ބޮލީވުޑް ވެޓެރަން ބަތަލާ ހެމާ މާލިނީ އަކީ ވެޓެރަން ތަރި، ދަރުމެންދުރާގެ މިހާރު އަނބިމީހާ ކަމުގައިވާއިރު އަދި ސަނީ ޑިއޯލް އަކީ ދަރުމެންދުރާގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިއެއް ކަމުގައިވާއިރު ސަނީ ޑިއޯލް އާއި ހެމާ މާލިނީ އާއި ދެމެދު އޮތީ ވަރަށް "ރިވެތި" ގުޅުމެއް ކަމަށް ހެމާ މާލިނީ ބުނެފި އެވެ.
ހެމާ މިހެން ބުނެފައިވަނީ އޭނާގެ ބަޔޮގްރަފީ ތައާރަފް ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުންނެވެ.
"ހިތައް އަރާފާނެ އަހަންނާ ސަނީއާއި ދެމެދުގެ ގުޅުން ކިހިނެއް ބާއޭ !؟، އޮތީ ވަރަށް "ރިވެތި" ގުޅުމެއް، ބޭނުމެއް ޖެހޭ ހާލަތުގައި އޭނާގެ ބައްޕައާއެކު އަބަދުވެސް ކައިރީގައި ހުންނާނެ، ހާއްސަކޮށް އެކްސިޑެންޓް ވެގެން އުޅުނު އިރު" އުމުރުން 69 އަހަރުގެ ހެމާ ބުނެފައި ވެ އެވެ.
ހެމާ ފާހަގަކުރީ 2015 ވަނަ އަހަރު ހިނގި ކާރު އެކްސިޑެންޓްގެ ވާހަކަ އެވެ. އެ އެކްސިޑެންޓްގައި ހެމާގެ ނޭފަތް އަދި ނިތްކުރި ފަޅައިގެން ދިޔަ އެވެ. ހެމާ ބުނީ އޭނާގެ ހާލު ބަލާލަން އެންމެ ފުރަތަމަ އައި އެކަކީ ސަނީ ކަމަށެވެ.
ހެމާ މާލިނީގެ ބަޔޮގްރަފީ ލޯންޗުކޮށްދިނީ ބޮލީވުޑް ބަތަލާ ދީޕިކާ ޕަޑުކޯން އެވެ. އެ ރަސްމިއްޔާތުގައި ހެމާގެ ދެ ދަރިން ކަމުގައިވާ އިޝާ ޑިއޯލް އާއި އަހާނާ ޑިއޯލް ބައިވެރިވި އެވެ. އަދި ފިލްމީ ދާއިރާގައި ހެމާގެ ގާތް މީހުން ކަމުގައިވާ ރަމޭޝް ސިއްޕީ އާއި ޖޫހީ ޗޯލާގެ އިތުރުން ސުބްހާސް ގާއި ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް