެއެވެ.
ސިޓީ އާއި އާސެނަލް ލީގުގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގެ ގަޑިން 21:30 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް