ލ. ގަމު ތުނޑީ ޒުވާނުންގެ ޓީމަކުން އިސްނަގައިގެން މިހާރު ކުރިޔައް ގެންދާ “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގައި ރޭ ވެސް ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފައެވެ.
އެގޮތުން ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ކަންމަތީ އެސްސީއާއި ގޯޅި ޖޭއާރު އެވެ. މި މެޗު ފަސޭހަ ކަމާއި އެކު3-8 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ކަންމަތި އެސްސީން ނެވެ. ކަންމަތީ އެސްސީއަކީ މިފަހަރުގެ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން ފޭވަރިޓުންގެ ގޮތުގައި ބެލެވޭ އެއް ޓީމެވެ. އެޓީމުގައި ރާއްޖޭގެ މަޝްޙޫރު ބައެއް ފުޓްސަލް ކުޅުންތެރިން ހިމެނޭކަން ފާހަގަ ކޮށްލަންޖެހެއެވެ. އެގޮތުން ރާއްޖޭގެ ފުޓްސަލްގައި މަޝްޙޫރުކަން ހޯދާފައިވާ އަލީ ހާފިޒް (އައްޔަ ހާއްޕެ) އާއި އިބްރާހިމް އަސްވަދު ހިމެނެއެވެ.
ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކަންމަތީ އެސްސީ ތަފާތު ބޮޑުކޮށް މޮޅުވިއިރު، އެޓީމުގެ އަލީ ހާފިޒް ( އައްޔަ ހާއްޕެ) ވަނީ މި މެޗުގައި 5 ލަނޑު ކާމިޔާބު ކޮށްފައެވެ.
މީގެ އިތުރުން އެޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ހުސެއިން ޝިފާއު ޔޫސުފް އާއި އިބްރާހީމް އަސްވަދް އެވެ. މި މެޗުގެ ޕްލޭޔަރ އޮފް ދި މެޗުގެ މަގާމަށް ހޮވިފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ 5 ލަނޑު ކާމިޔާބު ކޮށްދިން ޖާޒީ ނަމްބަރ 9 އަލީ ހާފިޒް (އައްޔަ ހާއްޕެ) އެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ކިލާއާއި ޑީޑީއެފް ދި ގެނެރޭޝަން އެވެ. މި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ޑީޑީއެފް ދި ޖެނެރޭޝަން އިންނެވެ. މި މެޗު 1-10 ގެ ނަތީޖާއިން ޑީޑީއެފް ދި ގެނެރޭޝަން މޮޅުވިއިރު، މިއީ މި މުބާރާތުގައި މިހާ ތަފާތު ބޮޑުކޮށް ނަތީޖާ ފެނުނު ފުރަތަމަ މެޗެވެ. މި މެޗުގައި ޑީޑީއެފް އިން މޮޅު ކުޅުމެއް ދައްކާ ބޮޑު ނަތީޖާއަކުން މޮޅުވިއިރު، އެޓީމުގެ ޖާޒީ ނަމްބަރ 10 އަޙުމަދު އަޝްރަފް ޔޫސުފް (ސޮބީ) ވަނީ މި މެޗުގައި 6 ލަނޑު ކާމިޔާބު ކޮށްފައެވެ. އެހެން ކަމުން މި މުބާރާތުގައި މިހާތަނަށް ޑީޑީއެފް ކުޅުނު ދެމެޗުގައި އަޝްރަފްް ކާމިޔާބު ކުރި ލަނޑުގެ އަދަދު މިހާރު ވަނީ 8 އަށް އަރާފައެވެ.
އަޝްރަފްގެ އިތުރުން ޑީޑީއެފް އަށް ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ އަޙުމަދު އަޖްވަދާއި އަޙުމަދު ރައްޔާނުގެ އިތުރުން އަލީ މާއިޝްއެވެ. މި މެޗުގެ ޕްލޭޔަރ އޮފް ދި މެޗުގެ މަގާމަށް ހޮވިފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ 6 ލަނޑު ކާމިޔާބު ކޮށްދިން އަޙުމަދު އަޝްރަފް ޔޫސުފް (ސޮބީ)އެވެ. މިއީ އޭނާ މި މަގާމު ޖެހިޖެހިގެން ހޯދި ދެވަނަ މެޗެވެ.
ރޭގައި ކުޅުނު ތިންވަނަ މެޗުގައި ބައްދަލުކުރީ ސުޕަސްޓާރ އާއި ޑީކޭއެންޒެޑްއެވެ. މި މެޗު 4-5 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ސުޕަސްޓާރ އެވެ. މި މެޗުގައި ސުޕަސްޓާރ އިން ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ އިސްމާއިލް ރަޝީދާއި އަބްދުﷲ ނަސީހާއި ހަސަން ލަތީފުގެ އިތުރުން މުޙަންމަދު ޖަމީލްއެވެ. އަދި ޑީކޭއެންޒެޑްގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ މުޙައްމަދު ޖުމާންއާއި އާދަމް ވަހީދު ގެ އިތުރުން އަލީ ހިރާސްއެވެ. މި މެޗުގެ ޕްލޭޔަރ އޮފް ދި މެޗުގެ މަގާމަށް ހޮވިފައިވަނީ މި މެޗުގައި ސުޕަސްޓާރ އަށް ދެ ލަނޑު ކާމިޔާބު ކޮށްދިން ޖާޒީ ނަމްބަރ 10 އިސްމާއިލް ރަޝީދުއެވެ.
މިރޭވެސް މި މުބާރާތުގެ 3 މެޗެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ 20:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ގޯޅި އެސްސީ އާއި ޑޭންޖަރަސް ބޯއީސް ބައްދަލުކުރާއިރު، 21:30 ގައި ކުޅޭ ދެވަނަ މެޗުގައި ރޯޔަލް އެފްސީ އަދި ކަންމަތީ އެފްސީއެވެ. އަދި މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ އައުޓްރީފް އެސްސީ އާއި ޔުނައިޓެޑް ކިލާއެވެ. މި މެޗު ފަށާނީ މިރޭ 22:30 ގައެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް