ޒުވާން ޖީލެއް ނެތި ދަނީ އެވެ. ޒިންމާ ނުނެންގެވޭނަމަ ބަރީއަވާށެވެ!

ދިވެހި ރާއްޖެ އަކީ މީސްކޮޅު މަދު ނަމަވެސް ނިސްބަތުން ވަސީލަތްތައް ގިނަ ގައުމެކެވެ. ޑޮމޮކްރަސީ އަށް ފައްކާވަމުން އަންނަ މި ގައުމުގައި ގައުމީ ދިފާއީ ބާރެއް އެބައޮތެވެ. ސަލާމަތީ ހިދުމަތްތަރިންގެ ގޮތުގައި...

17 Oct 2017 | 03:32

ދިވެހި ރާއްޖެ އަކީ މީސްކޮޅު މަދު ނަމަވެސް ނިސްބަތުން ވަސީލަތްތައް ގިނަ ގައުމެކެވެ. ޑޮމޮކްރަސީ އަށް ފައްކާވަމުން އަންނަ މި ގައުމުގައި ގައުމީ ދިފާއީ ބާރެއް އެބައޮތެވެ. ސަލާމަތީ ހިދުމަތްތަރިންގެ ގޮތުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެއެވެ. އާންމުކޮށް ސިވިލް ސާރވިސް ނުވަތަ މިނިވަން މުއައްސަސާގައި ވަޒީފާ އަދާކުރާ މީހަކަށް ލިބޭ އިނާޔަތްތަކަށްވުރެ އިނާޔަތްތައް ބޮޑެވެ. ބޮޑުވާންވެސް ޖެހެއެވެ. ކެއުމާއި ބޭސްފަރުވާ އާއި ފްލްޓާއި ސައިކަލާއި ބައެއް ބޭފުޅުންނަށް ކާރު ވެސް ލިބުން އެއީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ' ސަލާމަތީ' ހިދުމަތްތެރިން ގައުމު ސަލާމަތްކޮށްދޭންޖެހެއެވެ. އެހެންނޫންނަމަ ނިކަމެތި ރައްޔިތުން އަތުން ޓެކްސް ނަގައިގެން ބޮޑު މުސާރައާއި އިނާޔަތްދޭނެ ކަމެއް ނެތެއް ނޫންތޯއެވެ.

މި ދިވެހި ދައުލަތް މިވަނީ ޑްރަގާއި ދެކޮޅަށް ކުރާ ހަނގުރާމާގައި ބަލިވަމުންނެވެ. މިރުސް ދުމާއި ބަނޑިއާއި އުންޑައާއި ޓޭންކަރާއި މަތިންދާ ބޯޓާއި އާރާއި ބާރާއި ޝާނާ ޝައުކަތު، އެއް ފަރާތުން ހަނގުރާމަކުރާއިރު އަނެއް ފަރާތުގަ މަކަރާއި ހީލަތާއި ފައިސާއި ހަނގުރާމާ ކުރާ މީހުން މޮޅުވަނީ ކީއްވެތޯ ސުވާލު އުފެދެއެވެ. ލަޝްކަރުގެ ތެރޭގައި ވަފާތެރި ނޫން ޢައްދާރުން ތިބީތޯ ސުވާލުއުފެދެއެވެ. ސަރުކާރާއި ދެކޮޅާ ކުރާ ހުރިހާ މަސައްކަތެއް 'ފްލޮޕް' ކޮށްލާ މޮޅު އިންޓެލިޖެންސް ވެސް ޑްރަގްގެ ކުރިމަތީގައި ކުޑަކަކޫ މަތީގައި ސެލިއުޓް ކުރީތޯއެވެ.

ގައުމެއްގެ ޒުވާން ޖީލެއް ފަނާވަނީއެވެ. ސަލާމަތީ ބާރުތައް އެކަންޏެއް ނޫނެވެ. މުޅި ދިވެހި ދައުލަތް، މި ގައުމުގެ ރައުސުލްމާލުން ކަމުގައި ޒުވާނުން މަސްތުގައި ޖެހި އަދާ އަޅިއަށްވާއިރު، ކަހާތަން ހިރުވާވެސް ނުލާ އޮންނަން ވީހެއްޔެވެ. ނޫނީ ކަނޑައެޅިގެން ހަގީގަތް އެނގޭއިރުވެސް މިކަމުގައި އިލްމީ ދިރާސާއެއް ނެތޭ ބުނެ އެތައް ވަގުތެއް ބޭކާރު ކުރާނީތޯއެވެ. ނޫނީ ތިފަދަ މައްސަލަތައް އެކަށީގެންވާ ވަރަށް ހުށަނޭޅެއޭ ބުނެ ހުރިހާ މިޑިއާ އެއްކޮށް ސަޅިބައިސާ ކަނޑާނީތޯއެވެ. ހެޔޮނުވާނެއެވެ. ވަކި ސިޔާސީ ޕާޓީއަކަށް ވަކި ސިޔާސީ މީހަކަށް ވަފާތެރި ނުވާށެވެ. މި ގައުމަށް ވަފާތެރިވާށެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކުރަންވީ ވަގުތަކީ މިއީއެވެ. އަމިއްލަ ލަޝްކަރުގައި ތިބި ޢައްދާރުންނަށް ފިޔަވަޅު އަޅާ، ކަނޑިއާއި ބަޑި އާއި ލޮންސި ހިފައިގެން ނުކުންނަންވީ ވަގުތަކީ މިއީއެވެ. ހަނގުރާމާގައި އަމާންދޭ އަސީރުންނަށް އެކަށީގެންވާ ފަރުވާދޭންވީ ވަގުތަކީ މިއީއެވެ. ލޮބުވެތި ދިވެހި ދައުލަތެވެ. މި ގައުމުގެ ޒުވާނުން ބިކެވެ ނެތިގެން ދިއުމަކީ މި ލޮބުވެތި ގައުމަށް ބަރުދާސްތުކުރެވޭނޭ ކަމެއް ނޫނެވެ. ޒިންމާނަގާށެވެ. އެހެންނޫނީ ރީތި ގޮތުގައި ޒިންމާއިން ބަރީއަ ވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް